އިޔާރު ޤުރްއާން ކިލާސް
ގ.މީރަންގެ

 

ތުއްތު ކުދިންނަށާއި، ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ޤުރްއާން ކިޔަވައިދޭ ކިލާހެއްގެ ގޮތުގައި [އިޔާރު ޤުރްއާން ކިލާސް] މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވަނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. އިޔާރު ޤުރްއާން ކިލާހުގެ މަސްއޫލުވެރިޔަކީ، ގދ. ތިނަދޫ ފަތިސް އަލްފާޟިލް އަޙްމަދު މިޒްޙަތު ނަޢީމެވެ. ގާތްގަނޑަކަށް 100 ކުދިންނާއެކު ކިޔަވައިދޭން ފެށި ކިލާސް ފުރަތަމަ ހިންގާފައިވަނީ، ގަލޮޅު މިރްޒަމްގޭގައެވެ.  ޤުރްއާން ކިލާސް ފެށުނުއިރު ޖާގައިގެ ދަތިކަން ހުރިގޮތުން ހިންގަމުން ގެންދިޔައީ، އެންމެ ކިލާހެކެވެ. ނަމަވެސް، ކުދިންގެ އަދަދު އިތުރުވަމުން ދިޔުމާއެކު، އެހެން ޢިމާރާތަކަށް ބަދަލުކޮށްގެން ކިލާސްތައް ހިންގަމުން ގެންދާތާ 3 އަހަރެއްހާ ދުވަސް ވެއްޖެއެވެ. މިހާރު 650 އަށްވުރެ ގިނަ ކުދިންނަށް އެކި ދަންފަޅިތަކުގައި އެއްވެސް ދަތިކަމެއްނެތި ކިޔަވައިދެމުން ގެންދެވެއެވެ.
 
އިޔާރު ޤުރްއާން ކިލާހުގައި، ފިލި އުނގަންނައިދޭ ކިލާހާއި، އަކުރު އުނގަންނައިދޭ ކިލާހާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ކިލާސްތަކާއި، ޢަންމާ ފޮތުގެ ކިލާސްތަކާއި، ޚަތިމުން ކިޔަވައިދޭ ކިލާސްތައް، ކޮންމެ ދުވަހަކުވެސް ހިންގަމުން ގެންދެއެވެ. އަދި ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން، ކީރިތި ޤުރްއާން ތަޖުވީދުމަގަށް ކިޔަވައިދިނުމުގެ ކިލާސްތައްވެސް ހިންގަމުން ގެންދެއެވެ.
 
މިވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އިޔާރު ޤުރްއާން ކިލާސް ހޯދާފައިވާ ކާމިޔާބީތަކަކީ، މި ފުރްޞަތުގައި ފާހަކޮށްލަންޖެހޭ ކާމިޔާބީތަކެކެވެ. ޚާއްޞަކޮށް، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުން ވަރަށްގިނަ އަހަރު، ގިނަ ވަނަތަކެއް ހޯދާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޤުރްއާން ކިޔަވައިދިނުމާއި، ޤުރްއާން ރީތިކޮށް ތަޖުވީދު މަގަށް ކިޔެވުން އަށަގަންނުވައި،  އެރޮނގުން ފޭރާން ހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން، އިޔާރު ޤުރްއާން ކިލާހުގެ ކުޑަދަށުގައި ހިނގަމުންދާ ކިލާސްތަކުގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤުރްއާން މުބާރާތެއް ބާއްވަމުން ގެންދާކަންވެސް ހަނދާންކޮށްލަންޖެހެއެވެ.
 
މާލޭގެ ސްކޫލްތަކުންނާއި، މާލޭގެ އެހެނިހެން ޤުރްއާން ކިލާސްތަކުން ބާއްވާ ޤުރްއާން މުބާރާތްތަކަށް އިންސާފު ކުރުމަށްޓަކައި އިޔާރު ޤުރްއާން ކިލާހުން ހިލޭ ސާބަހަށް ފަނޑިޔާރުން ފޮނުވަމުން ގެންދެއެވެ. އަދި އަތޮޅުތަކުގައި ހިންގާ ޤުރްއާން ކިލާސްތަކަށްވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުވައިދެމުން ގެންދެއެވެ.
 
އިޔާރު ޤުރްއާން ކިލާހުން ކޮންމެ އަހަރަކުވެސް، ކަނޑައަޅާ ވަކި އަދަދަކަށް، ކުދިންނަށް ހިލޭ ކިޔަވައިދެމުން ގެންދެއެވެ. ހިލޭ ކިޔަވައިދޭނެ ކުދިން ހޮވަނީ، ކިލާހުގައި ކިޔަވައިދޭ މުދައްރިސުންނާއި އަދި  ބެލެނިވެރިން ހިމެނޭ ޕެނަލަކުންނެވެ. މީގެއިތުރުން، ބެލެނިވެރިންގެ މާލީ ޙާލަތު ހުރިގޮތުން ފީދެއްކެން ނެތް ކުދިންނަށާއި، ނިކަމެތި ޢާއިލާތަކުގެ ކުދިންނަށްވެސް ހިލޭ ކިޔަވައިދެމުން ގެންދެއެވެ.
 
އިޔާރު ޤުރްއާން ކިލާހުގައި ކިޔަވައިދެއްވާ މުދައްރިސުން ތާޒާކުރުމުގެ ތަފާތު ވާރކްޝޮޕްތައް، ކޮންމެ އަހަރަކުވެސް ހިންގައެވެ. އަދި ރިސޯސް ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރްޞަތު ޓީޗަރުންނަށްދީ، ކިޔަވައިދިނުމުގެ ހުނަރުތައް ދަސްކޮށްދީ، ޢަމަލީ ތަޖުރިބާ ޙާޞިލު ކުރުމުގެ ފުރްޞަތުވެސް، އިޔާރު ޤުރްއާން ކިލާހުން ޓީޗަރުންނަށް ހޯދައިދެމުން ގެންދެއެވެ.
 
އިޔާރު ޤުރްއާން ކިލާހުން ދެމުންގެންދާ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް، އެ ކިލާހުގެ ފަރާތުން މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މިގޮތުން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި، ކިލާސްތަކުގައި މުދައްރިސުންނަށް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖައްސައިދީ އަދި މުދައްރިސުން ކިޔަވައިދެއްވަމުން ގެންދަވާއިރު، ކުދިންގެ ޙަރަކާތްތަކާއި، މުދައްރިސުންގެ ޙަރަކާތްތައް، ވަގުތުން ބެލެމުންދާގޮތަށް ކަންކަން އިންތިޒާމު ކުރެވިފައިވެއެވެ.