މުއުމިނާ ޙަލީމް
ގ.ނޫރާނީވިލާ

މުއުމިނާ ޙަލީމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ރާއްޖޭގެ ވަޒީރުކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކަށް ވެވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގެންފައިވަނީ އެކަމަނާއަށެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު، މިނިސްޓަރ އޮފް ހެލްތުކަމުގެ މަގާމަށް މުއުމިނާ ޢައްޔަންކުރެއްވީ، 6 ޖަނަވަރީ 1977 ގައެވެ. މަގާމުން ވަކިވެވަޑައިގަތީ، އެ ސަރުކާރު ބަދަލުވުމާ ގުޅިގެންނެވެ.

ނަރުސް ކަމުގެ ދާއިރާއަކީ މުއުމިނާގެ ހިތްޕުޅުގައި ވަރަށް ކުރިއްސުރެ ޝައުޤުވެރިކަން އުފެދިފައިވާ ދާއިރާއެކެވެ. އެހެންކަމުން، މުއުމިނާ ގަސްތުކުރެއްވީ، އެ ދާއިރާއިން ރާއްޖެއަށް ޚިދްމަތްތަކެއް ކޮށްދެއްވުމަށެވެ. ނަރސިންގގެ ރޮނގުން މަތީ ތަޢްލީމު ހާސިލުކުރެއްވުމަށްފަހު، ސްޓާފް ނަރުހެއްގެ ގޮތުން އޭރުގެ ގަވަރންމަންޓް ހޮސްޕިޓަލްގައި އެކަމަނާ ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 1963 ވަނަ އަހަރުއެވެ.

ގަވަރންމަންޓް ހޮސްޕިޓަލްގެ ތަރައްޤީއަށް މުއުމިނާ ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ، ހަނދާނުން ފޮހެވިގެންދާނޭ މަސައްކަތްޕުޅުތަކެއް ނޫނެވެ. މިގޮތުން، ހޮސްޕިޓަލްގެ މޭޓްރަންގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މުއުމިނާ ޙަލީމަކީ ހެލްތު މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޙާލަތަށް ރިޢާޔަތް ކުރައްވައި، އެވަގުތަކަށް ގެންނެވެން އޮތް މުހިންމު ބަދަލުތައް ގެންނެވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ހޯއްދަވައިގެން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އޭރު ގެންނެވި ބަދަލުތައްވެސް މިގޮތުން ފާހަގަކޮށްލެވެއެވެ.

1978 ވަނަ އަހަރު ރާއްޖޭގައި ވަރަށް ބާރަށް ފެތުރެމުންދިޔަ ކޮލެރާގެ ވަބާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރެއްވުމުގައި، ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، މުއުމިނާ ކުރައްވަމުން ގެންދެވި ބުރަ މަސައްކަތްޕުޅުތައްވެސް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މުއުމިނާ ޙަލީމަކީ އަޅުގަނޑުމެންގެ ވަރަށްގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާއަކީ، ހޮސްޕިޓަލުގައި ޚިދްމަތް ކުރެއްވިއިރުވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު ވަޒީފާއަށް ކަމޭހިއްތެވުމާއި، ގަޑިއަށް ފަރުވާބެހެއްޓެވުމުގައި ވަރަށް ރީތި ނަމޫނާއެއް ދެއްކެވި ބޭފުޅެކެވެ. މަޑުމައިތިރި ރިވެތި އަޚްލާޤެއްގެ ވެރިއެކެވެ. ބަލިމީހުންނަށް އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ޚިދްމަތް ކުރެއްވުމަކީ، މުއުމިނާއަށް އަބަދުވެސް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެކެވެ. އެދުވަސްވަރު ރާއްޖޭގެ ޙާލަތު ހުރިގޮތުން، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް، އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީ ވަރަށް ސާބިތުކަމާއި ހިތްވަރާ އެކުގައެވެ.

މުއުމިނާ ޙަލީމަކީ، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. 22 ފެބްރުއަރީ 1975 ން 15 މެއި 1975 އަށް އަދި 8 ޖޫން 1975 ން ފެށިގެން އެ ދައުރު ނިމެންދެން މާލޭގެ މެންބަރުކަމުގައި ދެމިހުންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަމަށް އެކަމަނާ ކުރިމަތިލައްވައި، އެ ގޮނޑި ވަރަށް ފަސޭހަކަމާއެކު މުއުމިނާ ކާމިޔާބު ކުރެއްވުމަކީ، އެކަމަނާއަށް މާލޭގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމެކެވެ.

މުއުމިނާ ޙަލީމަކީ ރާއްޖެއިން ބޭރުގައިވެސް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުވައިތުގެ ހޮސްޕިޓަލެއްގައި ޑައިރެކްޓަރ އޮފް ނަރސިންގގެ މަގާމުގައި 3 އަހަރު ދުވަހު ޚިދްމަތް ކުރެއްވިއެވެ.