ނަން: އާއިޝަތު ސިނާޔާ
މަގާމު: ޑެޕިއުޓީ ޑިރެކްޓަރ
ފޯން ނަންބަރު: 3336208
އީމެއިލް: [email protected] . [email protected]
ނަން: އާއިޝަތު ސިނާޔާ
މަގާމު: ޑެޕިއުޓީ ޑިރެކްޓަރ
ފޯން ނަންބަރު: 3336208
އީމެއިލް: [email protected] . [email protected]
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއާއި، އެހެނިހެން މާއްދާތަކުގައްޔާއި ޤާނޫނުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ބޭނުންފުޅުވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޓަކައި އުފައްދާފައިވާ އޮފީހެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފޯރުކޮށްދޭ ޚިދުމަތުގެ ތަފުސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރވިސް ޗާޓަރުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތަފުސީލު، ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސަރވިސް ޗާޓަރުގައި ބަޔާންކޮށްފައިވާނެއެވެ. އެ ސަރވިސް ޗާޓަރުގެ ލިންކު ތިރީގައި މިވަނީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތްތަކަށް ފާޑުކިޔުމުގެ ގޮތުން ޝަކުވާ އުފުލޭނޭ 3 (ތިނެއް) ގޮތެއް ކަނޑައަޅައިފައިވާނެއެވެ. އެގޮތުން، ފުރަތަމަ ގޮތަކަށް، މިފަދަ ޝަކުވާތައް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފުސީލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރވިސް ޗާޓަރުގައި ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރުން، 2024 ފެބުރުވަރީ 23 ގައި ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފައިވާ ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ އެއްވެސް ކަމަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ނަމަ، އެ ޝަކުވާއެއް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިގެންވެއެވެ. އަދި، ރައީސުޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގެ ކޮންޓެކްޓް ޕޭޖް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅިދާނެއެވެ. އިސްވެ ބަޔާންކުރެވުނު 3 (ތިނެއް) ގޮތުގެ ލިންކުތައް ތިރީގައި މިވަނީއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުން ޝަކުވާ ހުށަހެޅޭނޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުންތައް އަރކައިވް ކުރަމުން ގެންދަނީ ރިހިޖެހިކޮށީގައެވެ. އެގޮތުން، ގަވަރންމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ބޭނުންކުރަން ފަށައިފައިވާ ތާރީޚު ކަމުގައިވާ، 2010 އެޕްރީލް 25 އިން ފެށިގެން ފަހަތަށް ހުރި ލިޔުންތައް (ކުރީގެ ދުވަސްވީ ލިޔުންތައް ހިމެނޭގޮތަށް) 2023 ވަނަ އަހަރުވަނީ އަރކައިވްކޮށް ނިންމައިފައިވެއެވެ. ސަރުކާރުގެ "ޑިޖިޓަލް ފަރސްޓް" ސިޔާސަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރެވި، މަސައްކަތްތަކުގެ ސޮފްޓް ކޮޕީތައް އޮންލައިން ޑްރައިވްތަކުގައި ބެލެހެއްޓުމުގެ އިތުރުން، ހާޑު ކޮޕީތައް އޮފީހުގެ ސެކްޝަންތަކުން ބަލަހައްޓައި، އަރކައިވަށް ފޮނުވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެންގުޅެ ބަލަހައްޓާ މަޢުލޫމާތުގެ ތެރޭގައި އަންނަނިވި ބާވަތުގެ މަޢުލޫމާތު ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށް ޝާއިޢުކުރާ މަޢުލޫމާތުގެ ބާވަތްތަކުގެ ތެރޭގައި، ޚަބަރު، ނޫސްބަޔާން، ދެންނެވުން، ރައީސްގެ ޖަވާބު، ޕޮޑްކާސްޓް، ރިޔާސީ ބަޔާން، ރައީސްގެ ވާހަކަފުޅު، ރައީސްގެ ޚިތާބު، ރައީސްގެ ނޫސްބަޔާން، ނައިބު ރައީސްގެ ވާހަކަފުޅު، ނައިބު ރައީސްގެ ޚިތާބު، އަދި މޯލްޑިވްސް ނިއުސް ބުލެޓިން ހިމެނެއެވެ. އިސްވެ ބަޔާންކުރެވުނު ބާވަތްތަކުގެ ލިންކުތައް ތިރީގައި މިވަނީއެވެ.
ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ހޯދަން ބޭނުންވާނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކުރައްވާފައިވާ މަހޯލި ޕޯޓަލް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ހޯދުމަށް އެދެވިދާނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރވިސް ޗާޓަރުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް އީމެއިލުގެ ޒަރިއްޔާއިން އެފަދަ ހުށަހެޅުމެއް ފޮނުވިދާނެއެވެ. އަދި، މިފަދަ ހުށަހެޅުންތައް މި އޮފީހުގެ ކައުންޓަރުން ވެސް ބަލައިގަންނާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ހިމަނައިފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމު މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެއްވުމަށް ޓަކައި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަރާތްތަކެއްކަމަށްވީހިނދު، އެފަރާތްތަކުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވުމެވެ.
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ވަޒީރުންގެ މަޖިލީހުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފައިވާ ނިންމުންތަކުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ޝާއިޢުކުރުމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުގައްޔާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުތަކަށް ޚާއްޞަކުރެވިފައިވާ ބަޔާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ދެންނެވުންތަކާއި، ޚަބަރުތަކުގެ ލިންކު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ޓަކައި 2025 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބާއްވަވަމުން ގެންދަވައެވެ. ހަމައެހެންމެ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި، 2024 ފެބުރުވަރީ 23 ގައި ރައީސުލްޖުމްހޫރިއްޔާ ޕޯޓަލެއް އިފުތިތާހުކޮށްދެއްވައިފައިވެއެވެ. މީގެ އިތުރުން ވެސް މިފަދަ ޝަކުވާތައް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފުސީލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރވިސް ޗާޓަރުގައި ބަޔާންކޮށްފައިވާނެއެވެ.
ސަރުކާރުގެ 5 (ފަހެއް) އަހަރުގެ ދައުރުގެ ތެރޭގައި ކުރަން ރާވައިފައިވާ މަސައްކަތްތައް ބަޔާންކޮށް އެކުލަވައިލައިފައިވާ "ދިވެހީންގެރާއްޖެ މެނިފެސްޓޯ 2023-2028"، އަންނަނިވި ލިންކު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް އެހީތެރިވެދިނުމަށް ގާއިމުކުރައްވައިފައިވާ އޮފީހަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޒިންމާ އުފުލުމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޒިންމާދާރު ކުރުވުމުގެ ހަމަތައް ބިނާވެގެންވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދީމިޤްރާޠީ އުސޫލުތަކާއި ޤާނޫނުގެ ވެރިކަން ކުރިއެރުވުމުގެ އަސާސްތަކުގެ މައްޗަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައިވާއިރު، ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރު ކުރުވުމުގައި ޤާނޫނު ހެދުމުގެ ބާރާއި ޢަދުލުއިންޞާފު ގާއިމުކުރުމުގެ ބާރާއި، ޤާނޫނުއަސާސީން އުފައްދައިފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މަގާމުތަކުން ފާރަވެރިވާނެ ގޮތް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.
1 އެޕްރީލު 2025 އިން 31 ޑިސެންބަރު 2025 އަށް
| ޝަކުވާގެ ބާވަތް | އަދަދު |
|---|---|
| ބޯހިޔާވަހިކަމާގުޅޭ | 888 |
| އެހީއަށްއެދި | 284 |
| ކުށް މަޢާފުކޮށްދެއްވުންއެދި | 156 |
| ތަޙްޤީޤުތަކާގުޅޭ | 37 |
| ޢުމްރާނީ ތަރައްޤީއާގުޅޭ | 32 |
| ޕެންޝަން ފައިސާއާގުޅޭ | 17 |
| ލޯނާ ގުޅޭ | 84 |
| ޖޫރިމަނާ މަޢާފުކޮށްދެއްވުންއެދި | 27 |
| ވަޒީފާއާގުޅޭ | 105 |
| ޕެޓިޝަން | 15 |
| އެހެނިހެން (މަތީގައިވާ ގިންތިތަކަށްނުފެތޭ ޝަކުވާތަކާއި، މަޢުލޫމާތަށް ޓަކައި ލިބޭ ލިޔުންތަކާއި، ޝުކުރުގެ ލިޔުންތައް) | 572 |
| ޖުމްލަ | 2217 |
1 ޖަނަވަރީ 2026 އިން 15 މޭ 2026 އަށް
| ޝަކުވާގެ ބާވަތް | އަދަދު |
|---|---|
| ބޯހިޔާވަހިކަމާގުޅޭ | 147 |
| އެހީއަށްއެދި | 91 |
| ކުށް މަޢާފުކޮށްދެއްވުންއެދި | 74 |
| ތަޙްޤީޤުތަކާގުޅޭ | 28 |
| ޢުމްރާނީ ތަރައްޤީއާގުޅޭ | 24 |
| ޕެންޝަން ފައިސާއާގުޅޭ | 7 |
| ލޯނާ ގުޅޭ | 25 |
| ޖޫރިމަނާ މަޢާފުކޮށްދެއްވުންއެދި | 22 |
| ވަޒީފާއާގުޅޭ | 42 |
| ޕެޓިޝަން | 3 |
| އެހެނިހެން (މަތީގައިވާ ގިންތިތަކަށްނުފެތޭ ޝަކުވާތަކާއި، މަޢުލޫމާތަށް ޓަކައި ލިބޭ ލިޔުންތަކާއި، ޝުކުރުގެ ލިޔުންތައް) | 83 |
| ޖުމްލަ | 546 |