މުޙަންމަދު ޢުމަރު މަނިކު
މ.ރުއްކަރަ

މުޙަންމަދު ޢުމަރު މަނިކަކީ، ރާއްޖޭގައި އެންމެފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 16 ފެބްރުއަރީ 1972 ގައި ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް އައުމުން، އެމީހުން ރާއްޖޭގައި ތިބުމުގެ ކަންތައް ހަމަޖެއްސެވިއެވެ. މުސްތަޤްބަލުގައި މިކަން ރާއްޖޭގައި ކުރިއަށް ގެންދެވުމަށްޓަކައި އޭރު އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީވެސް މުޙައްމަދު ޢުމަރު މަނިކު ބައިވެރިވެވަޑައިގެން 1972 ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ.

މާލެއަތޮޅު ވިހަމަނާފުށީގައި 1972 ވަނަ އަހަރު ހުޅުވުނު 30 ކޮޓަރީގެ ޓޫރިސްޓް ރިޒޯޓަކީ، ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޓޫރިސްޓް ރިޒޯޓެވެ. ކުރުނބާވިލެޖްގެ ނަމުން ނަންދެވިފައިވާ މި ރިޒޯޓް 1986 ގައި އަލުން ތަރައްޤީކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ މަރުޙަލާއަކަށް ގެންދަވައި، ރާއްޖޭގެ ފުރަތަމަ 5 ތަރީގެ ހޮޓަލަކަށް މި ރިޒޯޓް ހެއްދެވިއެވެ. މި ރިޒޯޓް މިހާރު ހިނގަމުންދަނީ މުޙައްމަދު ޢުމަރު މަނިކުގެ ޗެއަރމަންކަމުގެ ދަށުން ހިންގަވާ ޔުނިވަރސަލް އެންޓަރޕްރައިސަސް ލިިމިޓެޑުންނެވެ.

ޔުނިވަރސަލް އެންޓަރޕްރައިސަސް ލިމިޓެޑްގެ ޗެއަރމަންކަމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައިވެސް މުހިންމު ދައުރެއް މުޙަންމަދު ޢުމަރު މަނިކު އަދާކުރައްވާފައިވެއެވެ. މިދަތުރުތައް ރާއްޖެއަށް ފެށިފައިވަނީ 31 އޮކްޓޯބަރ 1981 ގައެވެ. މި ފްލައިޓް ރާއްޖެއަށް ދަތުރު ފެށުމުން ޔޫރަޕާއި ރާއްޖެ ފުރަތަމަފަހަރަށް ވައިގެ މަގުން ސީދާ ގުޅުނީއެވެ. އަދި ޔޫރަޕްގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށްޓަވައި، ފުރަތަމަފަހަރަށް ޖަރމަންގެ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރުފު ކޮށްދެއްވުމަށް އެ ޤައުމަށް ދަތުރުފުޅު ކުރެއްވުމާއި، ހޮންގކޮންގއާއި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެންެނެވުމާއި، ތައިވާނުން ސީދާ ރާއްޖެއަށް [އީވާ އެއަރ] ގައި ފަތުރުވެރިން ގެންނެވުމުގައިވެސް ޢަމަލީގޮތުން މުޙަންމަދު މަނިކު ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖޭގައި ޓޫރިޒަމް ތަޢާރުފުވެ، އެ މަސައްކަތް ފުރަތަމަ ފެށުނު ހިސާބުން ފެށިގެން މުޙަންމަދު މަނިކުގެ އަމާޒަކަށްވީ، ރާއްޖެއަށް ފައިދާހުރި ގޮތްގޮތަށް އެމަސައްކަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. އެގޮތުން، ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެންނަވައިގެން، ރާއްޖޭގެ މީހުންނަށް ޓޫރިޒަމްގެ އެކިއެކި ތަމްރީނުތައް ދެއްވައި، ރާއްޖޭގެ ރިޒޯޓްތަކުގެ ފެންވަރު މަތިކުރެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރައްވައި، އެ ދާއިރާގެ އަމާޒާއި މިޞްރާބު ރަނގަޅު ކުރައްވައި، ކުރިމަގުގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުއްވުމުގެ މަޤްޞަދުގައި، މުޙަންމަދު ޢުމަރު މަނިކު އިސްނަންގަވައިގެން، 1992 ވަނަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އުފެއްދެވިއެވެ. އަދި މި އެސޯސިއޭޝަން އުފެދުނީއްސުރެ މިހާތަނަށްވެސް އެތަނުގެ ޗެއަރމަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވަނީވެސް އެމަނިކުފާނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި، މިއަދާ ހަމައަށްވެސް މުޙައްމަދު މަނިކު ހުންނެވީ، އަތުކުރި އޮޅާލައްވައިގެންނެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްޞަ ޤައުމެއްގެ ގޮތުގައި އަދި ރާއްޖޭގެ ރިޒޯޓްތަކަކީ، ވަރަށް ފެންވަރު ރަނގަޅު ރިޒޯޓްތަކަކަށް ހެއްދެވުމަށް މުޙަންމަދު މަނިކު ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. މި މަސައްކަތުގައި އެމަނިކުފާނުގެ ޙިއްޞާ ވަރަށްބޮޑެވެ.

މުޙަންމަދު ޢުމަރު މަނިކަކީ، އިޖްތިމާޢީ ރޮނގުންވެސް އެކިއެކި އެހީތައް ވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ. އުތުރުގެ އަތޮޅުތަކަށް ބޯޓެއް އަދި ދެކުނުގެ އަތޮޅުތަކަށް ބޯޓެއް ފޮނުއްވައި، ފެނަށް ޖެހިފައިވާ ރަށްރަށަށް ފެން ފޯރުއްވައިދެއްވި ދެއްވުން އެއީ، އެމަނިކުފާނުގެ ޚިދްމަތްތަކުގެ ތެރެއިން ހަނދާންކުރަންޖެހޭ ޚިދްމަތެކެވެ. މީގެއިތުރުން، އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަފުޅު ޚަރަދުގައި ތަމްރީނުކޮށްދެއްވާފައިވެއެވެ. އަދި ސްޕެޝަލައިޒްޑް ރޮނގުތަކުން ޑޮކްޓަރުން ތަމްރީނު ކުރެއްވުމަށްޓަކައި ޑޮކްޓަރުން ރާއްޖެއިން ބޭރަށް ފޮނުއްވިކަމާއި، އަދި ބައެއް ޑޮކްޓަރުން ތަމްރީނުތައް ފުރިހަމަކުރެއްވުމަށްފަހު މިހާރު ޚިދްމަތުގައި ދެމިތިއްބެވިކަންވެސް ފާހަގަކުރެވެއެވެ. އަދި މިނޫން އެހެން ރޮނގުތަކުންވެސް ތަޢްލީމު ހާސިލުކުރުމުގެ ފުރްޞަތު ކުދިންނަށް ދެއްވަމުން ގެންދަވާކަން އެއީވެސް، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް މުޙަންމަދު ޢުމަރު މަނިކު ވެދެއްވާ ވަރަށް އަގުބޮޑު އެހީއެކެވެ.

މުޙަންމަދު ޢުމަރު މަނިކަކީ، 19 އަހަރަށްވުރެ ދިގު މުއްދަތުގައި ސަރުކާރަށްވެސް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ޚިދްމަތް ކުރައްވާފައިވަނީ، އެގްރިކަލްޗަރގެ ދާއިރާގައެވެ. ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 5 ޖޫން 1971 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރކަމުގެ މަޤާމެވެ. އޭގެފަހުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ފުރުއްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރގެ ނައިބުކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް ވަނީ އަދާކުރައްވާފައެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ، 31 ޑިސެމްބަރ 1990 ގައެވެ. އަދި އޭގެފަހުން އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދްމަތް ކުރައްވާފައިވެއެވެ. އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންކަން 18 އޯގަސްޓް 2004 ގައި ސަރުކާރުން ޙަވާލުކުރެއްވީއްސުރެ އެ ކުންފުނި ކުރިއެރުވުމުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވައެވެ.

މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.