ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމާ ހަމަޔަށް އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރުކަމުގެ މަޤާމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވަނީ 9 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައެވެ. މަޖިލީސް މެންބަރުކަމުގައި ހުންނަވައިގެން ފަރެސް މާތޮޑާ ދާއިރާގެ ތަރައްޤީއަށް މުހިންމު ފުރުޞަތުތަކެއް ފަހިކޮށްދެއްވިއެވެ.

ސަރުކާރުގެ ޚިދުމަތް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފެށްޓެވީ 2004 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ހުޅުމާލެ ހޮސްޕިޓަލްގެ ސެކްރެޓަރީގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ގައި، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައިވެސް އެމަނިކުފާނު މަސައްކަތްކުރައްވާފައިވެއެވެ. އަދި އަމިއްލަ ބައެއް ކުންފުނިތަކުގެ ވަޒީފާތައް އަދާކުރެއްވުމުގެ އިތުރުން، ފެމިލީ ކޯޓުގައި ކައިވެންޏާ ޢާއިލީ ގުޅުންތަކަށް ހޭލުންތެރިކޮށްދެއްވާ ލެކްޗަރަރެއްގެ ގޮތުގައިވެސް ޚިދުމަތްކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަކީ، ކުޅިވަރާ އިޖްތިމާޢީ ކަންކަން ކުރިއަރުވަން ތަރުޙީބުދެއްވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމު އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. ސްކޫލް ދައުރުގައި އަދަބީ ގިނަ ޙަރަކާތްތަކެއްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި، ސޯޝަލް ސަރވިސް އެންޑް ކޮމިޔުނިޓީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ އަންގްލިއާ ރަސްކިން ޔުނިވަރސިޓީގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.