ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް
ހ.ވިލާޑިސޯސަން

ދިވެހި ބޭސްވެރިކަމުގެ ރޮނގުން މުޅި ރާއްޖެއަށް މަޝްހޫރު މަރްޙޫމް ނައިފަރު ދޮންކަލޭފާނުގެ ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި، ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވެގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރަކަށް ވެވަޑައިގަތުމުގެ ޝަރަފް، ޑޮކްޓަރ ޢަބްދުﷲ އަށް ވަނީ ލިބިވަޑައިގެންފައެވެ. 1964 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައި ޚިދްމަތް ފެށްޓެވި ޑޮކްޓަރ ޢަބްދުﷲ އަކީ ލޮލުގެ ޚާއްޞަ ޑޮކްޓަރެކެވެ. ޚިދްމަތް ފެށްޓެވިއިރު، އޭރު ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ދަތިކަމަކީ ލޮލުގެ އެއްވެސް ބާވަތެއްގެ ބޭހެއް ނެތްކަމެވެ. އަދި އޮޕަރޭޝަނަށް ބޭނުންވާ ސާމާނުވެސް ރާއްޖޭގައި އޭރު ނެތުމުން، އޭނާއަށް ޖެހިވަޑައިގަތީ ޢާންމު ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދެވުމަށެވެ.

އޭގެ ދުވަސްތަކެއް ފަހުން، ބަލިމީހުންނަށް ފަރުވާ ދެއްވުމަށް ކޮންމެ ތިންމަހުން އެއްމަހު ރާއްޖޭގެ އެކިރަށްރަށަށް ވަޑައިގަތުމަށް ސަރުކާރުން އެމަނިކުފާނަށް އަންގަވައިފިއެވެ. އޭރު ދަތުރުތައް ކުރެއްވީ، ގޯލްޑަން ރޭގައެވެ. އެދުވަސްވަރަކީ ހެލްތް ސެންޓަރުތައްވެސް ނުހުންނަ ދުވަސްވަރަށްވުމާއެކު، މީހުންނަށް ފަރުވާ ދެއްވަމުން ގެންދެވީ، ބޮޑެތި އޮޑިހަރުގެ، އެކަމަށް ތައްޔާރުކުރައްވައިގެން، އެ ހަރުގެތަކުގައެވެ.

ލޮލުގެ އޮޕަރޭޝަނަށް ބޭނުންވާ ސާމާނު ލިބި، އެކަމަށް ތައްޔާރުވުމާއެކު، ފުރަތަމަ ލޮލުގެ އޮޕަރޭޝަން ކުރައްވަންވެގެން، މީހުން ހޯއްދެވުމަށް ސަރުކާރުން އެކަމަށް އިޢްލާނު ކުރެއްވިއެވެ. އެހެން ނަމަވެސް، އޮޕަރޭޝަން ކުރަން އަންނާނެ އެއްވެސް މީހަކު ނުވިއެވެ. އެއީ މީހުންގެ ވިސްނުން އޭރު ހުރިގޮތެވެ. އެފަދަ އޮޕަރޭޝަނެއް ދިވެހި ޑޮކްޓަރަކަށް ކުރެވޭނެ ކަމަކަށް އޭރު ޢާންމުން ގަބޫލެއް ނުކުރިއެވެ. އަދި އެއީ، އެންމެ މީހަކު ހުރެގެން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބައެއް މީހުން އައީ ބުނަމުންނެވެ. އެހެންނަމަވެސް، މާގިނަ ދުވަސްތަކެއްނުވެ، ލޮލުގެ އޮޕަރޭޝަން ކުރާނެ މީހަކު އަލްމަރްޙޫމް ކޮލި ޙަސަން އަޙްމަދު މަނިކު ހޯއްދަވައިދެއްވައިފިއެވެ. ލޮލުގެ އޮޕަރޭޝަންކޮށް، މިދެންނެވި މީހާގެ ލޯ އަލިވުމާ ގުޅިގެން، އޮޕަރޭޝަންގެ ކިޔު ދިގުވާން ފަށައިފިއެވެ.

ޑޮކްޓަރ ޢަބްދުﷲގެ ފާހަގަކޮށްލެވޭ ޚިދްމަތްތަކުގެ ތެރޭގައި، ކޯރނިއަލް ގްރާފްޓް (ދިރޭ ލޯ ޖެހުން) 1981 ވަނަ އަހަރު ރާއްޖެއަށް ތަޢާރުފް ކުރެއްވުން ހިމެނެއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫޢު ފެށުނު ދުވަސްވަރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީވެސް އެމަނިކުފާނެވެ.

ޑޮކްޓަރ ޢަބްދުﷲ، 41 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރެއްވިއިރު، ހޮސްޕިޓަލްގެ މުހިންމު މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. މިގޮތުން، ރަޖިސްޓްރާރ އިން އޮޕްތަލްމޮލޮޖީގެ މަގާމާއި، އައި ކޮންސަލްޓަންޓްގެ މަގާމުވެސް ފުރުއްވިއެވެ. އޭގެއިތުރުން، މެޑިކަލް ސުޕްރިންޓެންޑެންޓެއްގެ ގޮތުންވެސް ޚިދްމަތް ކުރެއްވިއެވެ. 14 ޖަނަވަރީ 2007 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ މެޑިކަލް ސުޕަވައިޒަރ ކަމުގެ މަގާމުގައެވެ. ޑޮކްޓަރ ޢަބްދުﷲ އަކީ، އެމަނިކުފާނުގެ ޚިދްމަތް، ސަރުކާރުގެ ދާއިރާގެ އިތުރުން، އަމިއްލަފުޅު ގޮތުންވެސް ގިނަ ޢަދަދެއްގެ ބަޔަކަށް ދެއްވާފައިވާ ބޭފުޅެކެވެ.

ޑޮކްޓަރ ޢަބްދުﷲ އަކީ، ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅު މެންބަރުކަން، 14 އަހަރު ދުވަސް ވަންދެން ކުރެއްވި ބޭފުޅެކެވެ. އަދި ފާދިއްޕޮޅު ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.