ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފައެވެ. އެ ކޮމިޓީއިން ހިއްސާކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވައި ވަޒީރުންގެ މަޖިލީހުން ވަނީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނުގައި ހިމަނުއްވައިގެން، ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރެއްވުމާ ގުޅޭ ކަންތައްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކުރިއަށްގެންދެވުމަށާއި، މި ކެމްޕޭން ވިލަރެސްކުރެވޭނޭ ނިޒާމެއް ކަނޑައެޅުމަށް ނިންމަވާފައެވެ.
މި ކެމްޕޭނުގައި، ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރެއްވުމުގެ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނޭ ފަރާތެއް ހެލްތު މިނިސްޓްރީން އެކަށައެޅުއްވުމަށާއި، ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ފުޅާކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ސަރުކާރުގެ ބައެއް ވުޒާރާތަކުން ވަނީ، ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢުތަކާ ގުޅުންހުރި އަދާހަމަވެސް ހިއްސާކުރައްވައި، އެ މަޝްރޫޢުތަކާ ގުޅޭ ގޮތުންވެސް މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ.
އެގޮތުން، މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކުން ހޯއްދަވައިގެން މިކަން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށާއި، ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.
އަދި، އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން އާދީއްތަ ދުވަހު ވަނީ ނިންމަވާފައެވެ.
ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި، ތަންތަނުގައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާތީ، އެކަމަށް ޙައްލެއް ހޯއްދެވުމަށްވެސް އެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަނީ ނިންމަވާފައެވެ.