އިސްމާއީލް ފަތުޙީ
މ.އަވީލާ

އިސްމާޢީލް ފަތުޙީ، ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދަނީ، ރާއްޖޭގެ އޮޑިޓް ދާއިރާގަޔާއި މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ރާއްޖޭގެ އޯޑިޓް އޮފީސް ހަރުދަނާ އުޞޫލުތަކެއްގެ މަތިން ހިންގެވުމުގެ ޢަމަލީ މަސައްކަތްތައް ފެށްޓެވި ބޭފުޅަކީ އިސްމާޢީލް ފަތުޙީއެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވަރސިޓީއިން ކޮމާސް ޑިގްރީއެއް ހާސިލު ކުރައްވައިގެން، 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޯޑިޓް އޮފީހުގެ އޮޑިޓަރ ކަމުގެ މަޤާމު އެމަނިކުފާނަށް ދެއްވިއެވެ. ކޮމާސް ޑިގްރީއެއް ހާސިލު ކުރައްވައިގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ބޭފުޅަކަށް ސަރުކާރުގެ އޯޑިޓް އޮފީހުގެ އޮޑިޓަރ ކަމުގެ ވަޒީފާ ދެއްވުމުން އެނގެނީ، ސަރުކާރަށް އެވަގުތު އޮޑިޓަރެއްގެ ޚިދުމަތް ބޭނުންވެފައިވާ މިންވަރެވެ. އެދުވަސްވަރު ސަރުކާރުގެ ބަޖެޓަށް ލިބޭ އާމްދަނީގެ ވަރަށްބޮޑު ބަޔަކީ، އަތިރީ މާފަންނުގޭ ޓްރޭޑިންގ އެކައުންޓް (އޭ.ޓީ.އޭ)ގެ ނަންބަރުތަކުން ލިބޭ ފައިދާއެވެ. އެ ނަންބަރުތަކުން ލިބޭ ފައިދާގެ ސަތޭކަ ޕަސެންޓް، ކޮންމެ އަހަރެއްގެ ބަޖެޓަށް ވައްދަންޖެހެއެވެ. އެހެންކަމުން، ކޮންމެ އަހަރަކުވެސް ސަރުކާރުގެ ވިޔަފާރީގެ ހިސާބުތައް އޯޑިޓްކުރަން ޖެހެއެވެ. ހިސާބުތައް އޯޑިޓް ކުރުމުގައި ކުރިމަތިވި އެންމެބޮޑު އެއް މައްސަލައަކީ، އެކަމަށް އެކަށީގެންވާ މުވައްޒަފުން ތަމްރީނު ކުރެވިފައި ނެތުމެވެ.

އެހެންކަމުން، މުވައްޒަފުން ތަމްރީނު ކުރެއްވުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އިސްމާޢީލް ފަތުޙީ ފެށްޓެވިއެވެ. މިގޮތުން އެކައުންޓްސް ދަސްކޮށްދެއްވުމަށް އިސްނަންގަވައިގެން ހިންގަވަން ފެށްޓެވި ކްލާހުގެ މުދައްރިސަކީ އެމަނިކުފާނެވެ. 18 މެއި 1969 ގައި ފެށުނު މި ކްލާހުގައި އޯޑިޓް އޮފީހުގެ ސެކްރެޓަރީއާއި ކާތިބުންގެ އިތުރުން، ސަރުކާރުގެ ކެޕިޓަލް ވަކިކުރެވިފައިވާ ތަންތާނގެ ކާތިބުންނާއި، ބޮޑު އިސްޓޯރުގެ ކާތިބުން ބައިވެރިކުރެއްވިއެވެ.

ރާއްޖޭގައި އެއްވެސްކަހަލަ ޓްރޭނިންގ އިންސްޓިޓިއުޓްތަކެއް އުފެދިފައި ނެތް ދުވަސްވަރެއްގައި، އެކައުންޓެންޓުން ތައްޔާރުކުރެއްވުމުގައި، އިސްމާޢީލް ފަތުޙީ އިސްނަންގަވައިގެން ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅުތަކަކީ މިދެންނެވީއެވެ. މީހުން ބިނާކޮށްގެން ނޫނީ، އިންސްޓިޓިއުޓެއްގެ ފުރިހަމަ ޚިދުމަތް ނުދެވޭނެކަމީ، އެމަނިކުފާނު އޭރުވެސް ޤަބޫލުފުޅު ކުރެއްވި ވަރަށްބޮޑު ޙަޤީޤަތެކެވެ. ސީދާ އޮފީސްތަކާބެހޭ ބަޖެޓް މަޢުލޫމާތާއި، ދުވަހުން ދުވަހަށް ބަޖެޓަށްވަމުންދާގޮތާއި، ބޮޑު އިސްޓޯރުގައި ހުރި ފައިސާގެ ހިސާބަކީ އަބަދު ބަލަމުން ގެންދަންޖެހޭ އެއްޗަކަށްވާތީ، އޯޑިޓް އޮފީހުގެ މުވައްޒަފުންނަށް މިކަމުގެ އިރުޝާދާއި ލަފާ ސީދާ ދެއްވަމުން ގެންދެވި ބޭފުޅަކީވެސް އިސްމާޢީލް ފަތުޙީއެވެ. އޭގެ ނަތީޖާއަކީ މި މަސައްކަތުގެ ތެރެއިން އޯޑިޓް ކުރުމުގެ މަސްއޫލިއްޔަތު ފަސޭހަކަމާއެކު އަދާކުރަމުން ގެންދިޔުމުގެ މަގު ތަނަވަސްވެގެންދިޔުމެވެ.

ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު، ފޮތެއްގެ ސިފައިގައި ފުރަތަމަ ނެރުމުގައިވެސް އިސްމާޢީލް ފަތުޙީގެ ހިއްސާ ވަރަށްބޮޑެވެ. މިދެންނެވި ގަވާއިދުތައް އެއްފޮތަކަށް ޗާޕުކުރައްވައިގެން އެންމެ ފުރަތަމަ ނެރުއްވީ 17 ޖެނުއަރީ 1974 ގައެވެ. އެއީ، ޕްރައިމް މިނިސްޓަރ އޮފީހުގެ ދަށުން އޯޑިޓް އޮފީސް ހިނގަމުންދިޔަ ދުވަސްވަރުގައެވެ.

ސަރުކާރުގެ ފައިސާއާއި މުދަލާއި ތަކެތީގެ ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއަށް، ޚާއްޞަކޮށް، އޯޑިޓް އޮފީހަށް ބޭނުންވާ މީހުން އުފެއްދުމުގެ ޙަރަކާތްތައް، އަހަރުތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު، 1981 ވަނަ އަހަރު އަލުން ފެށުނު ކްލާސްތަކުގައިވެސް ކިޔަވައިދެއްވީ އިސްމާޢީލް ފަތުޙީއެވެ.

ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވުނުއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުގައި  އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ ވިޔަފާރީގެ ތަރައްޤީގައި ބޭންކެއްގެ ޚިދުމަތް ނިހާޔަތަށް ބޭނުންވެފައިވާތީ، އެ ބޭންކް އުފެއްދެވުމުގައި ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރު ހިމެނިފައިވާ ކުންފުނި ކަމަށްވާ [އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީ] އާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅަކީ ފަތުޙީއެވެ. އަދި ކަމާބެހޭ އެގްރީމެންޓް އެކުލަވައިލުމުގަޔާއި، ބޭންކަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމަށް ކުރެވުނު މަސައްކަތްތަކުގައި ފަތުޙީގެ ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

އިސްމާޢީލް ފަތުޙީއަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޯޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެން ނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި، ތަރައްޤީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. ބަޖެޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ބަޖެޓް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު، ޑިރެކްޓަރ އޮފް ފިނޭންސާ ހަވާލުކުރެއްވި ހިސާބުން ފެށިގެން ފަތުޙީ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ހަނދާންކޮށްލަން ޖެހެއެވެ. ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކުރައްވާ ސުވާލުތަކަށްވެސް ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނެވެ. ޑިރެކްޓަރ އޮފް ފިނޭންސްގެ މަޤާމުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ކަމުގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

11 ނޮވެމްބަރ 1993 ގައި އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއެވެ. އެދުވަހުން ފެށިގެން އޯޑިޓް އޮފީސް ރާއްޖޭގެ ތަރައްޤީއާ އެއްފެންވަރަށް ގެންނަވައި، ހަރުދަނާ ކުރެއްވުމަށްޓަކައި ތަފާތު މަޝްރޫޢުތައް ހިންގަވައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ކުރައްވާފައިވެއެވެ. އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމަށް 16 ޖެނުއަރީ 2008 ގައި އިސްމާޢީލް ފަތުޙީ ހަމަޖެއްސެވިއިރު، އެމަނިކުފާނު ހުންނެވީ އޮޑިޓަރ ޖެނެރަލް އަދި މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަޤާމުގައެވެ.

1981 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުމުގައިވެސް އިސްމާޢީލް ފަތުޙީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ވައިސް ގަވަރނަރ ކަމުގެ މަޤާމު އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަތެވެ. ބޭންކްތަކާއި މަނިޓަރީ އޮތޯރިޓީއާ ދެމެދު ހިނގާ މުޢާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓެވުމުގަޔާއި، ޤައުމުގެ ތަރައްޤީއަށް ފަހިވާނެ ގޮތެއްގައި، އެ އޮތޯރިޓީގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ގަވަރނަރކަމާއި އޯލްޓަރނޭޓް ގަވަރނަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. ޤައުމީ ތަރައްޤީގެ މަސައްކަތުގައި މިދެންނެވި މާލީ އިދާރާތަކާއި ސަރުކާރާ ދެމެދު ހިންގުނު ގިނަގުނަ މުޢާމަލާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި އެންމެ މުހިންމު އެއް އިދާރާ ކަމަށްވާ ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމުގައި އިސްމާޢީލް ފަތުޙީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް އިސްމާޢީލް ފަތުޙީ، ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ.

އިސްމާޢީލް ފަތުޙީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުން ގެންގުޅުއްވި އުޞޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނުވަނީ ކޮށްދެއްވާފައެވެ. އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަޤާމެއް ފުރުއްވާފައިވަނީ، ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައެވެ.