އަލްފާޟިލާ ޢާއިޝަތު ނާޒިމާ
ހ.ކޮޔަރ

 

         ކުޅިވަރުގެ ދާއިރާގައި ޢާއިޝަތު ނާޒިމާގެ ނަމަކީ ،އާ ނަމެއް ނޫނެވެ. ވޮލީ، ބާސްކެޓް، ނެޓްބޯޅަ އަދި އެތްލެޓިކްސްގައި ނާޒިމާއަކީ ،އެފަދަ ދެވަނައެއް ނެތްފަދަ ކުޅުންތެރިއެކެވެ. މިއިން ކޮންމެ ކުޅިވަރެއްވެސް ކުޅުމުގެ އިތުރުން، ކޮންމެ ކުޅިވަރެއްގައިވެސް އާ ކުޅުންތެރިން ބިނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ނާޒިމާ ކުރައްވާފައިވެއެވެ.

         މަދްރަސީ ދައުރުގައި އުމުރުން އެންމެ 8 އަހަރުގައި ކުޅިވަރުގެ ތެރެއަށް ނުކުމެވަޑައިގެންނެވި ޢާއިޝަތު ނާޒިމާއަކީ، މިހާރު ރާއްޖޭގައި ތިބި އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެގިނަ ކާމިޔާބީތައް ހޯއްދަވާފައިވާ ކުޅުންތެރިޔާއެވެ. މަދްރަސީ ދައުރުގައިވެސް ނާޒިމާވަނީ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ.

          ޢާއިޝަތު ނާޒިމާއަކީ، ކްލަބް ފެންވަރުގައި އެތްލެޓިކްސް،  ވޮލީބޯޅައާއި، ބާސްކެޓް ބޯޅައާއި، ނެޓްބޯޅަ ކުޅުއްވަން ފެށްޓެވީއްސުރެ، އެ ކުޅިވަރުތަކުގައި ނާޒިމާ ތަމްސީލުކުރެއްވި ޓީމުތަކަށް ގިނަގުނަ ކާމިޔާބީ ހޯއްދަވައިދެއްވާފައިވާ ކުޅުންތެރިއެކެވެ.

         ވޮލީގައި ނާޒިމާ   ވާދަކުރައްވާފައިވާ    ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތެރޭގައި،  ވޮލީބޯލް އެސޯސިއޭޝަން    ޗެމްޕިއަންޝިޕް  މުބާރާތާއި،    ސާފް ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތާއި، އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތް ހިމެނެއެވެ. އަދި 2008  ވަނަ އަހަރު ބޭއްވުނު ޓްރައި ނޭޝަނަލް ޗެމްޕިއަންޝިޕްގައި ނާޒިމާ ހިމެނުނު ޓީމުވަނީ  ،ސިލްވަރ މެޑެލް   ހޯދާފައެވެ. މީގެއިތުރުން، 2009   ވަނަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރި ޤައުމީ ނެޓްބޯލް ޓީމުގެ ވައިސް ކެޕްޓަންކަންވެސް ވަނީ ކުރައްވާފައެވެ. އަދި 2011 ވަނަ އަހަރުގެ އޭޝިއަން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލު ކޮށްދެއްވާފައިވެއެވެ.

         ނާޒީމާގެ ކުޅިވަރުގެ ކާމިޔާބީގެ ތެރެއިން، ތިން އަހަރު "ހަވީރު ސްޕޯޓްސް އެވޯޑު"ގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމާއި، މި އެވޯޑްގެ ދެވަނަ އަދި ތިންވަނަ ކުޅުންތެރިޔާގެ މަގާމުވެސް ނާޒިމާ ހޯއްދަވާފައިވުން ހިމެނެއެވެ.   އަދި  2008 ވަނަ އަހަރާއި 2009 ވަނަ އަހަރު އާފަތިސް ނޫހުން ހޮވި އަހަރުގެ އެންމެމޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމާއި، 2009 ވަނައަހަރާއި 2010 ވަނައަހަރު، ސަން އެފް.އެމް.އިން ހޮވި އަހަރުގެ ކުޅިވަރު ޝަޚްޞިއްޔަތުގެ މަޤާމު ހޯއްދަވާފައިވެއެވެ. މީގެއިތުރުން، 2010 ވަނަ އަހަރުން ފެށިގެން ވޮލީބޯލް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނި އަދި އެންމެ މޮޅު ބީޗްވޮލީބޯޅަ  ކުޅުންތެރިޔާގެ މަގާމުގައި މިއަދާ ހަމައަށްވެސް ނާޒިމާ ހިމެނެއެވެ.1998   ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ފަސްޓް އޭޝިއަން ސެންޓްރަލް ޒޯން ވުމަންސް ވޮލީބޯލް   މުބާރާތުގެ އެންމެމޮޅު ކުޅުންތެރިންގެ ތެރޭގައިވެސް ނާޒިމާ ހިމެނިފައިވެއެވެ. 2008 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ނާޒިމާއަށް ލިބިވަޑައިގެންފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

          ކުޅިވަރުގެ  ރޮނގުންނާއި  ކޯޗިންގގެ ރޮނގުން ނާޒިމާ ފުރިހަމަ ކުރައްވާފައިވާ ތަމްރީނުތަކުގެ ތެރޭގައި، ނެޓްބޯލް ކޯޗަސް ޓްރޭނިންގ ކޯސް ލެވެލް1 އާއި، ބޭސިކް އަދި އިންޓަރ މީޑިއޭޓް ކޯޗިން ލައިސަންސް ކޯސްވެސްވަނީ، ފުރިހަމަ ކުރައްވާފައެވެ. އަދި އެފް.އައި.ވީ.ބީ.ގެ ފަރާތުން ހިންގި ކޯޗުން ތަމްރީނު ކުރުމުގެ ކޯސް އަދި އެފް.އައި.ވީ.ބީ އިންޑިޔާގައި ބޭއްވުނު ލެވެލް 1 ވޮލީ ކޯހާއި، ބަޙުރޭންގައި ބޭއްވުނު އެފް.އައި.ވީ.ބީ ޓީޗަރުން ތަމްރީން ކުރުމުގެ ކޯސް ފުރިހަމަ ކުރައްވާފައިވެއެވެ.  2007އަދި 2008 ވަނަ އަހަރު ސިންގަޕޫރުގައި ފުރިހަމަކުރެއްވި ނެޓްބޯލް ކޯޗިންގ ކޯހާއި އަމްޕަޔަރިންގ ކޯސް ހިމެނެއެވެ. އަދި، ނެޓްބޯލް އަމްޕަޔަރިންގ ދާއިރާއިން ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން ނާޒިމާއަކީ، ބްރޯންޒް މެޑެލްގެ އަމްޕަޔަރެކެވެ.

         ބައެއް ސްކޫލްތަކުގެ  ސްޕޯޓްސް ސުޕަވައިޒަރުކަން  ކުރައްވައި،  ނެޓްބޯޅައާއި، ވޮލީބޯޅައާއި، އެތުލެޓިކްސްގެ ޔޫތް ޑިވެލޮޕްމަންޓް ޕުރޮގުރާމުގައި ނާޒިމާ ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން  އިންތިޒާމް  ކުރައްވައިގެން އެކި ޒޯންތަކުން 70   އަށްވުރެ ގިނަ ކުދިން،   އަދި އައްޑޫސިޓީއާއި،  ހއ.ދިއްދޫގައި 67 ކުދިން ބައިވެރިކޮށްގެން، ބޭސިކް ނެޓްބޯލް ކޯޗިންގ ކޯހެއް ނާޒިމާވަނީ ހިންގަވައިދެއްވާފައެވެ. އަދި މިހާރުވެސް 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯލް ޓީމު ތައްޔާރު ކުރައްވަމުން ގެންދަވަނީ ނާޒިމާގެ ކޯޗުކަމުގެ ދަށުންނެވެ.

]         ފިއޮންޓީ އެކަޑަމީ]ގެ ނަމުގައި އަމިއްލަ ޖަމްޢިއްޔާއެއް ރަޖިސްޓަރީ ކުރައްވައިގެން، އެ އެކަޑަމީގެ ދަށުން ނެޓްބޯލް އެސޯސިއޭޝަނާ ގުޅިގެން، ޔޫތު ޑިވެލޮޕްމަންޓް ޕުރޮގުރާމެއް ނާޒިމާވަނީ، މިއަހަރު ހިންގަވަން ފަށްޓަވާފައެވެ. ނާޒިމާއަކީ މިހާރުވެސް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރުވެސްމެއެވެ. އަދި ނާޒިމާއަކީ، އެސް.ޓީ.އޯ.ގެ ޑެވޮންޑެލް ބްރޭންޑް އެމްބެސެޑަރ އަދި ޑައިބީޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ޕިން ހޯލްޑަރ އެއްވެސް މެއެވެ.

         ނާޒިމާގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް ވޮލީ ކުޅުއްވައި، އަދި ބާސްކެޓް، ނެޓްބޯޅަ އަދި ވޮލީބޯޅަ މި ކުޅިވަރުތަކުން މޮޅު ކުޅުންތެރިންތަކެއް ނެރުއްވައިދެއްވުމެވެ.