މުޙައްމަދު ޒާހިރު
ހ.ބުރެވިމާގެ

މެދުގަނޑުވަރު ދޮށީ މަނިއްޕުޅުގެ މުޙަންމަދު ޒާހިރަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

މުޙަންމަދު ޒާހިރު މެދުނުކެނޑި 63 އަހަރަށްވުރެ ގިނަދުވަހު ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

5 އޯގަސްޓް 1942 ގައި މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގެން، މުޙަންމަދު ޒާހިރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި، ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އޭގެފަހުން ރައީސް މައުމޫންގެ ވެރިކަމުގައި، މުޙަންމަދު ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.

އެމަނިކުފާނު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަރކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި، ރަޖިސްޓްރޭޝަން ޑިވިޜަންގެ ވަކީލު ކަމުގެ މަގާމު ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ 3 އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.

މުޙަންމަދު ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމުގައި ހުންނަވައިގެން، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ވަނީ އަދާކުރައްވާފައެވެ.

މުޙަންމަދު ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް މުޙަންމަދު ޒާހިރަށްވަނީ ލިބިވަޑައިގެންފައެވެ.

މުޙަންމަދު ޒާހިރު، ސަރުކާރުގެ ޚިދްމަތުގައި 63 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، އެމަނިކުފާނަށް ވަނީ ރާއްޖޭގެ ސިޔާސީ އުދަރެހުގެ ކިތަންމެ މަންޒަރުތަކެއް ފެނިވަޑައިގެންފައެވެ. ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ ފަހަތްޕުޅުގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތް ކުރެއްވި ލާމަސީލު ނަމޫނާ ބޭފުޅެކެވެ. ވިދާޅުވި ބަސްފުޅެއްގައި ހިފެހެއްޓެވި، ހަރުދަނާ އުސޫލުތަކަކާއި، ހަމަތަކެއްގައި ހިފެހެއްޓެވި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ.