އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދު
މއ.ކޮޕީގެ

           ކޮޕީ މުޙައްމަދު ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިޢު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރެއިން، ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އަދި، ފަތްތޫރައިގައިވެސް، މުޙައްމަދު ރަޝީދުގެ ޅެންތައް ޝާއިޢު ކުރައްވާފައިވެއެވެ. މުޙައްމަދު ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށް ގިނަ އަދަދަކަށް ލަވަވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަށް، އެމުބާރާތްތަކުން ޅެންވެރިކަމުގެގޮތުން މަތީ ވަނަތައް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.  ދީނީ ޅެންހެދުމުގެ މުބާރާތުގައިވެސް ބައިވެރިވެވަޑައިގެން، މަތީވަނަތައް ހޯއްދަވާފައިވާ ބޭފުޅެއްވެސްމެއެވެ. އަދި މުޙައްމަދު ރަޝީދުގެ އަމިއްލަ ލަވަ ހިމެނޭ 11 ލަވަ އަލްބަމް ނެރުއްވާފައިވެއެވެ. މީގެތެރޭގައި މަދަޙަ އަލްބަމެއްވެސް ހިމެނެއެވެ. މީގެ އިތުރުން، "ފާގަތި ޙަޔާތެއް ހޯދުން" މި ނަމުގަޔާއި، "5 ބަޠަލުން" މިނަމުގައި މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތްވެސް ޝާއިޢުކުރައްވާފައިވެއެވެ. މިހާރުވެސް ހަތަރު ޅެންފޮތެއް އެކުލަވައިލުމުގެ މަސައްކަތް މުޙައްމަދު ރަޝީދު ކުރައްވަމުން އެބަގެންދަވައެވެ.