ޙަބީބާ ޙުސައިން ޙަބީބު
މއ.މާންދޫވިލާ

ޙަބީބާ ޙުސައިން ޙަބީބަކީ، ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކިޔަވާ ވިދާޅުވީ، ހައިދަރުއާބާދުންނާއި، ސްރީލަންކާއިންނެވެ. ހައިދަރުއާބާދުން އުރުދޫ މީޑިއަމުން މެޓްރިކިއުލޭޝަން ހެއްދެވިއެވެ. ސްރީލަންކާއިން އިނގިރޭސިމީޑިއަމަށް ކިޔަވައި ވިދާޅުވެފައިވެއެވެ. ޙަބީބާ ވަނީ އިންޑިޔާނާ ޔުނިވަރސިޓީ އެމެރިކާއިން ފޯކްލޯރގެ ކޮރަސްޕޮންޑެންސް ކޯހެއްވެސް ފުރިހަމަކުރައްވާފައެވެ.

އެކަމަނާއަކީ، ދިވެހި ތާރީޚަށާއި، ދިވެހި އަދަބިއްޔާތަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ރާއްޖޭގެ ތާރީޚަށް ސަމާލުކަން ދެއްވައި، ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންނެވީ، 1955ން ފެށިގެން އައި އަހަރުތަކުގައި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސާއެއްގެ ވަޒީފާގައި ހުންނެވި ދުވަސްވަރު ތާރީޚު އުނގަންނަވައިދެއްވަން ފެށްޓެވުމާ ހިސާބުންނެވެ.

ލިޔުންތެރިކަމަކީ 1954 ވަނަ އަހަރުން ފެށިގެން ޙަބީބާ މިހާތަނަށްވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ. އެމަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް [މުންނާރު] ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު [ވިޔަފާރި މިއަދު]ންނެވެ. މިނޫނަސް އެދުވަސްވަރު ނުކުތް ވަރަށްގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިޢު ކުރައްވާފައިވެއެވެ. [އަދަބީ ޝުޢޫރު] އާއި، [ޖިންސުއްލަޠީފް] އާއި، [ހުވަނދު] އާއި، [މޫންލައިޓް] އާއި،[އަމާޒު] އާއި، [ހިޔަލަ] ފަދަ ނޫސް މަޖައްލާތަކަށް ޙަބީބާ ލިޔުއްވާފައިވެއެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން ފަތްތޫރަ މަޖައްލާއަށް ލިޔުއްވަމުން ގެންދަވައެވެ. ޙަބީބާ ލިޔުއްވައި ޝާއިޢު ކުރެއްވި ވާހަކަތަކުގެ ތެރޭގައި، [ފަތްމިނި] އާއި، [ނައުޝީން] އާއި، [އަޑު] ހިމެނެއެވެ. ޙަބީބާ ތަރުޖަމާ ކުރެއްވި ވާހަކަތަކުގެ ތެރެއިން މޝްހޫރުވި ވާހަކަތަކުގެ ތެރޭގައި، [ތަޤްދީރުގެ ނިޔާ] އާއި، [މަޢާފަށްވުރެ...!] ހިމެނެއެވެ.

ބޮޑުތަކުރުފާނު ވާހަކައިން މަޢްލޫމާތު ހޯއްދަވައި [މުޙަންމަދު ތަކުރުފާނު ދަ ގްރޭޓް]ގެ ނަމުގައި އެ ތަކުރުފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ޙަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި [ދިވެހި ތާރީޚަށް އަވަސް ކަޅިއެއް] މިނަމުގައި ދިވެހިބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ. މިއީ، ކިޔަވާކުދިންނަށް ފަސޭހަގޮތެއްގައި ދިވެހި ތާރީޚު އޮޅުންފިލުއްވައި ދެއްވުމަށް ޙަބީބާ ކުރައްވާފައިވާ މަސައްކަތްޕުޅެކެވެ. ދިވެހި ތަޚުތުގައި ރެދަލި ކުރެއްވި އައްސުލްޠާނާ ރެހެންދި ޚަދީޖާގެ މައްޗަށް އުރުދޫ ބަހުން ޙަބީބާ ޙުސައިން ޙަބީބް ވަނީ މަޒުމޫނެއް ލިޔުއްވާފައެވެ. އަދި ރާއްޖޭގައި ކުރިން ހުންނެވި ޕާކިސްތާން ހައިކޮމިޝަނަރ މަޒްހަރު ޤައްޔޫމުގެ އެދިވަޑައިގަތުމުގެ މަތިން އެހައިކޮމިޝަން މެދުވެރިކޮށް، ބޭނަޒީރު ބުއްޓޫގެ ބޮޑުވަޒީރުކަމުގެ ދައުރުގައި އެކަމަނާއަށް ވަނީ އެ ލިޔުން ފޮނުއްވާފައެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުޢާވިނާކަމެވެ. އޭގެފަހުން، 2 ނަންބަރު މުދައްރިސާ ކަމާއި، ޚާއްޞަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވާރލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.

ސަރުކާރުގެ ޚިދްމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ. 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދްމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައެވެ. ޤައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޤަރުނުފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢްލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ޘަޤާފަތާބެހޭ މަޢްލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

މިހާރުވެސް އެކަމަނާ ގެންދަވަނީ އެކިއެކި ފޮތްތަކާއި ލިޔުއްވުންތައް ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން، [އިސްލާމީ ތާރީޚު 1] އާއި، [އިސްލާމީ ތާރީޚު 2] ވަނީ އެކިއެކި ދިރާސާތައް ކުރެއްވުމަށްފަހު އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ. [އިސްލާމީ ތާރީޚު 1] ވަނީ ޗާޕު ކުރައްވާފައެވެ. [ފޯކްލޯ] އާ ބެހޭގޮތުން އެކިއެކި މަޒުމޫނުތައް ލިޔުއްވައި، ދުވަހު ނޫސް [މިއަދު] އަށާއި ފަތްތޫރައަށް ފޮނުއްވިއެވެ. އަދި ޒަމާނީ ފޯކްލޯއަކީ ޢިލްމެއް ކަމަށްވާތީ، އެކަމާ ގުޅޭ ފޮތެއް ލިޔުއްވުމުގެ މަސައްކަތް ޙަބީބާ ވަނީ ފަށްޓަވާފައެވެ.

ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމު ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ނޫސްވެރިކަމުގެ ރަން ގަލަންވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ވަރަށް މުރާލިކަމާއެކު ލިޔުންތެރިކަމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. ހިތްޕުޅުހެޔޮ އޯގާތެރި ބޭފުޅެކެވެ.