بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
الحمد لله ربّ العالمين، والصّلاة والسّلام على رَسُـولِ اللّـه وعلى آله وصحبه أجمعين.
ޒުވާން ޚަޠީބުން، ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރިން، ދައުލަތުގެ ވަޒީރުން، ވަދައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން.
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މި ވަގުތު އަޅުގަނޑުގެ ކުރިމަތީގައިވަނީ ޤައުމާމެދު އާވާ އުންމީދުގެ ހުޅުކޮޅުތަކެއް. ފެންނަމުންދަނީ އުފާވެރި އަދަބުވެރި ކިޔަމަންތެރި ޒުވާން މޫނުތަކެއް. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތްކަމުގައިވާ މާތްވެގެންވާ އިސްލާމްދީން މަތީގައި އަޅުގަނޑުމެން ދެމިތިބޭތާ ނުވަ ޤަރުނު ފުރުމުގެ ފަޚުރުވެރި އުފާ، އަޅުގަނޑުމެން ފާޅުކުރަމުންދާއިރު، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގައި ޒުވާން ޚަތީބުންގެ ގޮތުގައި 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ބައިވެރިވުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހެޔޮ ފާލެއް. ދިވެހި އިސްލާމީ ރޫޙަށް ލިބޭ އާ ބާރެއް. އާ ދިރުމެއް. މީގެ ތެރެއިން 300 ޒުވާން ޚަތީބުން މިއަދުގެ މަހާސިންތާގައި ބައިވެރިވުމަކީ، އަޅުގަނޑު ނުހަނު އުފާ ކުރާ ކަމެއް.
އާދެ! މި ޖަލްސާއަކީ، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ނިންމުމުގެ އުފާވެރި ޖަލްސާ. މި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބެއް ކަމުގައި ދެކެނީ ތިޔަ ޒުވާން ޚަޠީބުންނަށް ހެޔޮއެދުންތައް ރައްދުކުރުން. ތަހުނިޔާ އަދާކުރުން. އަދި މި ފަދަ މުހިންމު މަސައްކަތެއް ކާމިޔާބުކަމާއެކީގައި ޢަމަލީ ގޮތުން ކުރިޔަށް ގެންދިޔުމުގައި ބައިވެރިވެވަޑައިގަތް އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރުން. ވަކިން ޚާއްޞަކޮށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރަށާއި އެމަނިކުފާނުގެ ވުޒާރާގެ ހީވާގި އެންމެހައި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.
އެންމެހައި ލޮބުވެތި ކިޔަވާ ކުދީންނާއި، ދިވެހި ލޮބުވެތި ޒުވާނުން!
ތިޔަކުދީން ރަނގަޅަށް އިސްލާމީ ތާރީޚާއި ދިވެހި ތާރީޚު ބަލައިފިއްޔާ ތިޔަކުދީންނަށް ފެންނާނީ، އިސްލާމްދީން މަތިވެރި ކުރުމުގައި ޒުވާނުން ހޭދަކުރި ހަކަތަ. ޒުވާނުން ފާޅުކުރި ޖޯޝު. ޒުވާނުންގެ ހިންމަތާއި މިންނަތް. އޭގެ ނަތީޖާ ޒަމާންތަކަކަށް ދެމިގެން މި އަންނަނީ.
އިސްލާމީ ތާރީޚަށް ބަލައިފިނަމަ، މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ދީނުގެ ކަންކަމުގެތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ ވަރަށް ތުއްޕުޅުއިރު. އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރި ކުޑަކުއްޖަކީ ޢަލީގެފާނު.
ޢިލްމީ ޚިދުމަތުގެ ރޮނގުން ބަލާއިރު މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ފާހަގަކޮށްލެވޭ. ކީރިތި މާތް ނަބިއްޔާ صـلّى الله علـيـه وسـلّم ސުވަރުގެވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ އުމުރުފުޅަކީ 13 ވަރަކަށް އަހަރު. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ''ތަރުޖަމާނުލްޤުރްއާން'' ގެ ނަމުގައި. ހަމައެހެންމެ، މި އުންމަތުގެ ޢިލްމުގެ ކަނޑުގެ ލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވޭ.
ކީރިތި ޤުރުއާން ލިޔުއްވުމާއި ބެލެހެއްޓެވުމުގެ ދާއިރާއިން ޒައިދު ބިން ޘާބިތު (رضي الله عنه)އަކީ ވަޙީ ލިޔުއްވި ޒުވާން ކާތިބު. ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ އަމުރުފުޅަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނު ޢިބްރީ ބަސްވެސް ދަސްފުޅުކުރެއްވި. ތިޔަކުދީންނަށް އެނގޭނެ ފަދައިން، އަބޫބަކުރުގެފާނާއި ޢުޘްމާނުގެފާނުގެ ދައުރުގައި ކީރިތި ޤުރްއާން އެއްފޮތަކަށް ޖަމާކުރެއްވުމުގެ ބުރަ، ބޮޑު ޢިލްމީ މަސްއޫލިއްޔަތު މިކަލޭގެފާނު އުފުއްލެވި.
އިސްލާމީ ޢިލްމަށް ޚިދުމަތް ކުރެއްވި ޒުވާން ބޭފުޅުންގެ ތެރޭގައި ޢާއިޝާ ރަޟިއްޔަﷲ އަންހާގެ ނަންފުޅުވެސް ފާހަގަކޮށްލަން. އަދި ހަމަ ދީން ފެތުރުމާއި، ދިން ދިފާޢުކުރުމާއި، ދީން ޤާއިމުކުރުމުގައިވެސް ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން. އެ ގޮތުން މުޞްޢަބް ބިން ޢުމައިރު (رضي الله عنه)އަކީ އިސްލާމްދީނުގެ ފުރަތަމަ ސަފީރު. މައްކާގެ އެންމެ ތަނަވަސް، ޒީނަތްތެރި ދިރިއުޅުން ދޫކޮށްލައްވައި، މަދީނާއަށް ހިޖުރަކުރައްވައި އެ ރަށުގެ ގޭގެޔަށް އިސްލާމީ ދަޢުވަތު ފޯރުކޮށްދެއްވުމުގައި އަވަދިނެތި އުޅުއްވި. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، މަދީނާއަކީ ހިޖުރައިގެ ބިމަކަށް ވެގެންދިޔުމުގެ މައިގަނޑު އެއް އަސާސަކީ މި ޒުވާނާގެ ޙިކުމަތްތެރި ދަޢުވަތު.
ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ ރޮނގުން މުޢާޛް ބިން ޖަބަލް (رضي الله عنه)ގެ ނަންފުޅު ވެސް އިސްލާމީ ތާރީޚުގައި ރަންއަކުރުން ފެވިފައިވޭ. ޔަމަނުކަރައިގެ އަހުލުވެރިންނަށް އިސްލާމްދީން އުނގަންނައިދެއްވުމާއި ދަޢުވަތު ފެތުރުއްވުމާއި، އަދި ޤާޟީއެއްގެ ގޮތުގައި ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم ފޮނުއްވީ މި ޒުވާން ޞަޙާބީ. އެކަލޭގެފާނު ފާހަގަކުރެވެނީ ޙަލާލާއި ޙަރާމްގެ ކަންކަމުގައި އުންމަތުގެ އެންމެ ޢިލްމުވެރި އެއް ބޭކަލެއްގެ ގޮތުގައި.
ދެން އޮތީ ދީން ދިފާޢު ކުރެއްވުމާއި ފުތޫޙާތު. މި ރޮނގުން އަޅުގަނޑު ހަމަ އެންމެ ނަންފުޅެއް ފާހަގަކޮށްލާނަން. އެއީ، މަޝްހޫރު މުޙައްމަދު ބިން އަލްޤާސިމް (رحمه الله). އެކަލޭގެފާނު އުމުރުން އެންމެ 17 އަހަރުގައި ސިންދު ކަރަޔާއި ހިންދުސްތާނުގެ ބައްރަށް އިސްލާމީ ފަތަޙަ ގެންދެވި. އެ ސަރަޙައްދުތަކުގައި އިސްލާމީ ދިފާޢާއި އަމަން ޤާއިމުކުރެއްވި ކުޅަދާނަ ލީޑަރަކީ 17 އަހަރުގެ މި ޒުވާނާ. އެހެންވީމާ، މި ކަމުން އަޅުގަނޑުމެންނަށް އެނގެނީ، އިސްލާމީ އުންމަތް ހިންދެމިލުމުގައި ޒުވާނުންގެ އީމާނާއި، ކެރުމާއި، ޢިލްމުވެރިކަމާއި، ވިސްނުންތެރިކަން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަން. އިސްލާމީ އުންމަތުން ފެންނަ މިސާލުތަކުން މިކަން ވަރަށް ރަނގަޅަށް ކަށަވަރުވެގެންދޭ.
އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އަޅުގަނޑުމެންގެ ތާރީޚުންވެސް ފެންނަނީ ދީނީ ޢިލްމުގެ މައިދާނުގައި ޒުވާނުން އަދާކޮށްފައިވާ ދައުރު. ވެފައިވާ ޤުރްބާނީ. ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރީން ދީން އުނގެނިވަޑައިގަތުމަށްޓަކައި އުމުރުފުޅުން 11 އަހަރުފުޅުގައި، އަނެއް ބައި ބޭފުޅުން 13 އަހަރުފުޅުގައި ރާއްޖެ ދޫކުރައްވައި ބޭރުގެ ޢިލްމީ ތަންތަނަށް ވަޑައިގެންފައި އެބަހުރި. ބައެއް ބޭފުޅުން ވަރަށް ނުރައްކާތެރި ޙާލަތްތައް ކުރިމަތިވުމުންވެސް ކިޔެވުން މެދުކަނޑުއްވައި ނުލައްވާ، އެ ނުރައްކާތެރި މާޙައުލުތަކުގައި ތިއްބަވައިގެންވެސް ކިޔަވައި ވިދާޅުވެފައިވޭ. އެ ފަދަ އެތައް ބޭފުޅުންނެއް ވަރަށް ދަތި އުނދަގޫ ޙާލުގައި ތަޢުލީމީ މަރުޙަލާތައް ނިންމަވައިގެން ރާއްޖެވަޑައިގެން ދިވެހި ޤައުމަށް ދީނީ ރޮނގުން އެތައް ޚިދުމަތްތަކެއް ކުރައްވައިފައިވޭ. އަދި މިހާރުވެސް އެ ފަދަ ޚިދުމަތްތައް ކުރައްވަމުން އެބަ ގެންދަވާ.
އެންމެހައި ލޮބުވެތި ކިޔަވާ ކުދީންނާއި ދިވެހި އެންމެހައި ލޮބުވެތި ޒުވާނުން!
މި ތަފުޞީލު ފަސްމަންޒަރު އަޅުގަނޑު ތިޔަ ކުދީންނަށް މި ހުށަހަޅައިލީ މައިގަނޑު ތިން ބޭނުމެއްގައި. އެއް ބޭނުމަކީ، ޢިލްމު އުނގެނުމަކީ ކިހާ ބުރަ އުނދަގޫ ދަތި މަސައްކަތެއްކަން ދަންނަވާލުމާއެކު، އެކަމުގައި ޒުވާން އުމުރުގެ މުހިންމުކަން ދަންނަވާލުން. ހަމައެހެންމެ، ދީނަށް ޚިދުމަތްކުރުމަކީ، ޒުވާނުންގެ އުފަލެއްކަން ދިވެހި ތާރީޚުންވެސް އަދި އިސްލާމީ ތާރީޚުންވެސް ފެންނަ އެބަ އޮތްކަން ދަންނަވާލުން. އެހެންވީމާ، އަޅުގަނޑު އުފާވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނުއިރު، އަޅުގަނޑުމެންގެ ދީން ކުރިއެރުވުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާތީ. މިކަމުގައި ޒުވާނުންގެ ރޫޙާއި ޢަޒުމުގައި ދިރުންވާތީ. އީމާނާއި ކެރުން، ޒުވާނުންގެ ކިބައިގައިވާތީ.
މި ވާހަކަ ދަންނަވާލި ދެވަނަ ސަބަބަކީ، ޢިލްމުވެރިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތާމެދު އެއްޗެއް ދަންނަވާލުން. ޢިލްމުވެރިކަމަކީ، ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް. ފޮތަކުން ދަސްވާ އެއްޗެއް އެ ދަސްވަނީ އޭގެ އެންމެ ފުން މިނުގައިކަމަށް ނުވެދާނެ. އެ ކަމަށް އެ ނޫން އެތައް ޢިލްމެއްގެ އެހީ ބޭނުންވެދާނެ. އުމުރުން ދޮށީވުމާއި، އެތައް ތަޖުރިބާއެއް ބޭނުންވެދާނެ. އަދި އެ ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ. ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ގޮތާއި ހިންގަން ނުޖެހޭ ގޮތްވެސް ހުންނާނެ. މިކަންކަން އަންނަނީ ޙިކްމަތުގެ ތެރެއިން ޙިކްމަތްތެރިކަމާއެކު. ދީނަކީ މަޞްލަޙަތު. ދީން އައީ އިންސާނީ ކަރާމާތް ނަގަހައްޓާން. އިންސާނާ ހެޔޮގޮތުގައި ބަލަހައްޓާން. އިންސާނީ މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ހިފަހައްޓާން. ސުލްޙަވެރިކަމާއި އަމާންކަން ދަމަހައްޓާން. އެހެންވީމާ، ޒުވާން ޚަޠީބުން މި ކަންކަމަށް ފަރުވާތެރިވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ހިތުގައި ވަރަށް ބޮޑަށް އާކުރަން.
ދެން ދަންނަވާލަން އޮތީ އަޅުގަނޑުގެ ތިންވަނަ ނުކުތާ. އާދެ! ޚަޠީބުންނަކީ މީހުންނަށް މަގުދައްކައިދޭބައެއް. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މިއަދު މި ފެންނަ ޒުވާން ޚަޠީބުންގެ ސަފުތައް މުސްތަޤުބަލުގައި ރާއްޖޭގެ ޢިލްމުވެރީންނަށްވުން. އަޅުގަނޑު އެދެނީ، ތިޔަ ޒުވާން ޚަޠީބުންނަކީ، މާދަމާ ރާއްޖޭގެ ވިސްނުންތެރީންނަށްވުން. އަޅުގަނޑު އެދެނީ ތިޔަ ޒުވާން ޚަޠީބުންނަކީ، މާދަމާ ރާއްޖޭގެ ޙިކްމަތްތެރީންނަށްވުން. އަދި ކުޅަދާނަ ބަސްމޮށުންތެރީންނަށްވުން. މުޖުތަމަޢުގެ ސިކުނޑި އީމާންކަމުގެ ނޫރުން އުޖާލާކުރުމުގައި ތިޔަކުދީންގެ ޒުވާންކަމުގެ އުޖާލާ ދޯދިތައް އިންތިހާއަށް މުހިންމުވާނެ.
އާދެ! ޝައްކެއްނެތް! ރާއްޖެއިން 700 ޒުވާން ޚަޠީބުންގެ އަދަދެއް ނެގޭއިރު، އެ އަދަދު އެކުލެވިގެންވާނީ އެތައް ރަށެއް ހިމެނިގެން. އެތައް ކަންކޮޅުތަކެއް ލާމެހިގެން. ވީމާ، ޒުވާން ޚަޠީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނޭ ދަންމަރުތަކެއް. ޒުވާން ޚަޠީބުންނަކީ، ދިވެހީންގެ އިސްލާމީ އަޚުލާޤަށް އާރޯކަންދޭނެ މުރައްބީންތަކެއް. ޒުވާން ޚަޠީބުންނަކީ، މުސްތަޤުބަލުގައި ދިވެހި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް. އަޅުގަނޑުގެ އިލްތިމާސަކީ، މި ބިޔަ މަސްއޫލިއްޔަތާ ތިޔަ ޒުވާނުން ހަވާލުވުން. ތަކުރާރުކޮށް އެދެނީ މި ކަމުގައި ޢަމަލީ ގޮތުން ނަމޫނާ ޝަޚްޞިއްޔަތަކަށް ޒުވާން ކޮންމެ ޚަޠީބަކުވުން. އޭގެ މާނައަކީ، ދުލުން ދޭ ނަސޭހަތާއި، އަމަލުން ދައްކާ ސުލޫކާ އެއްގޮތެއްގައި ތަސްވީރުވެގެންވުން.
މާތްﷲ، އަޅުގަނޑުމެންނަށް މި ގޮތުގައި ހެޔޮ ތައުފީޤު ދެއްވާށި! ދިވެހި ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތަށް އާރޯކަމާއި ދިރުން ދެއްވާށި! ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ، މި ލޮބުވެތި ދިވެހި ވަޠަން އަބަދުމެ ލަހައްޓަވާށި!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه