ވޮރަންޓް އޮފިސަރ ގްރޭޑް 3 ޖަޢުފަރު ޢަބްދުއްރަޙްމާން
ދަފްތަރު ނަންބަރު 2699 (ބްލޫލައިޓް/ މ.ރަތްމަންދޫ)

 

އެކިއެކި ތާރީޚުތައް ދިރާސާ ކުރުމާއި، ތާރީޚާބެހޭ ފޮތް އެކުލަވައިލައި، ލިޔެ ޝާއިޢު ކުރުމަކީ، މުޅި ޤައުމަށްވެސް، މިއަދުގެ ޖީލަށްވެސް އަދި އަންނަން އޮތް ޖީލުތަކަށްވެސް ކޮށްދެވޭ ވަރަށްބޮޑު ޚިދުމަތެކެވެ. މިއަހަރު މިރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލު ކުރައްވާ ވޮރަންޓް އޮފިސަރ ގްރޭޑް 3 ޖަޢުފަރު ޢަބްދުއްރަޙްމާނަކީ، ރާއްޖޭގެ ތާރީޚުގެ ތެރެއިން، ޚާއްޞަކޮށް، ޢަސްކަރީ ތާރީޚު ދިރާސާ ކުރައްވައި، އެރޮނގުން ވަރަށްގިނަ މަޢުލޫމާތުތަކެއް އެއްކުރައްވައި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާތަނަށް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭ އަދި ރާއްޖޭގެ ޢަސްކަރީ ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކަށް ކޮށްދެއްވާ ވަރަށް މުހިންމު މަސައްކަތްޕުޅެކެވެ.
 
ޖަޢުފަރު ޢަބްދުއްރަޙްމާނު ސިފައިންގެ ޚިދްމަތުގައި އުޅުއްވާތާ މިވީ 30 އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ޢަސްކަރީ ތާރީޚު ދިރާސާ ކުރުމާއި، ލިޔެ ރައްކާކުރުމާއި އަދި މުދައްރިބެއްގެ ގޮތުން ސިފައިންނަށް ދިވެހި ތާރީޚާއި، ދިވެހި ޢަސްކަރީ ތާރީޚު އުނގަންނައިދެއްވައި، ކިޔަވައިދެއްވަމުން ގެންދަވާފައިވެއެވެ. މަޤްޞަދަކީ، ސިފައިންނަކީވެސް ދިވެހި ތާރީޚަށް ފަޚްރުވެރިވާ ބައެއްގެ ގޮތުގައި، އެމީހުންގެ ޤައުމީ ޙަޔާތް ބިނާކުރެއްވުމެވެ.
 
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޝާއިޢުކޮށްފައިވާ [ތަރައްޤީގެ ދުވެލި 22: ދިވެހި ސިފައިންގެ ޚިދްމަތަށް އައިސްފައިވާ ކުރިއެރުން 1978 – 2007] މި ފޮތް އެކުލަވައިލެއްވުމުގައިވެސް އެންމެބޮޑު ޙިއްޞާއެއް ވެދެއްވި ބޭފުޅަކީ، ޖަޢުފަރު ޢަބްދުއްރަޙްމާނެވެ. އޭގެފަހުން ޝާއިޢު ކުރެއްވި [ސިފައިންގެ ތާރީޚު 1: ދިވެހި ޢަސްކަރީ ނިޒާމުގެ ފެށުން] 2009 ވަނަ އަހަރު ވުޖޫދަށް އައީ، ސިފައިންގެ ތާރީޚު އެއްކޮށް ޖަމާކޮށް ދިރާސާގެ މަސައްކަތް ކުރަން ފެށުނުތާ 17 އަހަރު ފަހުންނެވެ. މިފޮތް ލިޔުމަށް ބޭނުންވެގެން ކުރި މުހިންމު ދިރާސާތައް ކުރައްވާފައިވަނީ، އަލްމަރްޙޫމް ޙަސަން އަޙްމަދުމަނިކެވެ. އެ ދިރާސާތަކުގެ މައްޗަށް ފޮތް އެކުލަވައިލުމުގެ މަސައްކަތް، އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް އަދި ފަހުން އަލްފާޟިލާ ނަސީމާ މުޙަންމަދު (ނ.ޢ.ޢ.ވ) ކުރެއްވިއިރު، މަސައްކަތް ވިލަރެސް ކުރެއްވުމާއި، ފޮތް ފުރިހަމަކުރުމަށް ލިޔަންޖެހުނު ބައެއް ލިޔުންތައް ލިޔުއްވުމާއި، މުޅި މަސައްކަތުގެ އިސް ދައުރެއް އަދާކުރެއްވީވެސް ޖަޢުފަރެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޝާއިޢު ކުރެއްވި [ސިފައިންގެ ތާރީޚު 2: ނޮވެމްބަރު 3] މިފޮތަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން މިހާތަނަށް ޝާއިޢު ކުރެވިފައިވާ އެންމެ ފުރިހަމަ މަޢުލޫމާތު އެކުލެވިފައިވާ ފޮތް ކަމުގައި ވެގެންދިޔައިރު، އެ ދިރާސާގެ ބޮޑުބައެއް ޙިއްޞާ ކުރެއްވި ބޭފުޅަކީ، ޖަޢުފަރު ޢަބްދުއްރަޙްމާނެވެ.
 
2010 ވަނަ އަހަރު ޤާއިމު ކުރެވުނު އެމް.އެން.ޑީ.އެފް ނޮން ކޮމިޝަންޑް އޮފިސަރސް އެކަޑަމީގެ ހިސްޓްރީ ޕްރެސީ [ޢަސްކަރީ ތާރީޚު 1] އާއި [ޢަސްކަރީ ތާރީޚު 2] އާއި، އެމް.އެން.ޑީ.އެފް.ގެ އޮފިސަރ ޓްރޭނިންގ ވިންގުން ހިންގާ އޮފިސަރ ކެންޑިޑޭޓް ކޯހުގެ ދިވެހި ޢަސްކަރީ ތާރީޚުގެ ބައި ލިޔުއްވައި ތައްޔާރު ކުރައްވާފައިވަނީވެސް ޖަޢުފަރު ޢަބްދުއްރަޙްމާނެވެ.  އަދި ދިވެހި ޢަސްކަރީ ތާރީޚުގެ މާއްދާތަކުގެ އޮނިގަނޑު އެކުލަވައިލައްވައި، އެ މާއްދާތަކަށް ބޭނުންވާ ފިލާވަޅުތައް ތައްޔާރު ކުރެއްވުމުގެ އިތުރުން، ދިވެހި ޢަސްކަރިއްޔާގައި ކިޔަވައިދެއްވާ ސީނިއަރ ލެކްޗަރަރއަކީވެސް ޖަޢުފަރު ޢަބްދުއްރަޙްމާނެވެ.
 
ޖަޢުފަރު ޢަބްދުއްރަޙްމާން ފާހަގަކުރެވެނީ، ކިޔަވައިދެއްވުމުގެ އިތުރުން، ދިވެހި ތާރީޚު ކިޔަވައިދެއްވާނެ އިތުރު މުދައްރިސުން ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން، ޖަޢުފަރު ކިޔަވައިދެއްވި ބައެއް ދަރިވަރުން މިހާރު ސިފައިންގެ އެކިއެކި ތަމްރީނުތަކާއި ކޯސްތަކުގައި [ދިވެހި ތާރީޚު] މި މާއްދާ ކިޔަވައިދެއްވަމުން ގެންދަވައެވެ.
 
ޖަޢުފަރު ޢަބްދުއްރަޙްމާނުގެ ޢަޒުމަކީ، ސިފައިންގެ ތާރީޚާބެހޭ ދިރާސާތައް، ކުރިއަށް އޮތް ތާނގައިވެސް ހުއްޓުމެއްނެތި ކުރައްވަމުން ގެންދެވުމެވެ. އަދި ޖަޢުފަރުގެ އުންމީދަކީ، ސިފައިންގެ ޢަސްކަރީ ތާރީޚަކީ، އެ ތާރީޚު ދިރާސާކުރަން ބޭނުންވާ ކޮންމެ މީހަކަށް، ދިރާސާ ކުރެވޭނެ މަގާއި، ވަސީލަތްތައް ތަނަވަސްވެގެން ދިޔުމެވެ.