އަލްފާޟިލް މޫސާ ކަލީމް
ހ.އެނބޫގަސްދޮށުގެ

            މޫސާ ކަލީމަކީ، މަދްރަސީ ދައުރުން ފެށިގެން ކްރިކެޓް ކުޅުއްވަމުން ގެންދަވާ، މަދްރަސީ ދައުރުގަޔާއި، މަދްރަސީ ދައުރު ނިންމެވުމަށްފަހުގައިވެސް ކްރިކެޓްގައި ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވަމުން ގެންދަވާ ކުޅުންތެރިއެކެވެ.

          މިގޮތުން، މޫސާ ކަލީމަކީ، ވޭތުވެދިޔަ 3 އަހަަރުވެސް ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ ކްރިކެޓް މުބާރާތްތަކުގެ ތެރެއިން، އޭ.ސީ.ސީ.އިން އިންތިޒާމް ކޮށްގެން ބޭއްވި 6 މުބާރާތެއްގައި މޫސާ ކަލީމްގެ ކެޕްޓަންކަމުގެ ދަށުން ރާއްޖޭގެ ޤައުމީ ކްރިކެޓް  ޓީމު ބައިވެރިވެ، ރާއްޖެ ތަމްސީލު ކޮށްދެއްވާފައި ވެއެވެ. މިގޮތުން 2002 ވަނަ އަހަރު ބޭއްވި މި މުބާރާތުގައި ބައިވެރިވި 10 ޤައުމުގެ ކުޅުންތެރިން ރޭންކު ކުރިއިރު، މުބާރާތުގައި ބައިވެރިވި އެންމެމޮޅު 20 ކުޅުންތެރިންގެ ތެރޭގައި މޫސާ ކަލީމް ހިމެނިފައިވެއެވެ. އަދި 2002 ވަނަ އަހަރު ސޭޝެލްސްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގައި ބޭއްވި "ޓްރައި ނޭޝަންސް ކަޕް" މުބާރާތުގައި ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް، މޫސާ ކަލީމުގެ ކެޕްޓަންކަމުގެ ދަށުގައި ކުޅެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިިވެއެވެ.

       މޫސާ ކަލީމްގެ ކްރިކެޓްގެ އެންމެ ޝަރަފުވެރި ކާމިޔާބީތަކުގެ ތެރެއިން، އޭ.ސީ.ސީ.އިން އިންތިޒާމުކޮށްގެން، ކްރިކެޓް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި މިއަހަރު ތައިލޭންޑްގައި ބޭއްވުނު "އިމަރޖިންގ ނޭޝަންސް ޓްރޮފީ" ގައި ބައިވެރިވި ދިވެހި ޤައުމީ ކްރިކެޓް ޓީމް ޗެމްޕިއަންކަން ހޯދައި، ރަން މެޑެލް ހޯދާފައިވާކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މިއީ، ބައިނަލްއަޤްވާމީ ކުޅިވަރުގައި ރާއްޖެ ހޯދާފައިވާ އެންމެ މަތީ ކާމިޔާބީއެވެ. މި ކާމިޔާބީ ރާއްޖެއަށް ހޯއްދަވައިދެއްވުމުގައި، އިސް ރޯލެއް އަދާކުރައްވާފައިވަނީ، މޫސާ ކަލީމެވެ. ޓީމްގެ ކެޕްޓަންގެ ހައިސިއްޔަތުންވެސް މެއެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު (467) ހަދައި، 8 ވިކެޓްނަގައި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯއްދެވީވެސް މޫސާ ކަލީމެވެ. މިއީ ބައިނަލްއަޤްވާމީ ކްރިކެޓްގައި، ރާއްޖޭގެ ކްރިކެޓް ކުޅުންތެރިޔަކު ޤާއިމުކުރި ރެކޯޑެވެ. މޫސާ ކަލީމް ވަނީ، މިދިޔަ އަހަރު، ޒުވާނުންގެ ޤައުމީ އިނާމުވެސް ހާސިލު ކުރައްވާފައެވެ.