އަލްފާޟިލް އަޙުމަދު ވަޖީހު
މ. ހަޒާރުމާގެ

           އަޙްމަދު ވަޖީހު މިދާއިރާއަށް ވެދެވަޑައިގަތީ 1978 ވަނަ އަހަރުއެވެ. އޭނާއަކީ، ކުރެހުމާ އެއްގޮތަށް މަސްދޯނިފަހަރު ބަނުމުގެ ހުނަރު، ދިވެހި މާވަޑިންނަށް ތަޢާރުފު ކުރެއްވި މޭސްތިރިޔާއެވެ. ހަމައެހެންމެ، މަސްވެރިންނަށް ފަސޭހަވާނެގޮތަށް، ލައިން ޕްރޮޑަކްޝަންގެ އުޞޫލު ތަޢާރުފު ކުރައްވައި، އެ އުޅަނދަކުން ކުރާ ބޭނުމަކަށް ފަސޭހަވާނެ ގޮތަކަށް އުޅަނދު ފަރުމާކުރައްވައި، ފައިބަރގްލާސްއިން ދޯނިފަހަރު ބަނުމަށް ދިވެހިން ބޭނުންވުމާއެކު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ފީމެއިލް މޯލްޑެއް ތައްޔާރުކުރައްވައި، އެ މޯލްޑުން މަސްދޯނިފަހަރު ބަނުމުގެ މަސައްކަތް ފެށްޓެވި ބޭފުޅެއްވެސްމެއެވެ. އަދި ވައް އަތުރައިގެން ދޯނިފަހަރު ބަނުމުގެ ހުނަރު، ކިއްސަރު ވަޑާމުގެ ފަންނުގެ ތެރެއަށް ތަޢާރުފު ކުރެއްވި ބޭފުޅަކީވެސް، އަޙްމަދު ވަޖީހެވެ. 

          އަޙްމަދު ވަޖީހުގެ މަސައްކަތް، ޙަޤީޤަތުގައި މިދާއިރާގައި  ފެށިގެންދިޔައީ، އަލިފުށީ ބޯޓްޔާޑުގައި ސެކަންޑް ޖެނެރޭޝަންގެ ދޯނިފަހަރު ބަނުމުގެ މަސައްކަތް ފެށުނު ހިސާބުންނެވެ. މޯލްޑިވްސް ފިޝް ވެލްތް އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ބަނދެވުނު 100 މަސްދޯންޏާއި، ސެކަންޑް ފިޝަރީޒް ޕްރޮޖެކްޓްގެ ދަށުން ބަނދެވުނު 75 މަސްދޯނި އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ބަނދެވުނު 50 މަސްދޯނި ބަނދެވުނީ، އަޙްމަދު ވަޖީހުގެ މާވަޑިކަމުގެ ދަށުގައެވެ. ދިވެހި މަސްވެރިކަމަށާއި، އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތަށް މިހާރު އައިސްފައިވާ ކުރިއެރުމުގެ ފެށުމަކީ އެއީ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

        ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކިއްސަރު ވަޑާމުގެ މަސައްކަތް، ވަރަށް ގިނަ ބަޔަކަށް އަޙްމަދު ވަޖީހު ވަނީ ދަސްކޮށްދެއްވާފައެވެ. އަދި ހިލޭ ސާބަހަށް ރާއްޖޭގެ މާވަޑިންނަށާއި އަތްދަށު ވަޑިންނަށް އޮޑި ދޯނިފަހަރު ބަނުމުގެ މަޢްލޫމާތާއި، ރާއްޖޭގައި އޮޑި ދޯނިފަހަރު ބަންނަމުންދާއިރު، އަޙްމަދު ވަޖީހުވަނީ، ލަފަޔާއި އިރުޝާދު ދެއްވާފައެވެ.

       ރާއްޖޭގައި ބޯޓް ބިލްޑިންގ ޓްރޭނިންގ ސެންޓަރެއް ގާއިމުކުރުމުގައި، އޭރުގެ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރާ މަޝްވަރާ ކުރައްވައިގެން، އަލިފުށީގައި އެސެންޓަރު ހެއްދެވުމުގައި ވަޖީހުގެ ޙިއްޞާ ވަރަށް ބޮޑެވެ. އަދި ޓްރެއިނިންގ ސެންޓަރުގައި ކުދިން ތަމްރީނު ކުރެއްވުމުގައިވެސް ޢަމަލީގޮތުން ވަޖީހު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަޖީހު ތަމްރީނު ކުރައްވާފައިވާ ވަރަށް ގިނަ އަދަދެއްގެ ކުދިން، މިއަދު ޒުވާނުންގެ ގޮތުގައި މިދާއިރާގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވާކަމީ، އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ. އަދި ރާއްޖޭގެ ކޮންމެ ދިމާއަކަށް ވަޖީހު ވަޑައިގަންނެވި ކަމުގައިވިޔަސް، އޭނާ ތަމްރީނު ކުރެއްވި ދަރިވަރުން، އެތަންތާނގައި މިރޮނގުން މަސައްކަތް ކުރަމުން ގެންދާތަން ފެނިވަޑައިގަންނަވާކަމީވެސް އޭނާއަށް އިތުރު ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެކެވެ.

       އަޙްމަދު ވަޖީހަކީ، އޭނާއަށް ލިބިވަޑައިގެންފައިވާ ޢިލްމީ އަދި ފަންނީ ހުނަރު މީހުންނަށް ދަސްކޮށްދެއްވުމުގައި ވަރަށް މުހިންމު ޚިދުމަތެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރު އުފެއްދުމަށާއި، އެއުޅަނދެއްގެ ބައިތަކުގެ މިންގަނޑުތައް  ބަހައްޓަންވީ ގޮތުގެ ތަފްޞީލީ ބަޔާން ހިމަނުއްވައިގެން އޭނާ އެކުލަވާލައްވައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ނެރުއްވި ވަރަށް މުހިންމު ފޮތެއް ކަމަށްވާ "ކަނޑުދަތުރުފަތުރުގެ އުޅަނދުގެ އޮނިގަނޑު އުފެއްދުމަށް އާ އަލިކަމެއް" މިއީ އަޙްމަދު ވަޖީހުގެ ފަންނީ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ޚިދުމަތެކެވެ. 

       އަޙްމަދު ވަޖީހަށް މިރޮނގުން 1987 ވަނަ އަހަރު ވަނީ، ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އޭގެ ފަހުން މިވީ 22 އަހަރު ދުވަހުގެ ތެރޭގައިވެސް މެދުކެނޑުމެއްނެތި، މި މަސައްކަތުގައި އޭނާ ދެމިހުންނެވިކަމީ، އޭނާގެ ހިތްޕުޅުގައި މިކަމަށް އޮތް ޝައުޤުވެރިކަމާއި، އޭނާ މި މަސައްކަތަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުކަމުގެ ސަބަބުން ކަމާމެދަކު ޝައްކެއްނެތެވެ. އަޙްމަދު ވަޖީހަކީ، މިއަދުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މިއަދު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިރޮނގުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.