ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު
ހ.އެސް.ޕީ ވިލާ

 

         ހ .އެސް.ޕީ ވިލާ މޫސާ ރަޝީދު،  އަޅުގަނޑުމެންގެ ތެރޭގައި  މަޝްހޫރުވެފައިވާ  ނަމުން ދަންނަވާނަމަ، "އެސްޕީ" އަކީ ،ކުޅިވަރު ކުޅުމުގަޔާއި ކުޅިވަރު އުނގަންނައިދިނުމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާ ޒުވާނެކެވެ. އޭނާގެ ޚާއްޞަ ދާއިރާއަކީ އެތްލެޓިކްސްއެވެ. މިގޮތުން، 1990 ވަނަ އަހަރުން ފެށިގެން އެތްލެޓިކްސް ކޯޗެއްގެ ގޮތުގައި މާލޭގެ ސްކޫލްތަކުގަޔާއި، ބައެއް އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ޤައުމީ ފެންވަރުގައި، އެތްލެޓިކްސް ކޯޗިންގ ކޭމްޕްތައް ހިންގަވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ކޯޗިންގ ކޭމްޕްތައްވެސް ހިންގަވައިދެއްވާފައި ވެއެވެ. އޭނާގެ ޚިދުމަތްތަކުގެ ތެރެއިން 1995 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ސްކޫލް މަދްރަސާތަކުގެ ކުދިންނަށް ހިންގެވި ޖިމްނާސްޓިކް ކުޅިވަރު ދަސްކޮށްދެއްވުމުގެ ޕްރޮގްރާމްތައް ހިންގެވި ހިންގެވުން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގައި ބޭއްވުނު ބައެއް އެތްލެޓިކްސް މުބާރާތްތަކުގެ ކޮމްޕެޓިޝަން ޑައިރެކްޓަރކަމާއި، ރާއްޖެއިން ބޭރުގެ ބައެއް މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި  މަސައްކަތް ކޮށްދެއްވާފައިވެއެވެ.

         މޫސާ ރަޝީދުވަނީ ކުޅިވަރުގެ ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގެ ތަފާތު ގިނަ ކޯސްތައް ފުރިހަމަކުރައްވައި، އެ ކޯސްތަކުން ފާހަގަކުރެވޭ ނަތީޖާތަކެއް ހާސިލު ކުރައްވާފައެވެ. ޤައުމީ އެތްލެޓިކްސް ޓީމް ތަމްރީނުކޮށްދެއްވައި، އެތްލެޓިކްސް ޓީމުގެ ޤައުމީ ކޯޗެއްގެ ގޮތުގައި ހުންނަވައި، ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށްދެއްވާފައިވެއެވެ.    ޓެލެވިޜަން މޯލްޑިވްސްއިން ކުރިން ފޮނުއްވަމުން ގެންދެވި   "ކުޅިފަސް" ޕުރޮގުރާމުގައި، ކުޅިވަރުގެ ހުނަރާއި، ކަސްރަތުގެ ލުއި މަޢުލޫމާތު ގެނެސްދެއްވާފައިވެއެވެ. މޫސާ ރަޝީދު ތަމްރީނު ކުރެއްވި ބައެއް ކުދިން އެތްލެޓިކްސް ދުވުމުގެ ރޭސްތަކުގައި، ރާއްޖޭގެ އެކި ރެކޯޑްތައް މުގުރާލާފައިވެއެވެ.

         މޫސާ ރަޝީދު މިހާރުވެސް ގެންދަވަނީ ޒުވާނުންނަށާއި ކުޑަކުދިންނަށް ތަފާތު ޕުރޮގުރާމުތައް ހިންގަވައިދެއްވަމުންނެވެ. މިގޮތުން ޒުވާނުންނަށް ކެނޯ ޖެހުމާއި، ކުޑަކުދިންނަށް ޓްރެމްޕޮލިން ޖަމްޕްސް ޕްރޮގްރާމާއި، މާޝަލް އާޓްސް އެންޑް ސެލްފް ޑިފެންސް ޕްރޮގްރާމް ކުރިއަށް ގެންދަވާކަން ފާހަގަކުރެވެއެވެ. މޫސާ ރަޝީދަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބާރުއެޅުމަށް ޒުވާނުންނަށް އެހީވެދޭ މޫދު ކުޅިވަރުތަކުގެ ތެރެއިން ކެނޯ ޖެހުމާއި، ރާޅާ އެޅުމާއި، ކެނޯގައި ރާޅާ އެޅުންފަދަ ކަންކަމަށް ޒުވާނުންގެ މެދުގައި ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޒުވާނެކެވެ. 

         މޫސާ ރަޝީދަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިއުޓީ އަދާކުރައްވަން ފެށްޓެވި ފަހުންވެސް ވަގުތު ހުސްކުރައްވައިގެން، ރާއްޖޭގެ އަތޮޅުތަކުގަޔާއި އަދި މާލޭގައި ކުޅިވަރު ދަސްކޮށްދިނުމުގަޔާއި ކުޅިވަރު ހިންގުމުގައި ޙަރަކާތްތެރިވަމުން ގެންދަވާ ޒުވާނެއްމެއެވެ. އެގޮތުން، ރާއްޖޭގެ އަތޮޅުތަކުގެ އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ޒުވާނުންނަށް މޫދު ކުޅިވަރު ދަސްކޮށްދެއްވުމަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، މޫސާ ރަޝީދު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކްރައިމް ޕްރިވެންޝަން އޮފިސަރެއްގެ ގޮތުގައި، ޒުވާނުންނާ ގުޅިގެން މަސައްކަތް ކުރައްވާފައެވެ. އިޖުތިމާޢީ ޙަރަކާތެއްގެ ގޮތުގައި "އެސް.ޕީ ސްޕޯޓްސް" އޯގް ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައި، އެ ޖަމްޢިއްޔާ މެދުވެރިކޮށް، ތަފާތު ޙަރަކާތްތައް ގެންދަވަނީ ހިންގަވަމުންނެވެ. މިގޮތުން، މަލްޓި މީޑިއާ ޕްރޮޖެކްޓަރުގެ އެހީގަޔާއި، ފޭސްބުކް އަދި އަމިއްލަ އިންޓަރނެޓް ވެބްސައިޓެއް މެދުވެރިކޮށް، ޒުވާނުންނަށް ކުޅިވަރުގެ ހުނަރު އުނގަންނައި ދިނުމުގެ މަޢުލޫމާތުތައް ދެއްވަމުން ގެންދަވައެވެ. ޚާއްޞަކޮށް، މުޖުތަމަޢުގައި ކުށް މަދުކުރުމުގެ ގޮތުން ގެނެސްދޭ ތަފާތު މެސެޖުތައްވެސް މީޑިއާ މެދުވެރިކުރައްވައި މޫސާ ރަޝީދު ގެނެސްދެއްވަމުން ގެންދަވާކަން ،މި ފުރުޞަތުގައި ހަނދާންކޮށްލަން ޖެހެއެވެ.

         ސަރުކާރުން ދެއްވި ޒުވާނުންގެ ޤައުމީ އިނާމު، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން 2004 ވަނަ އަހަރު މޫސާ ރަޝީދު ވަނީ ހާސިލު ކުރައްވާފައެވެ.