އަނީސާ އަޙްމަދު
މ.ލޮނުވެލި

އަނީސާ އަޙްމަދަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގެ އަންހެން ބޭފުޅުންގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް މުހިންމު އަހަންމިއްޔަތުކަމެއް ދެއްވި ބޭފުޅެކެވެ.

ޘާނަވީ ތަޢުލީމު ނިންމަވައި، ރާއްޖޭގައި ފުރަތަމަ ބޭއްވުނު ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ފުރިހަމަކުރެއްވުމަށްފަހު، ރަޖިސްޓަރޑް ނަރސިންގ އެންޑް މިޑްވައިފް ކަމާއި، ނަރސިންގ އެޑްމިނިސްޓްރޭޝަންގެ ރޮނގުން އިންޑިއާއިންނާއި އޮސްޓްރޭލިއާއިން ކިޔަވައި ވިދާޅުވިއެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ގަވަރންމަންޓް ހޮސްޕިޓަލްގެ ސްޓާފް ނަރުހެއްގެ ވަޒީފާއިން 7 ޖޫން 1973 ގައެވެ. އެ ހޮސްޕިޓަލްގެ ސިސްޓަރ އިންޗާޖްގެ މަޤާމުވެސް އެކަމަނާ ފުރުއްވިއެވެ. އޭގެފަހުން، އެކަމަނާގެ ޚިދުމަތް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ވަކީލެއްގެ ގޮތުގައެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އެކަމަނާވަނީ އެމެރިކާއިން ތަޢުލީމު ހާސިލު ކުރައްވާފައެވެ.

އަނީސާ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ އޮފީހުގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްޝަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ. ރާއްޖޭގެ ފަރާތުން އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅެއްގެ ޝަރަފުވެސް އަނީސާވަނީ ހޯއްދަވާފައެވެ.

ސަރުކާރުގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިއިރު އެކަމަނާވަނީ ބައެއް ވުޒާރާތަކުގެ ވަޒީރުކަންވެސް ކުރައްވާފައެވެ. މިނިސްޓަރ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ މަޤާމަށް އެކަމަނާ އިސްކުރެއްވީ 9 އޮކްޓޯބަރ 2002 ގައެވެ. އަދި އޭގެފަހުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހެލްތް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމުވެސް އެކަމަނާ ފުރުއްވާފައިވެއެވެ.

ޤައުމީ ޚިދުމަތުގައި އެކަމަނާ މަސައްކަތްޕުޅު ކުރެއްވިއިރު، ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރައްވައި، އަންހެނުންގެ ޙައްޤުތަކަށް ބާރުއަޅުއްވައި، ވަކިން ޚާއްޞަކޮށް، ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް އަނީސާއަކީ ފާހަގަކޮށްލެވޭ އަންހެން ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ، 1997 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރެއްގެ ގޮތުގައެވެ. އޭގެ ދެއަހަރު ފަހުން ރައްޔިތުންގެ މަޖިލީހުގެ މުލަކަތޮޅު މެންބަރެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގެން، ދެ ދައުރު ފުރިހަމަކުރެއްވިއެވެ. 2005 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން ދިޔުމާއެކު، ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ޕާޓީގެ ޗީފް ވިޕްގެ މަޤާމު ތިން އަހަރު އެކަމަނާ ފުރުއްވިއެވެ. 2008 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް އެކަމަނާ ހޮވިވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅަކީވެސް އަނީސާ އަޙްމަދެވެ. ރާއްޖޭގެ ސިޔާސީ ދާއިރާއިން އެކަމަނާ ވަކިވެވަޑައިގަތީ، ރާއްޖޭގެ ސިޔާސީ މަސްރަޙު މާބޮޑަށް ހަލަބޮލިވެގެން ދިޔުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަނީސާ ޚިދުމަތް ކުރެއްވިއިރުވެސް ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި އެކިއެކި ޤާނޫނުތައް ހެދުމުގައި އަންހެނުންނަށާއި އަންހެން ކުދިންނަށް ޚާއްޞަކޮށް ބޭނުންވާ ކަންކަން، އެ ޤާނޫނުތަކުގައި ހިމެނުއްވުމަށް ބާރުއަޅުއްވައި ވަކާލާތު ކުރައްވާފައިވެއެވެ.

2010 ވަނަ އަހަރު [ހޯޕް ފޮރ ވިމެން]ގެ ނަމުގައި އަމިއްލަ ޖަމްޢިއްޔާއެއް އުފެއްދެވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވައި، އެމީހުން ބާރުވެރިކުރުވުމުގެ ބޭނުމުގައި އުފެއްދެވި ޖަމްޢިއްޔާއެކެވެ.

ޔުނައިޓެޑް ސްޓޭޓްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ދެއްވާ އިންޓަރނޭޝަނަލް ވުމަން އޮފް ކަރޭޖް އެވޯޑް، 2012 ވަނަ އަހަރު އަނީސާއަށް ވަނީ ލިބިވަޑައިގެންފައެވެ. މި އެވޯޑް އެކަމަނާއަށް ލިބިވަޑައިގެންނެވިކަން އެއީ، އަންހެނުންގެ ކަންކަމުގައި އިސްނެންގެވުމާއި، އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް އެކަމަނާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ ފެންވަރެއްގައި ބަލައިގަނެވިފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ ރައީސާއަކީވެސް އެކަމަނާއެވެ. ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހޯއްދަވައިދެއްވައި، އެމީހުންނަށް ކުރެވޭ އެކިއެކި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، އެކަންކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މިއަދުވެސް އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ފާހަގަކުރެވޭ މަސައްކަތްޕުޅުތަކެކެވެ.