މޭޖަރ ޖެނަރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު
ހ.ދިވަރު

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 1978 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މިލިޓަރީ ދާއިރާއިން ލިބިވަޑައިގެންނެވި ތަމްރީނާއި ތަޖުރިބާގެ އަލީގައި، ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ގިރިފުށީގައި ޓްރޭނިންގ ކޭމްޕެއް ޤާއިމުކޮށް ސިފައިންގެ ތަމްރީނުތައް ފެށިގެން ދިޔައީ މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ. 1986 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު ގިރިފުށީ ޓްރޭނިންގ ކޭމްޕް ހުޅުވި، އެ ކޭމްޕްގައި ތަމްރީން ދޭން ފެށުނީ، ޓްރޭނިންގ ޔުނިޓްގެ ކޮމާންޑަރުގެ ހައިސިއްޔަތުން މުޙައްމަދު ޒާހިރުގެ ވަރަށް މަތިވެރި ހިއްސާއެއް ލިބިގެންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށްޓަކައި އަމާޒެއް ކަނޑައެޅި، މަންހަޖެއް އެކުލަވައިލެވިގެން މަސައްކަތް ކުރަން ފެށުނު ފުރަތަމަ މަރުޙަލާއަކީ، މިއީއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު، ސިފައިންގޭގައި ތިއްބެވި އިސްބޭފުޅުންގެ ތެރޭގައި މުޙައްމަދު ޒާހިރަކީ، އަމިއްލަފުޅަށް ލީޑަރޝިޕް ނަންގަވައިގެން ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު، ދިފާޢުކުރައްވައި ދީން ޙިމާޔަތް ކުރެއްވުމަށްޓަކައި ހަށިގަނޑާއި ފުރާނަޔަށް ބެއްލެވުމެއްނެތި ސިފައިންގެ ވެރިޔާގެ އޯޑަރަށް ކިޔަމަންތެރިކަމާއެކު ޚިދުމަތް ކުރެއްވި ހިތްވަރުގަދަ ލީޑަރެކެވެ. އެދުވަހު ސިފައިންކުރި ޖިހާދުގައި ސިފައިންނަށް މަގުދައްކަވައިދެއްވި، ދިވެހިންނަށް ނަޞްރާއި ފަތަޙަ ހޯއްދަވައިދެއްވުމަށްޓަކައި ސިފައިންނަށް ކޮމާންޑް ކުރެއްވި ހިތްވަރުގަދަ ކޮމާންޑަރެކެވެ.

މުޙައްމަދު ޒާހިރު ވަނީ ސިފައިންގެ ތަފާތު ރޭންކްތަކުގައި ޚިދުމަތް ކުރައްވާފައެވެ. މިގޮތުން، ލެފްޓެނަންޓް ކަމުގެ ރޭންކްގަޔާއި، ފަސްޓް ލެފްޓެނަންޓް ކަމުގެ ރޭންކްގަޔާއި، ކެޕްޓަން ކަމުގެ ރޭންކްގަޔާއި، މޭޖަރ ކަމުގެ ރޭންކްގަޔާއި، ލެފްޓެނަންޓް ކާނަލް ކަމުގެ ރޭންކުގަޔާއި، ކާނަލް ކަމުގެ ރޭންކްގައި ޚިދުމަތް ކުރެއްވިއެވެ. އަދި 11 ނޮވެމްބަރު 1993 ގައި ބްރިގޭޑިއަރގެ ރޭންކަށް ބަދަލުކުރައްވައި މަޤާމުގެ ކުރިއެރުން ދެއްވައި، ޑެޕިއުޓީ ޗީފް ސްޓާފްގެ މަޤާމަށް އެމަނިކުފާނު އިސްކުރެއްވިއެވެ. 1 ޖެނުއަރީ 1996 ގައި ޗީފް އޮފް ސްޓާފްގެ މަޤާމަށް އެމަނިުފާނު އިސްކުރައްވައި، 29 އޭޕްރީލް 2004 ގައި އެމަނިކުފާނު، މޭޖަރ ޖެނެރަލް ކަމުގެ ރޭންކަށް ހަމަޖެއްސެވިއެވެ.

ސިފައިންނަށް ދެވޭ ޕްރޮމޯޝަން، އިންޞާފާއި ހަމަހަމަކަމާއެކު ދިނުމަށްޓަކައި ފުރަތަމަ އެކުލަވައިލެވުނު ޕްރޮމޯޝަން ބޯޑުގެ ޗެއަރމަންގެ ހައިސިއްޔަތުން އިސްވެ ހުންނަވައި އެކަށައެޅުއްވި ހަރުދަނާ ނިޒާމާއި ގެންގުޅުއްވި އުސޫލުތައް ވެގެންދިޔައީ މި މުއައްސަސާގެ ހައިރާކީ، އެންމެ ފުރިހަމަގޮތުގައި ބައްޓަންވެގެންދާން މެދުވެރިވި ސަބަބެއް ކަމުގައެވެ.

ޤައުމީ ރޫޙާއި ޤައުމީ ލޯތްބާއެކު، މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވަނީ ހުޝިޔާރުކަމާއި ޤާބިލުކަމާއެކު، ހުރިހާ ސިފައިންގެ ލޯބި ހޯއްދަވައިގެން ހުންނެވި ވެރިއެއްގެ ގޮތުންނެވެ. ދިވެހި ސިފައިންގެ ގައުމީ ޚިދުމަތުގައި ޙަރަކާތްތެރިވެވަޑައިގެން ދައްކަވައި ދެއްވާފައިވަނީ، ތެދުވެރިކަމާއި ވަފާތެރިކަމުގެ ވަރަށް ފުރިހަމަ މިސާލެކެވެ. 12 މޭ 1979 ގައި މާލޭގެ ފަޅުން ބިންހިއްކަން ވެލި ހަދިޔާކުރުމަށް ސިފައިން ކޮށްފައިވާ ބުރަ މަސައްކަތުގެ އިތުރުން، 10 އެޕްރީލް 1987 ގައި މާލެއަށް ބޮޑުރާޅު އެރުމުގެ ހާދިސާއާ ގުޅިގެން، މުޙައްމަދު ޒާހިރު އަދާކުރެއްވި އިސްރޯލް ފާހަގަވެގެންދެއެވެ. 17 މާރިޗު 2004 ގައި އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެ ސަރަޙައްދަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުޅުތަކާއި، 26 ޑިސެމްބަރު 2004 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ކުރަމުންދިޔަ ބުރަ މަސައްކަތުގައި އެމަނިކުފާނު ދެއްކެވި ލީޑަރޝިޕްގެ ސަބަބުން ރައްޔިތުން ބޭނުންވެގެން އެދުނު ކޮންމެ ހިނދެއްގައި ވަގުތުންވަގުތަށް ސިފައިންގެ ޚިދުމަތް ދެވިފައިވާކަން ފާހަގަކުރަންޖެހެނީ ފަޚުރުވެރިކަމާއެކުގައެވެ.

މުޙައްމަދު ޒާހިރަކީ، ކޮންމެ ކަމެއްވެސް ކުރައްވަން ފެށްޓެވުމުގެ ކުރިން، އެކަންކަމާމެދު އެހެން މީހުންގެ މަޝްވަރާއާއި ލަފާ ހޯއްދެވި، ދުރަށް ވިސްނާވަޑައިގެންނެވި ހިންގުންތެރި ވެރިއެކެވެ. ދިވެހި ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރެއްވުމަށާއި، ރާއްޖޭގެ ކަންކޮޅުތަކަށް ސިފައިންގެ ޚިދުމަތް ފުޅާކުރެއްވުމަށާއި، ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގައި މުޙައްމަދު ޒާހިރުގެ ވަރަށްބޮޑު ހިއްސާއެއް އޮތްކަމާމެދު ޝައްކެއްނެތެވެ. ސިފައިންގެ ޚިދުމަތް ވީހާވެސް ފުރިހަމައަކަށް ރައްޔިތުންނަށް، ގާތުން ފޯރުވައިދިނުމަށްޓަކައި، ކޯސްޓްގާރޑުގެ ޚިދުމަތާއި، އަލިފާން ނިއްވުމުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށް ދެއްވި އިސްކަމާއި، ސިފައިންގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށް ދެއްވި ސަމާލުކަމުގެ ސަބަބުން މިއަދު ސިފައިންނާމެދު ރައްޔިތުން ކުރާ އިތުބާރު މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ސިފައިންގެ އެންމެހައި ކަންތައް އިންތިޒާމް ކުރެއްވުމަށް އުފެއްދެވި ބޯޑުތަކާއި، ކޮމެޓީތަކާއި، އެކުލަވައިލެއްވި ގަވާއިދުތައް ހައްދަވައި ހިންގެވުމުގައްޔާއި، ސިފައިންގެ ގާނޫނު ވުޖޫދަށް ގެނައުމުގައި އެމަނިކުފާނު ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށްލަން ޖެހެނީ ޝުކުރުވެރިކަމާއެކުގައެވެ.

ސިފައިންގެ ޚާއްޞަ މަސައްކަތްތައް ހިނގަމުންދާއިރު، އެތަންތަނަށް ވަޑައިގެން، އެކަންކަމުގައި ބައިވެރިވެވަޑައިގެންނެވުމަކީ އުފަލެއް ކަމުގައި ހެއްދެވިއެވެ. ދެއްވަންޖެހޭ އިރުޝާދާއި ލަފާ ދެއްވުމަކީ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގެންނެވިއެވެ.

ސިފައިންގެ ޚިދުމަތުގައި އަދާކުރެއްވި މަތިވެރި ދައުރުގެ ސަބަބުން، ތަފާތު ދަރަޖައިގެ ޝަރަފުގެ ނިޝާންތައް މުޙައްމަދު ޒާހިރު ވަނީ ހާސިލުކުރައްވާފައެވެ. އޭގެތެރެއިންވެސް ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ސިފައިން އެދުވަހު ކުރި ޖިހާދުގައި އެމަނިކުފާނު ދައްކަވައިދެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކުގެ ސަބަބުން ލިބިވަޑައިގެންނެވި [ހުރަވީ ރަންމެޑަލް] ނުވަތަ މެޑަލް ފޯރ އެކްސެޕްޝަނަލް ބުރޭވަރީ ފާހަގަކޮށްލެވެއެވެ. އަދި ސިފައިންނަށް ދެވޭ އެންމެ މަތީ ޢަސްކަރީ މެޑަލް ކަމުގައިވާ [ޣާޒީގެ އެންމެ މަތިވެރި ޢަސްކަރީ ޝަރަފު] އެމަނިކުފާނަށް އެރުވުނީ 3 ނޮވެމްބަރ 2008 ގައެވެ.

ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިންވެސް، މުޙައްމަދު ޒާހިރަކީ 1971 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ތަފާތު ދާއިރާތަކުގައި މުޙައްމަދު ޒާހިރުވަނީ ޚިދުމަތް ކުރައްވާފައެވެ. ސިފައިންގޭގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއިރު އެމަނިކުފާނު ހުންނެވީ އެސް.ޓީ.އޯ.ގެ މެނޭޖަރުގެ މަގާމުގައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިފައިންގެއަށް ޚިދުމަތް ކުރައްވާފައިވާއިރު، އެމަނިކުފާނަކީ، ސިފައިންގެ ތެރޭގައި ގިނަ ގޮތްގޮތުން ފާހަގަވެގެންދާ ހިތްވަރުގަދަ ބޭފުޅެކެވެ. ސިފައިންގެ ކަންކަން ރަނގަޅު ކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރެއްވި އުސްތާޛެކެވެ. މިއަދުގެ ދަރިންނަށް ހުރި ވަރަށް ފުރިހަމަ ލާމަސީލު މިސާލެކެވެ.