ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
މއ.ކިނބިގަސްދޮށުގެ

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަޤާމުގައި ހުންނަވައިގެން އަދި އޭގެ ކުރިންވެސް، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ތަފާތު އެތައް ރޮނގަކުން ޚިދުމަތް ކުރެއްވި އަދި ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ ބާނީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވިދިވިދިގެން 5 އަހަރުގެ 6 ދައުރަށް، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ހޮވިވަޑައިގެން އެމަނިކުފާނު ވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ރައީސް މައުމޫން ކިޔަވައި ވިދާޅުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތީ، ވަރަށް ހަގު އުމުރުފުޅެއްގައެވެ. މިސުރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީގައާއި އަދި އެތާނގެ އެމެރިކަން ޔުނިވަރސިޓީއިން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ރާއްޖެއަށް އެނބުރި ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުވަނީ ކުޑަ ދުވަސްކޮޅަކު ނައިޖީރިއާގެ ކާނޯގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގެ ޢަބްދުﷲ ބަޔޭރޯ ކޮލެޖުގައި ކިޔަވައިދެއްވާފައިވެއެވެ.

ރާއްޖެ ވަޑައިގަތުމަށްފަހު އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަމާއި، ޝިޕިންގ ޑިޕާޓްމެންޓުގެ މެނޭޖަރުކަމާއި، ޓެލެފޯން ޑިޕާޓްމެންޓުގެ ޑިރެކްޓަރުކަމާއި، ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ޚާއްޞަ ވަކީލުކަން ހިމެނެއެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެމްބެސެޑަރގެ ނައިބުކަމާއި، އ.ދ. މަޖިލީހަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވާފައިވެއެވެ. އޭގެފަހުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް މަޤާމުތަކުގައި ހުންނަވައިގެން  ކުރެއްވި ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.

1970އިގެ އަހަރުތައް ނިމުމަކާ ގާތަށް އައިއިރު ދިވެހިރާއްޖެ އޭރު އޮތީ، ދުނިޔޭގައި އޮތް އެންމެ ފަޤީރު 5 ޤައުމުގެ ލިސްޓުގައެވެ. ބޭރު ދުނިޔެއަށް ދިވެހިރާއްޖެ ހުޅުވާލައި އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް އެވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ، ވައިގެ ދަތުރުފަތުރުގެ ދަތިކަމެވެ. މިގޮތުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓުގެ ނާއިބުކަމުގެ  މަގާމުގައި އަދި ފަހުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް ކަމުގެ މަގާމުގައި ހުންނަވައިގެން ހުޅުލޭ ވައިގެ ބަނދަރު އިތުރަށް ތަރައްޤީކޮށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރެވުނު މަސައްކަތަށް ބޭނުންވި ބޭރުގެ މާލީއެހީތެރިކަން ހޯއްދެވުމުގައާއި، އެއަރޕޯޓު ތަރައްޤީކުރެއްވުމުގައި މޭސްތިރިއަކަށް ހުންނަވައިގެން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަދާކުރެއްވީވެސް ވަރަށް މުހިންމު ދައުރެކެވެ.

ރައްޔިތުންގެ ވޯޓުން 92.9 އިންސައްތަ ހޯއްދަވައިގެން، ދިވެހި ޖުމްހޫރިއްޔާގެ 3 ވަނަ ރައީސްކަމުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންފައި ވަނީ  1978ގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ވިދިވިދިގެން 6 ދައުރު، ރައްޔިތުންގެ ވަރަށް މަތީ އަޣްލަބިއްޔަތަކާއެކު، އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފުރުއްވާފައެވެ. ރައީސް މައުމޫންގެ ޒަޢާމަތު ވެގެންދިޔައީ ދިވެހިރާއްޖެއަށް ތަފާތު ރޮނގުރޮނގުން ކުރިއެރުމާއި ތަރައްޤީ ލިބިގެންދިޔަ، ޤައުމީ ތަރައްޤީގެ ރަން އަހަރުތަކަކަށެވެ.

1978 ގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ބޮލަކަށްޖެހޭ މިންވަރަކީ 180 އެމެރިކާ ޑޮލަރަށްވުރެ މަދު އަދަދެއް ކަމުގައިވީއިރު، 2008 ގައި އެ އަދަދު ވަނީ 4500 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.

ރައީސް މައުމޫން ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ސަރުކާރުގެ އެންމެ 4 ސްކޫލެވެ. ލިޔަންކިޔަން ދަންނަ މީހުންނަށްވުރެ، ލިޔަންކިޔަން ނުދަންނަ މީހުން ގިނައެވެ. 2008 ގައި އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު، ސަރުކާރުގެ 221 ސްކޫލް ހިނގަމުންދިޔައެވެ. 1978 ގައި، 65 ޔުނިވަރސިޓީ ގްރެޖުއޭޓުން ތިބިއިރު، އެމަނިކުފާނުގެ ރިޔާސަތުގައި އެއަދަދު 4000 އަށް އިތުރުވެގެން ދިޔައެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އޮތީ ހުޅަނގުގެ ޤައުމުތަކާ ފައިހަމަކުރެވޭ މިންވަރުގައެވެ. 99 އިންސައްތައާ ގާތްކުރާ އަދަދެއްގައެވެ. ޞިއްޙީ ދާއިރާއަށް ބަލައިލާއިރު، ރައީސް މައުމޫންގެ ރިޔާސަތު ފެށުނުއިރު ތިބީ 23 ޑޮކްޓަރުންނާއި 74 ނަރުހުންނެވެ. 2008 ނިމުނުއިރު، 600 ޑޮކްޓަރުންނާއި، 1300 ނަރުހުންނާއި، 800 ކޮމިއުނިޓީ ހެލްތް ވާރކަރުން ޚިދުމަތް ކުރަމުންދިޔައެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ހަމަ އެންމެ ހޮސްޕިޓަލެކެވެ. އެމަނިކުފާނުގެ ޒަޢާމަތު ނިމުނުއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 22 ހޮސްޕިޓަލް ޤާއިމުވެފައި ހުއްޓެވެ. 1978 ގައި ރާއްޖޭގައި އޮތީ އެންމެ 15 ރިޒޯޓެވެ. އެ އަހަރު ރާއްޖެ އައީ 15,000 ފަތުރުވެރިންނެވެ. 2008 ގައި ރާއްޖޭގައި ހުރި ރިޒޯޓުގެ އަދަދު 100 އާ ގާތްކުރާ އަަދަދަކަށް އިތުރުވިއިރު، އެ އަހަރު 600,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

1978 ގައި، ޅަފަތުގައި ތުއްތުކުދިން މަރުވާ މިންވަރު އޮތީ ކޮންމެ 1000 އަކުން 120 ގައެވެ. 2008 އާ ހަމައަށް އައިއިރު، އެ އަދަދު ވަނީ 1000 އަކުން 10 އަށް ދަށްވެފައެވެ. 1978 ވަނަ އަހަރު ދިވެއްސެއްގެ އުމުރަކީ އެވްރެޖްކޮށް 48 އަހަރެވެ. އެމަނިކުފާނުގެ ޒަޢާމަތު ނިމުނުއިރު ދިވެއްސެއްގެ އެވްރެޖް ޢުމުރަކީ 73 އަހަރެވެ.

ދިވެހިންގެ ފަޚުރު ކަމުގައިވާ އިސްލާމީ ވަޙުދަތު ދެމެހެއްޓެވުމަށްޓަކައި ރައީސް މައުމޫން ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަފާތު އިސްލާމީ ފަންނުތައް ކިޔަވައިދެއްވުމަށްޓަކައި އުފެއްދެވި މަރުކަޒު [މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ] ހުޅުވިގެންދިޔައީ ހިޖުރީ 15 ވަނަ ޤަރުނުގެ މުނާސަބަތުގައި ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހުއެވެ. އެއީ، 1980 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެފަހުން ޢަރަބި ތަޢުލީމު ދޭ ދެވަނަ މަދަރުސާ [އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ] ހުޅުވިގެންދިޔައެވެ. ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅިން ފިލުވައިލެއްވުމަށްޓަކައި 1 ޖެނުއަރީ 1980 ގައި ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، އެމަނިކުފާނު ހިންގެވި މަޝްރޫޢުތަކުގެ ތެރެއިން ވަރަށް ކާމިޔާބު މަޝްރޫޢެކެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން، ހިޖުރައިން 1400 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، އޭރުގެ މުލީއާގޭގައި ރައީސް މައުމޫން ފެށްޓެވި ޤުރްއާން ކިޔެވުމާއި ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ ޕްރޮގްރާމަކީ މިގޮތުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިއެވެ. އޭރު ރާއްޖޭގައި ދީނީ ޢިލްމުވެރިން މަދުކަމާއެކު، އެ ޕްރޮގްރާމްގައި ގިނަ ތަޤްރީރުތަކެއް ކުރެއްވީ ޚުދު އެމަނިކުފާނެވެ. އަދި ރާއްޖެއިން ބޭރުގެ ވާޢިޡުންނާއި ޤާރީން ގެންނަވައި، މި ޕްރޮގްރާމް މުއްސަނދި ކުރެއްވިއެވެ.

އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ރަށެއްގައި މިސްކިތް ބިނާކުރައްވައި، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔެވުމުގެ ފަންނު ދިރުވުމަށް ޚިދުމަތް ކުރެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މީޑިއާ މެދުވެރިކުރައްވައި ތަފާތު ޕްރޮގްރާމްތައް އަމިއްލަފުޅަށް ކުރިއަށް ގެންދެވިކަން އެއީވެސް ހަނދާންކޮށްލަންޖެހޭ ކަންކަމެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށް ހުޅުއްވި ކީރިތި ޤުރްއާނާބެހޭ މަރުކަޒަކީވެސް އެމަނިކުފާނު ދީނީ ރޮނގުން ކުރެއްވި މަތިވެރި ޚިދުމަތެކެވެ. ރައީސް މައުމޫނަކީ، ދީނީ އަދި ޢިލްމީ ގިނަ ފޮތްތަކެއް ލިޔުއްވައި ޝާއިޢުކުރެއްވުމުގެ އިތުރުން [ދީނުގެ މަގު]ގެ ނަމުގައި ދީނީ ހަފްތާ މަޖައްލާއެއްވެސް ގަވާއިދުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުން ގެންދެވި ޢިލްމުވެރިއެކެވެ. އޭގެއިތުރުން، ވެރިކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުންވެސް އެމަނިކުފާނު ގެންދެވީ މެދުނުކެނޑި މުދައްރިސެއްގެ ދައުރު އަދާކުރައްވަމުންނެވެ. އިސްލާމީ ޝަރީޢަތާއި އުޞޫލުލްފިޤުހުގެ ޢިލްމުގެ ފިލާވަޅުތައް ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުންނަށް ގަވާއިދުން ނަންގަވައިދެއްވަމުން ގެންދެވިއެވެ.

އިސްލާމީ ރިވެތި އާދަކާދަ، ޤައުމުގައި ބިންވަޅު ނެގުމަށް ހަރުދަނާ ސިޔާސަތުތަކެއް ރޭއްވެވުމުގެ އިތުރުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ، ޢަރަބި އިސްލާމީ ޤައުމުތަކުގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެން ހުންނެވި ދީނީ ޢިލްމުވެރިއެއްވެސްމެއެވެ. އެމަނިކުފާނު މިރޮނގުން ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ރަމްޒުކޮށްދޭ ބިނާއަކީ، މާލޭގެ މޫނުމަތިން މިއަދުވެސް ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ހާމަކޮށްދޭ އިސްލާމީ މަރުކަޒުގެ ބިނާއެވެ.

ރާއްޖޭގެ އެންމެބޮޑު އާބާދީއެއް އޮތީ މާލޭ ސަރަޙައްދުގައި ކަމަށްވުމާއެކު، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސް މައުމޫންގެ ޒަޢާމަތުގައި ދެއްވި އަހަންމިއްޔަތުކަންވެސް އެއީ އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މުހިންމު ޚިދުމަތެކެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، މާލެއިން ހިއްކެންހުރި ސަރަޙައްދުތައް ހިއްކުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ. މިގޮތުން ހިއްކި ސަރަޙައްދުން އެތައް ބަޔަކަށް ގޯތި ދެއްވައި، ޞިނާޢީ އެކި މަޝްރޫޢުތަކަށް ބިން ޚާއްޞަކުރެއްވިއެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނު ފެށްޓެވި އެންމެ އަގުބޮޑު އެއް މަޝްރޫޢަކީ ހުޅުމާލޭ މަޝްރޫޢެވެ. 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެމަނިކުފާނު އިފްތިތާޙުކޮށްދެއްވި މި މަޝްރޫޢު ވެގެންދިޔައީ، ދިވެހިންގެ އެތައް ބަޔަކަށް އެތައް ހިތްހަމަޖެހުމަކާއި، ފޮނި އުންމީދުތަކެއް ގެނެސްދިން މަޝްރޫޢަކަށެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން އިފްތިތާޙުވެގެންދިޔައީ، އޭގެ 6 އަހަރުފަހުން 2004 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ރައީސް މައުމޫން ސިފަކުރައްވާފައިވާ ގޮތުންނަމަ، އެދުވަހަކީ ރާއްޖޭގެ ގިނަބަޔަކު ދެކެމުން އައި ފިނިފެންމަލުގެ ހުވަފެން ޙަޤީޤަތަކަށްވެގެންދިޔަ ދުވަހެވެ.

ރައީސް މައުމޫންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފާހަގަވެގެންދިޔަ އެއް މަސައްކަތްޕުޅަކީ، ސަރަޙައްދީ އެއްބައިވަންތަކަމަށާއި، އިސްލާމީ އުންމަތުގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ރައީސް މައުމޫނަކީ، ސަރަޙައްދީ ޖަމްޢިއްޔާ [ސާރކް]ގެ އެއް ބާނީއެވެ. އޭގެއިތުރުން، އެމަނިކުފާނަކީ، ބައިނަލްއަޤްވާމީ ބޮޑެތި ބައްދަލުވުންތަކުގައި ފަލަސްޠީނުގެ މައްސަލައިގައި މެދުނުކެނޑި ވަކާލާތު ކުރެއްވި ބަޠަލެކެވެ.

1987 ގައި ރައީސް މައުމޫން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވީ، އެ އަހަރު ވެންކޫވަރގައި އޮތް ކޮމަންވެލްތް ސަމިޓުގައާއި، އަދި އެ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ނުރައްކަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމާ ގުޅިގެންނެވެ. އެކަން ފާހަގަވެގެންދިޔައީ، ޤައުމެއްގެ އެންމެ އިސްވެރިއަކު މިމައްސަލައާމެދު އެންމެ މަތީ ފެންވަރުގައި އެންމެ ފުރަތަމަ އަޑުއުފުއްލެވި ފަހަރު ކަމުގައެވެ.

ރައީސް މައުމޫންގެ ޤައުމީ ޚިދުމަތުގެ ޞަފްޙާތަކުގެ ތެރެއިން ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަން، ބައިނަލްއަޤްވާމީ މައިދާނުގެ ސަމާލުކަމަށް ގެންނެވި ގެންނެވުން ހަނދާންކޮށްލަންޖެހެއެވެ. ރާއްޖޭގެ ތަޢުލީމީ އާ ޖީލެއް ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަވެގެންދިޔައެވެ. އެތަކެއް ހާސް ދިވެހި ދަރިވަރުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރަން ފުރުޞަތު ހުޅުއްވާލަދެއްވިއެވެ. އޭގެއިތުރުން، ދިވެހިންގެ ދުޅަހެޔޮކަމާއި، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމާއި، ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާކުރެއްވުމާއި، ޒުވާނުންނަށް ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކުރެއްވުމާއި، ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ޢާންމުކުރެއްވުމާއި، މަސްވެރިކަމުގެ ޞިނާޢަތު ފުޅާކުރެއްވުމާއި، ޤައުމީ ފުދުންތެރިކަން އެތައް ގުނައަކުން އިތުރުކުރެއްވުމާއި، ޚާރިޖީ ދާއިރާއިން ރާއްޖެ ކުރިއެރުވުމާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ޤައުމަކީ ކާމިޔާބު ޤައުމެއްކަމަށް ހެއްދެވުމުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި އަގުނުކުރެވޭ ޚިދުމަތްތަކުގެ ސަބަބުން، އެމަނިކުފާނު މިއަދު ފާހަގަކުރެވެނީ ރާއްޖެއަށް ޒަމާނީ ތަރައްޤީ ގެނެސްދެއްވި ބާނީގެ ގޮތުގައެވެ.

އޭގެއިތުރުން، އެމަނިކުފާނުގެ ޒަޢާމަތުގައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ދެފަހަރެއްގެ މަތިން އެކަށޭނަ ރަނގަޅު އިޞްލާޙުތަކެއް ގެންނަވާފައެވެ. މިއަދު މިފެންނަ ފެހި ޤާނޫނުއަސާސީގައިވާ، ޒަމާނީ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ ސިޔާސީ ޕާޓީގެ ނިޒާމާއި، ތަފާތު މިނިވަން މުއައްސަސާތަކާއި، ޒަމާނީ މިންގަނޑުތަކަށް ފެތޭ ގިނަ ޤާނޫނުތައް ވުޖޫދަށް އައީ، އެމަނިކުފާނުގެ އިސްނެންގެވުމަކުން 2004 ވަނަ އަހަރު ފެށްޓެވި ޒަމާނީ ޑިމޮކްރަސީގެ އިޞްލާޙީ ޕްރޮގްރާމްގެ ތެރެއިންނެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި 1988 ވަނަ އަހަރުގެ ނޮވެމްބަރ 3ގެ ޢުދުވާނީ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިންވެސް ހަނދާންކުރަންޖެހެއެވެ. އެއީ، އިސްލާމްދީނާއި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަރަށް މަތިވެރި ޤުރްބާނީއެކެވެ.

ރައީސް މައުމޫނަކީ، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ އަލްމަޖިލިސުލް ޢައުލާގެ ދާއިމީ މެންބަރެކެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ބޭރުގެ ތިން ޔުނިވަރސިޓީއަކުން ވަނީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. 1988 ވަނަ އަހަރު ޔުނެޕުން ވަނީ ރައީސް މައުމޫނަށް [ގްލޯބަލް 500]ގެ އިނާމު އަރުވާފައެވެ. އަދި، ތިމާވެށީގެ ރޮނގުން ޖަރުމަނުވިލާތުގެ [ޑީ.އާރު.ވީ] އިނާމާއި، އިޓަލީވިލާތުގެ [މޭން އޮފް ސީ] އިނާމުވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އޭގެއިތުރުން، އިންޑިޔާގެ [ޓެރީގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑު] 2008 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ބޭރުގެ ޢިއްޒަތްތެރިންނަށް އިނގިރޭސި ދައުލަތުން ދެއްވާ އެންމެ މަތީ ލަޤަބު [ޖީ.ސީ.އެމް.ޖީ] އަދި ދެކުނު ކޮރެޔާގެ އެންމެ މަތީ ޝަރަފު [ގްރޭންޑް އޯޑަރ އޮފް މުގުންގާވާ] އާއި، ސްރީލަންކާގެ އެންމެ މަތީ ޝަރަފު [މިތުރަ ވިބޫޝަނަ] ވެސް ރައީސް މައުމޫނަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ އިތުރުން، ޑަބްލިޔޫ.އެޗް.އޯ.ގެ [ހެލްތް ފޯރ އޯލް] ރަން މެޑަލާއި، [އަލްއަޒްހަރުގެ ޝީލްޑް] ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

އެމަނިކުފާނު ފެށްޓެވި އިޞްލާޙީ ޕްރޮގްރާމްގެ ތެރެއިން ވުޖޫދަށް އައި ސިޔާސީ ޕާޓީގެ ނިޒާމުގެ ތެރެއިން، ރައީސް މައުމޫން ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. ރައީސް މައުމޫން ދެވަނައަށް އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ރައީސް ކަމުގެ މަޤާމު މިއަދުވެސް ގެންދަވަނީ ފުރުއްވަމުންނެވެ. އަދި ހިލޭސާބަހަށް މަސައްކަތް ކުރުމާއި، ދިވެހިންނަށް އިޖުތިމާޢީ އެކި ރޮނގުތަކުން ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރެއްވުމަށް 2010 ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި، [މައުމޫން ފައުންޑޭޝަން]ގެ މުއައްސިސް އަދި ޗެއަރމަން ކަމުގެ މަޤާމު މިއަދުވެސް ގެންދަވަނީ ފުރުއްވަމުންނެވެ.