ސިއްކަގޭ މުޙައްމަދު ނަސީމް
ހ.ސުނާރު

ސިއްކަގޭ މުޙައްމަދު ނަސީމަކީ، ރާއްޖޭގެ ތަޢްލީމީ ދާއިރާއަށް ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި، އެމަނިކުފާނުގެ ހިތްޕުޅުގައި ތަޢްލީމަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ، ސިޔާސީ ދާއިރާގައިވެސް ވަރަށްގިނަ ކަންތައްތަކެއް ފެނިވަޑައިގެން، އެތައް ކަންތައްތަކެއް ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެކެވެ.

މުޙަންމަދު ނަސީމަކީ، މަދްރަސަތުލް އަމީރު އަޙްމަދުންނާއި، މަދްރަސަތުލް މަޖީދިއްޔާގައި ތަޢްލީމު ހާސިލް ކުރައްވަން އުޅުއްވިއިރު، މަތީ ކާމިޔާބީތަކެއް ހޯއްދެވި ބޭފުޅެކެވެ. އެހެން ނަމަވެސް، އެމަނިކުފާނުގެ ހިތްޕުޅުގައި، އޭރު އޮތް ސަރުކާރާމެދު ނަފްރަތުގެ ޝުޢޫރުތަކެއް އުފެދުނީ، އެމަނިކުފާނާ ދޭތެރޭގައި ސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުންނެވެ. މުޅި މަދްރަސާއިން 1 ވަނަ ހޯދާ ދަރިވަރަކަށް، ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމުގެ ފުރްޞަތު ދެއްވާނެކަން އިޢްލާނު ކުރައްވައި، އެކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން، 1 ވަނަ ހޯއްދެވިނަމަވެސް، އެ ފުރްޞަތު ލިބިވަޑައެއްނުގަތެވެ. މިކަމުން ނަސީމްގެ ހިތްޕުޅަށް ކުރި ފުން އަސަރުގެ ނަތީޖާއަކަށްވީ، އެ ޅަ ސިކުނޑީގައި އޭރު އޮތް ދިވެހި ސަރުކާރާމެދު ވަރަށްބޮޑު ރުޅިވެރިކަމަކާއި ނަފްރަތުކަމެއް އުފެދިގެން ދިޔުމެވެ.

މަދްރަސީ ދައުރު ނިމިގެން، މާގިނަ ދުވަސްތަކެއް ނުވަނީސް، ސަރުކާރުގެ ވަޒީފާއެއް ލިބިވަޑައިގަތެވެ. އެހެންނަމަވެސް، އަހަރެއްހާ ދުވަހު އުޅުއްވުމަށްފަހު، އެ ވަޒީފާއިން ވަކިވެވަޑައިގަތީއެވެ. އޭގެފަހުން، ދެން މަސައްކަތް ކުރައްވަމުން ގެންދެވީ، ހެންވޭރު މާދޫގޭ އަލްމަރްޙޫމް ޢަލީ އަޙްމަދުގެ އަރިހުގައި، ޢަލީ އަޙްމަދުގެ މަސްއޫލުވެރިކަމުގެ ދަށުގައި އޭރު ނެރެމުންދިޔަ [މޯނިންގ ޕޯސްޓް] އާއި، [ވަގުތު] ނެރުއްވުމުގެ މަސައްކަތުގައެވެ. އަދި މަދްރަސަތުލް ޢާލިޔާ، އޭރުގެ ނަމުން ދަންނަވާނަމަ، މާދޫގޭ ކުޑަކުދިންގެ ކްލާސް ނުވަތަ ހަވީރު ކްލާސް، 1965 ވަނަ އަހަރު ދިވެހިވުޖޫދަށް އައުމުގައި، ޢަލީ އަޙްމަދުގެ އަރިހުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ނަސީމެވެ. ނަސީމް ދެނެވަޑައިގަންނަވާ ގޭގެއަށް ވަޑައިގެން، ބެލެނިވެރިންނާ ބައްދަލުކުރައްވައި، ކްލާސް އުފައްދާ ވާހަކަ އިޝްތިހާރު ކުރައްވައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ކްލާސް އުފެއްދެވުމުގައި، ޢަލީ އަޙްމަދު އަރިހުގައި މަސައްކަތް ކުރެއްވި މޭސްތިރިއަކީ ނަސީމެވެ.

ޢާލިޔާގައި ކިޔަވައިދެއްވަން ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު، އައްޑުއަތޮޅަށް ވަޑައިގެން، ހިތަދޫގައި މަދްރަސަތުލް ޙުސައިނިއްޔާ އުފައްދަވައި، ސީދާ ނަސީމްގެ ނާޒިރު ކަމުގައި ނުވަސަތޭކަވަރަކަށް ދަރިވަރުންނަށް ތަޢްލީމު އުނގަންނައިދެއްވިއެވެ. އަދި ފަހުން، އައްޑޫ އިންގްލިޝް ސްކޫލްގެ ނަމުގައި ހިތަދޫގައި ސްކޫލެއް ރަޖިސްޓަރީ ކުރައްވައިގެން، ރާއްޖެއިން ބޭރުން ޕްރިންސިޕަލެއް ގެންނަވައިގެން، އެ ސްކޫލް ހިންގެވިއެވެ.

ނަސީމުގެ ޙަޔާތުގެ ބޮޑުބައިގައި ޚިދްމަތް ކުރެއްވީ، ތަޢްލީމީ ދާއިރާގައި ކަމަށްވިޔަސް، އެމަނިކުފާނަށް ފެނިވަޑައިގެންނެވި ދިވެހިރާއްޖެއަކީ އެއްވެސް ބާވަތެއްގެ އިންސާނީ ޙައްޤަކަށް އެއްވެސް ޙުރްމަތެއް ބަހައްޓަވާ ޤައުމެއް ނޫނެވެ. ވާނުވާ ނޭނގި ޖަލަށްލުމާއި، މިކަހަލަ ކަންތައްތައް ގިނަވަމުން ގޮސް، 1967 ވަނަ އަހަރު ނަސީމްވެސް ޖަލަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. 11 މަސްދުވަހު ޖަލުގައި އޮންނެވިއިރު، އޭރު ޖަލުގައި ކުރެވެމުންދިޔަ ބޮޑެތި އަނިޔާތައް ވަނީ ދެކެވަޑައިގެންފައެވެ.

މިފަދަ އަނިޔާތައް މީހުންނަށް ދިނުން އިތުރުވަމުން ދިޔުމާއެކު، އެފަދަ އަނިޔާތަކުގެ ވާހަކަތައް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސަމާލުކަމަށް ގެންނަވައި، އެކަންތައްތަކުގެ ވާހަކަ އެތަނަށް ލިޔުއްވަން ފެށްޓެވިއެވެ. މިފަދަ ސިޓީއެއް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތަކަށް އެންމެ ފުރަތަމަ ފޮނުއްވައި، އެކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވި ބޭފުޅަކީ، ނަސީމެވެ. އެހެން ނަމަވެސް، ނަސީމުގެ ގާތް ރަޙްމަތްތެރިން އެކަމާ އޭރު ވަރަށް ބޮޑަށް ދެކޮޅުހެއްދެވިއެވެ. މި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ފަރާތުން ދެފަހަރެއްގެ މަތިން ރާއްޖެއަށް ވަފްދެއް ފޮނުއްވި ޚަބަރުވެސް ނަސީމުވަނީ އައްސަވާފައެވެ.

ނަސީމް، ސިޔާސީ ބޭފުޅަކަށްވެ، އެމަނިކުފާނު ދައްކަވާ ވާހަކަތަކާ ދޭތެރޭގައި މީހުން ޖެހިލުންވާން ފެށުމުން، އެންމެފަހުން ރާއްޖެ ދޫކުރައްވައި ޕާކިސްތާނަށް ހިޖުރަ ކުރެއްވީއެވެ.

ސަރުކާރުގެ ޚިދްމަތާ ނަސީމް ފަހުން ގުޅިވަޑައިގަތީ، 1996 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އަތޮޅުވެރިޔާގެ ބަދަލުކަމުގެ މަގާމެވެ. މި މަގާމުގައި 12 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، ރާއްޖޭގެ 6 އަތޮޅު ފިޔަވައި، އެހެން ހުރިހާ އަތޮޅެއް، ވަގުތީގޮތުން ވަނީ ހިންގަވާފައެވެ. އަތޮޅުވެރިޔާގެ ބަދަލުގެ މަގާމުގައި ހުންނަވައިގެން، އަތޮޅުވެރިއެއްގެ މަސްއޫލިއްޔަތު އަދާކުރެއްވީ، ވަރަށް އިޚްލާޞްތެރިކަމާ އެކުގައެވެ. އަދި އޭރު އެކިއަތޮޅުތަކާއި ރަށްރަށުގައި ދިމާވަމުންދިޔަ މައްސަލަތައް ވަރަށް އޮމާންކަމާއި ޞުލްޙަވެރިކަމާއެކީގައި ޙައްލުކުރައްވަމުން ގެންދެވިކަން އެއީވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ކަމެކެވެ.