އަލްފާޟިލް ނިޢުމާ މުޙައްމަދު
ގދ.ވާދޫ/ އަލަމާގެ

ނިޢުމާ މުޙަންމަދު ފިލްމީ ދާއިރާއަށް ވެދެވަޑައިގަތީ، އީ.ޕީ.އެސް. ސްކޫލްގައި އުޅުއްވިއިރު، 1994 ވަނަ އަހަރު ކުޅުއްވި ޑްރާމާއެއްގެ ތެރެއިންނެވެ. އެ ޑްރާމާގައި ނިޢުމާ ދެއްކެވި މޮޅު ހުނަރުން ނިޢުމާއަކީ، ޑްރާމާއާއި ފިލްމު ކުޅުމުގެ ރޮނގުގައި ކުރިއަށް ދެވިދާނެ ފަންނާނެއްކަން، ޑްރާމާ ބެލި ގިނަ ފަރާތްތަކުން ގަބޫލުކުރިއެވެ.

ނިޢުމާ މުޙަންމަދު މިހާތަނަށް 12 ޑްރާމާއެއްގައި ބަޠަލާއެއްގެ ބައި ކުޅުއްވާފައިވެއެވެ. އަދި 12 ފިލްމާއި 7 ޑްރާމާއެއްގައި ސަޕޯޓިންގ އެކްޓްރެސްއެއްގެ ރޯލު އަދާކުރައްވާފައިވެއެވެ. 26 ފިލްމެއްގައި، ލީޑިންގ އެކްޓްރެސްއެއްގެ ރޯލު ކުޅުއްވާފައިވެއެވެ. އަދި މިހާތަނަށް 500 އަށްވުރެ ގިނަ ވީޑިއޯ ލަވައަށް އެކްޓް ކުރައްވާފައިވެއެވެ.  ޢާންމުކޮށް 20 ދުވަހުން ނުވަތަ 25 ދުވަހުން ފިލްމެއްގެ ޝޫޓިންގ ނިޢުމާ ނިންމަވައިލައްވައެވެ. 

ނިޢުމާ، ބަޠަލާއެއްގެބައި އަދާކުރެއްވި ފުރަތަމަ ފިލްމަކީ، 1996 ވަނަ އަހަރު ނުކުތް [ހަގު އަނބި] މި ފިލްމެވެ. ފުރަތަމަ ޑްރާމާއަކީ، 1994 ވަނަ އަހަރު ނުކުތް 7 އެޕިސޯޑް ހިމެނޭ [ހިތި ތަޖުރިބާ] އެވެ. ނިޢުމާ ކުޅުއްވާފައިވާ ޑްރާމާތަކުގެ ތެރެއިން 52 އެޕިސޯޑުގެ [ކައްތިރި]އާއި 52 އެޕިސޯޑުގެ [ވައިރޯޅިއަށްވެސް ސިއްރުން] އަދި 50 އެޕިސޯޑުގެ [ވަގުތު ފާއިތުނުވަނީސް] މި ތިން ޑްރާމާއަކީ، ޢާންމުންގެ ވަރަށްބޮޑު މަޤްބޫލު ކަމެއް ހޯދާފައިވާ  ތިން ޑްރާމާއެވެ.

ނިޢުމާވަނީ، ފިލްމީ ދާއިރާއިން އެތައް ކާމިޔާބީތަކެއް ހާސިލުކުރައްވާފައެވެ. މިގޮތުން، 1995 ވަނަ އަހަރު ބޭއްވުނު އާފަތިސް އެވޯޑުގެ ބެސްޓް އެކްޓްރެސްގެ މަގާމާއި، ބެސްޓް ޕަރފޯމަރ އޮފް ދަ އިޔަރގެ މަގާމާއި، ބެސްޓް ޑާންސަރގެ މަގާމު ހޯއްދަވާފައިވެއެވެ. މި އެވޯޑްތައް އޭނާ ހޯއްދެވީ، [ބަދަލު] މި ފިލްމުންނެވެ. އޭގެފަހުން، 1997 ވަނަ އަހަރު އާފަތިސް އެވޯޑުގެ ބެސްޓް އެކްޓްރެސްގެ މަގާމު، ފިލްމް [ފަތިސް ހަނދުވަރު]ން އޭނާ ހޯއްދެވިއެވެ. މިއަދު ނޫހުގެ ކްރިސްޓަލް އެވޯޑް 2007ގެ ބެސްޓް އެކްޓްރެސްގެ މަގާމު، ފިލްމު [ކަލާޔާނުލާ] އިން ހޯއްދެވިއެވެ. އަދި 2008 ވަނަ އަހަރު ޤައުމީ ފިލްމް އެވޯޑުން ކުރު ފިލްމު [ފަހު ޞަފްޙާ] އިން އެންމެ މޮޅު އެކްޓްރެސްގެ މަގާމު،  ޤައުމީ ފިލްމީ އެވޯޑުން ހަމަ އެއަހަރު ފިލްމު [ކަލާޔާނުލާ] އިން އެންމެ މޮޅު އެކްޓްރެސްގެ މަގާމު ހޯއްދަވާފައިވެއެވެ. އެންމެފަހުން ނިޢުމާ ހޯއްދެވި ކާމިޔާބީއަކީ، މިއަހަރު ބޭއްވި މޯލްޑިވްސް ފިލްމު އެވޯޑުގެ އެންމެމޮޅު އެކްޓްރެސްގެ މަގާމެވެ. މި މަގާމު އޭނާ ޙާޞިލު ކުރެއްވީ ފިލްމު ]ޔޫސުފް] އިންނެވެ.

ނިޢުމާ އެންމެ ފުރަތަމަ ޑައިރެކްޓް ކުރެއްވި [ނިޢުމާ] މި ފިލްމަކީ، ނިޢުމާގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ވަރަށް އަސަރުގަދަ ފިލްމެކެވެ. ނިޢުމާ ލީޑިންގ ރޯލް ކުޅުއްވާފައިވާ މިފިލްމަކީ، އޭނާގެ ވަރަށް ގާތް ރައްޓެއްސަކަށް ދިމާވި ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކުރައްވާފައިވާ ފިލްމެކެވެ. މި ފިލްމު ބެލި ބައެއް މީހުން ނިޢުމާއާ ގުޅައި، އަންހެނުންނަށް ކުރާ އަނިޔާގެ މައްޗަށް ފިލްމެއް ތައްޔާރުކުރައްވައި، ޙަޤީޤީ މަންޒަރުތަކެއް ސިފަވެގެންދާފަދަ ގޮތަކަށް، މި ފިލްމު ހުށަހަޅުއްވައިދެއްވިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންވެސް ނިޢުމާގެ މި މަސައްކަތަށް ތަހުނިޔާ ވިދާޅުވިއެވެ. އެއީ ނިޢުމާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ދިރިއުޅުމުގައި މިފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް، އެފަދަ ހާދިސާތައް، މައިންބަފައިންނަށް ކިޔައިދިނުމަށް ލިބުނު ވަރަށްބޮޑު ހިތްވަރަކަށްވެސް ވެގެންދިޔަ ކަމެކެވެ.

ނިޢުމާއަކީ، މި ދާއިރާއިން އިޖްތިމާޢީ ކަންކަމަށްވެސް ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، މުޖްތަމަޢުގެ ހޭލުންތެރިކަން ބޭނުންވާ ބައެއް މައްސަލަތަކާ ގުޅޭގޮތުންނާއި، އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި، ޑްރަގުގެ މައްސަލަތައްފަދަ އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަންކަމާ ގުޅިގެން ބާއްވާ އެކިއެކި އިވެންޓްތަކުގައިވެސް ނިޢުމާ ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ތެލަސީމިއާ ކުދިންނަށާއި، އޯޓިޒަމް ކުދިންނަށް އެހީވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައިވެސް ނިޢުމާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފިލްމީ ދާއިރާގައި 17 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައި، ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާއިރު، ސަރުކާރުން ދެއްވާ ޤައުމީ އިނާމު މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައި ނުވާކަން އެއީ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދިދާނެ ކަމެކެވެ. އެހެންނަމަވެސް، މިއަދު މި އިނާމު ނިޢުމާއަށް ލިބިވަޑައިގަންނަވާކަން އެއީ، ނިޢުމާ ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެން ޙަޤީޤަތަކަށްވެ، އޭނާއަށް މިރޮނގުން ކުރިއަށް ވަޑައިގަތުމަށް އިތުރު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމެކެވެ.