ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި އެމަނިކުފާނު ކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ.

ސިވިލް އިންޖީނިއަރިންގގެ ދާއިރާއިން، ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އެމަނިކުފާނު ޙާޞިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީގައެވެ. ތަޢުލީމީ ޙަޔާތުގައި، އިބްތިދާއީ މަރުޙަލާއިން ފެށިގެން ޕީއެޗްޑީ ޙާޞިލްކުރެއްވުމާ ހަމަޔަށްވެސް އެމަނިކުފާނު ވަނީ މަތީ ނަތީޖާތަކެއް ޙާޞިލްކުރައްވައިފައެވެ. މަޝްރޫޢުތައް ރާވައި ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ އިތުބާރުހުރި ސަނަދުދޭ އެއް މުއައްސަސާކަމުގައިވާ އެމެރިކާގެ ޕްރޮޖެކްޓް މެނޭޖްމަންޓް އިންސްޓިޓިއުޓުން، ޕްރޮޖެކްޓް މެނޭޖްމަންޓް ޕްރޮފެޝަނަލް (ޕީއެމްޕީ) ސެޓްފިކެޓްވެސް އެމަނިކުފާނު ވަނީ ޙާޞިލްކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998 ވަނަ އަހަރުގެ މާރިޗްމަހުއެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަގާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައިވެސް އިސް މަގާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަގާމުތައްވެސް ފުރުއްވާފައިވެއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ވަޒީރުކަމުގެ މަގާމު އެމަނިކުފާނު ފުރުއްވި އަހަރުތަކަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުނު ދުވަސްތަކެވެ. އަދި އެންމެ އުސް ޢިމާރާތްތަކާ އެންމެ ބިޔަ ޢުމްރާނީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދިޔަ ދުވަސްތައްވެސް މެއެވެ. އަދި އެންމެ ގިނަ މަގު ތާރު އަޅައިގެން ހެދުމާ، ބިން ހިއްކުމުގެ އެންމެ ބޮޑެތި މަޝްރޫޢުތައް ފަށައި، ކާމިޔާބުކަމާއެކު ނިންމި ދުވަސްތައްވެސް މެއެވެ. މީގެ ތެރެއިންވެސް ވަކީން ޚާއްޞަކޮށް، ސިނަމާލެ ބްރިޖް، ދަރުމަވަންތަ ހޮސްޕިޓަލް، ހިޔާ ފްލެޓްތައް، ހައްދުންމަތީ ބޮޑުމަގު، މާލޭ ރިންގް ރޯޑް، މާލޭ އިންޑަސްޓްރިއަލް ވިލެޖް، ހުޅުމާލެ 2 ވަނަ ފިޔަވަހި ބިން ހިއްކުން ފާހަގަކޮށްލެވެއެވެ. މާލެ ސިޓީގައި އެންމެ ގިނަ ޕާކްތަކާ ބަގީޗާތައް ނިންމައި ހުޅުވާލާފައިވަނީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މީގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކާ ސިޓީތަކުގައި ބިން ހިއްކުމާ، ބަނދަރުހެދުމާ، ފެނާ ނަރުދަމާގެ ޚިދުމަތް ފަދަ ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ވަނީ ހިންގައިފައެވެ.

ވެރިކަންކުރާ މާލެ ސިޓީގެ ރައްޔިތުންގެ ސީދާ ވޯޓަކުން، މާލެ ސިޓީއަށް އިންތިޚާބުކުރި ފުރަތަމަ މޭޔަރަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. 17 މެއި 2021 ން 17 ނޮވެމްބަރު 2023 ށް މާލެ ސިޓީގެ މޭޔަރުކަމުގައި އެމަނިކުފާނު ހޭދަކުރެއްވި 2 އަހަރާ 6 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީ ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމުގައި މަޤްބޫލު މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި މޭޔަރުކަމުގައި ހުންނަވައިގެން ސީދާ ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ހާލުބައްލަވައި، އެކި ކަންކަމުގައި ސީދާ ރައްޔިތުންނާ މަޝްވަރާކުރެއްވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. ލާމަރުކަޒީ ނިޒާމު ނަގަހައްޓައި ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ މޭޔަރުކަމުގައި ވަނީ އަޑުއުފުއްލަވައި ވަކާލާތު ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ދިވެހީންގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ރައްޔިތުންގެ މެދުގައި އިންސާފާ ހަމަހަމަކަން ޤާއިމުކުރައްވައި، އިސްލާމްދީނާ ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ނަގަހައްޓަވައި، ގެދޮރުވެރިކަން ޔަޤީންކޮށްދެއްވައި، ތަރައްޤީގެ އައު ޒަމާނެއް ދިވެހި ޤައުމަށް ގެނެސްދެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަނީ ރިޔާސީ ކެމްޕޭނުގައި އިޢުލާނުކުރައްވައިފައެވެ.