އަލްފާޟިލް މުޙައްމަދު ޝަފީޤު
ހ.ޝަފީގުގެ

މުޙައްމަދު ޝަފީޤަކީ، 1979ން ފެށިގެން، އިމާރާތް ފަރުމާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުން ފެށިގެން 1995އާ ދެމެދު، ސަރުކާރުން އިމާރާތް ކުރެއްވި ވަރަށް ގިނަ އިމާރާތްތައް ފަރުމާކުރެއްވުމާއި، އެތަންތާނގެ މަސައްކަތް ހިނގާނުހިނގާގޮތް ބައްލަވަމުން ގެންދެެވީ މުޙަންމަދު ޝަފީޤެވެ. މީގެތެރޭގައި، މާލޭ ޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި، މާލޭ ރޯޑް ކޮންސްޓްރަކްޝަން ޕްރޮޖެކްޓާއި، ހުޅުމާލެ ހިއްކުމުގެ ޕްރޮޖެކްޓާއި، ފުވައްމުލަކު ހާބަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް ހިމެނެއެވެ. އަދި، ބޭރުގެ އެހީގައި  ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ޝަފީޤު ބަލަހައްޓަވާފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، މާލޭ ހައުސިންގ ޕްރޮޖެކްޓާއި، މާލޭ ސީވޯލް ޕްރޮޖެކްޓާއި، މާލޭ ބްރޭކް ވޯޓަރ ޕްރޮޖެކްޓާއި، ޕައިލޮޓް ރޯޑް ޕްރޮޖެކްޓާއި، މާލޭ ޕްލޭނިންގ ޕްރޮޖެކްޓާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، އިސްލާމީ މަރްކަޒާއި، ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ މަސައްކަތްތައް ހިމެނެއެވެ.

       މުޙައްމަދު ޝަފީޤަކީ، ފަތުރުވެރިކަމުގެ ދާއިރާގައިވެސް ފަރުމާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރޭގައި، އަތުރުގައު އައިލެންޑް ރިޒޯޓާއި، ތުނޑުފުށި އައިލެންޑް ރިޒޯޓާއި، ކުރެއްދޫ އައިލެންޑް ރިޒޯޓާއި، ކޮމަންޑޫ އައިލެންޑް ރިޒޯޓާއި، ހއ. ދޮނަކުޅީގައި ހަދަމުންގެންދާ ޔޮޓްބަނދަރާއި ރިޒޯޓު އިމާރާތް ކުރުމުގެ މަސައްކަތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.

      މުޙައްމަދު ޝަފީޤަކީ، އިމާރާތް ކުރުމުގެ ފަންނުން މީހުން ތަމްރީނު ކުރެއްވުމަށާއި، އެރޮނގުން ކުރިއަށްދާން ބޭނުންވާ މީހުން ހޯއްދަވައި، އެމީހުންނަށް ތަމްރީނު ދިނުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.