އަލްފާޟިލް ހިޔަލީ މުޙައްމަދު ރަޝީދު
އަރާއިރު / ސ.ހިތަދޫ

މުޙައްމަދު ރަޝީދަކީ، ނުވަތަ އޭނާގެ ޢާންމު ނަމުންނަމަ ހިޔަލީ ރަޝީދަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށާއި ތަރައްޤީއަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ކުޅިވަރުގެ ޙަޔާތް ފެށިގެން އައީ، އައްޑުއަތޮޅު ހިތަދޫ މަދްރަސަތުލް ޙުސައިނިއްޔާގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުއެވެ. އޭގެފަހުން  1970ވަނަ އަހަރު މާލެ ވަޑައިގެން، މަދްރަސަތުލް ޢާލިޔާއަށް ވެދެވަޑައިގެން، އޭރު ސްކޫލްތަކުގެ މެދުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާއްވަވަމުން ގެންދެވި ސްޕޯޓްސްމީޓްތަކުގައި ތަފާތު ވަނަތައް ހާސިލު ކުރެއްވިއެވެ. އަދި 1971 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް ވެދެވަޑައިގެން، އެ ސްކޫލުގެ އެކިއެކި ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. 

ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ މުޙައްމަދު ޒާހިރު ނަޞީރުގެ އެދިވަޑައިގަތުމުގެ މަތިން، ނިއު ސްޕޯޓްސް އެކަޑަމީ ހިންގެވުމުގައި، 1976 ވަނަ އަހަރު މުޙައްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މުޙައްމަދު ރަޝީދަކީ، ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބެއް ކަމަށްވާ ކުލަބު ވެލެންސިޔާ އުފެއްދެވުމުގައިވެސް ވަރަށް އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ކުލަބުގެ އެއް ބާނީއެވެ. ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި، ކުލަބު ވެލެންސިޔާއަށް މުޙައްމަދު ރަޝީދު ވަނީ ކުޅުއްވާފައެވެ. އޭނާއަކީ ވަރަށް ހަލުއި މިޑްފީލްޑަރެކެވެ. ކުލަބު ވެލެންސިޔާގެ މަސްއޫލުވެރިކަމާ އޭނާ ޙަވާލުވެވަޑައިގަތީ، 1988 ވަނަ އަހަރުއެވެ.

ހިޔަލީ މުޙައްމަދު ރަޝީދަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ފުޓްބޯޅަ ކުޅުންތެރިންގެ މާކެޓެއް ދިވެހިރާއްޖެއަށް ތަޢާރުފްކޮށްދެއްވުމުގައި، އޭނާ ވަނީ ޢަމަލީގޮތުންނާއި، މާލީގޮތުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ރާއްޖެއަށް ޕާސިންގ ގޭމް ނުވަތަޓޯޓަލް ފުޓްބޯޅަ[، ކުލަބު ވެލެންސިޔާއިން ތަޢާރުފްކޮށްދެއްވުމުގެ މޭސްތިރިއަކީވެސް މުޙައްމަދު ރަޝީދެވެ. ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދެވުމުގައިވެސް އޭނާގެ ޙިއްޞާ ވަރަށް ބޮޑެވެ. ދިވެހިރާއްޖެއަށް ބިދޭސީ ކޯޗެއް، އޭނާގެ އަމިއްލަ ޚަރަދުގައި ގެންނަވައި، ޒުވާން ކުދިންނަށް ފުޓްބޯޅަ ދަސްކޮށްދެއްވިއެވެ. އަދި އޭނާގެ އުފަން އަތޮޅު ކަމަށްވާ އައްޑުއަތޮޅުގައި ފުޓްބޯޅަ ކުރިއެރުވުމަށް ބިދޭސީ ކޯޗެއް ގެންނަވައިގެން، އައްޑޫގެ ޒުވާން ކުޅުންތެރިން ތަމްރީނު ކުރެއްވުމަށް އެހީތެރިވެދެއްވާފައިވެއެވެ. ރާއްޖޭގެ 1 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތްތަކުގައި، އަތޮޅުތަކުގެ ފުޓްބޯޅަ ޓީމުތައް ބައިވެރިކުރުމަށްޓަކައި، އައްޑުއަތޮޅަށް ނިސްބަތްވާ ކުލަބެއްގެ ގޮތުގައި، އައިލެންޑް ފުޓްބޯޅަ ކުލަބު އުފައްދަވައި، ސެމީ ޕްރޮފެޝަނަލް ޓީމެއްގެ ގޮތުގައި، މުބާރާތްތަކުގައި ވާދަކޮށް ،އެ ކްލަބުން ކާމިޔާބީތައް ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

އެން.އެސް.އޭ ހިންގެވުމުގައި އުޅުއްވި ދުވަސްވަރުން ފެށިގެން މިއަދާ ހަމަޔަށް ކުޅިވަރުގެ ދާއިރާއަށް ތަފާތު އެކިއެކި ޚިދްމަތްތައް އޭނާވަނީ ކޮށްދެއްވާފައެވެ. އަދި އަމިއްލަފުޅަށްވެސް ވަރަށްގިނަ އެހީތައް ވަނީ ވެދެއްވާފައެވެ. މިގޮތުން، ކުޅެން ބޭނުންވާ ބައެއް ތަކެތި ދެއްވައިގެން، ސްކޫލް ކުދިން ފުޓްބޯޅަ ޕްރެކްޓިސްތަކުގައި ބައިވެރިކުރައްވައި، އޭގެތެރެއިން ހުނަރުވެރި ކުދިންނަށް، ކުލަބު ފުޓްބޯޅައިން ފުރުޞަތު ހޯއްދަވައި ދެއްވާފައިވެއެވެ.

ކްލަބުތަކުން އިންތިޚާބުވެވަޑައިގެން މުޙައްމަދު ރަޝީދު ވަނީ، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގައިވެސް ތަފާތު މަސައްކަތްތައް ކޮށްދެއްވާފައެވެ މިގޮތުން، 2009 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މެއިމަހުގެ ނިޔަލަށް އެ ކައުންސިލްގެ މެންބަރު ކަމުގެ އިތުރުން، އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމަޔަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފް.އޭ.އެމް.ގެ ތަފާތު އެކި ކޮމިޓީތަކުގައި މަސައްކަތް ކޮށްދެއްވާފައި ވެއެވެ. އެފް.އޭ.އެމް.ގެ ނައިބު ރައީސްކަން، 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމަޔަށް ކުރައްވާފައިވެއެވެ. އަދި އެފް.އޭ.އެމް.ގެ ރެފްރީޒް ކޮމިޓީގެ ޗެއަރމަންކަންވެސް މި މުއްދަތުގައި ކުރައްވާފައިވެއެވެ. 2005 ވަނަ އަހަރު، ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި، ދިވެހި ޤައުމީ ޓީމުގެ މެނޭޖަރަކީވެސް މުޙައްމަދު ރަޝީދެވެ. ކުޅިވަރާބެހޭ ތަފާތު ސެމިނަރތަކުގައި ބައިވެރިވެވަޑައިގެން، ފުޓްބޯޅައިގެ ގިނަ މަޢުލޫމާތާއި ތަޖުރިބާ ހޯއްދަވާފައިވެއެވެ.

ކުޅިވަރަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1993 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

މުޙައްމަދު ރަޝީދުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފުޓްބޯޅަޔަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވައި، ފުޓްބޯޅައިގެ ރޮނގުން ރާއްޖެއަށް އިތުރު ކާމިޔާބީތައް ހޯއްދަވައި ދެއްވުމެވެ.