އަލްފާޟިލް މުޙައްމަދު ޢަލިފުޅު
ރ.އިންނަމާދޫ/ ނާރެސް

މުޙައްމަދު ޢަލިފުޅަކީ، ޢުމުރުން 16 އަހަރުގައި މި ދާއިރާއަށް ވެދެވަޑައިގެންނެވި ބޭފުޅެކެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރައްވަމުން ގެންދެވީ، އަތްދަށު ވަޑިއެއްގެ ގޮތުގައެވެ. ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެ މަސައްކަތް ދަސްކުރައްވައި، އަމިއްލަފުޅު މާވަޑިކަމުގައި ދޯނިފަހަރު ބަންނަވަން ފެށްޓެވިއެވެ. މިގޮތުން، ތަފާތު ވައްތަރުގެ އެކި ސައިޒުގެ އުޅަނދު މިހާތަނަށް އޭނާ ބަންނަވާފައިވެއެވެ. މީގެތެރޭގައި، އެކި ސައިޒުގެ 14 ސަފާރީ ބޯޓާއި، 24 މަސްދޯންޏާއި، މުދާ އުފުލާ 22 އުޅަނދާއި، 6 ފެރީ ދޯންޏާއި، 8 ޑައިވިންގ ދޯންޏާއި، 9 ސްވެނިއަރ ދޯނި ހިމެނެއެވެ.

މުޙައްމަދު ޢަލިފުޅުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ޤައުމުގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކި ސައިޒުގެ، އެކިފެންވަރުގެ ސަފާރީ ބޯޓު ބެންނެވުމެވެ. މިހާތަނަށް 14 ސަފާރީ ބޯޓް ބަންނަވާފައިވަނީ، ދިވެހިންގެ ދިވެހިވަންތަ މަސައްކަތްތެރިކަން ދައްކައިދޭ ގޮތަށާއި، ޔޫރަޕުގެ ސްޓައިލަށް އަމިއްލައަށް ފަރުމާކުރައްވައިގެން، އަމިއްލަ މާވަޑިކަމުގައެވެ. މިހާރުވެސް 2 ސަފާރީ ބޯޓާއި މަސްދޯންޏަކާއި، މުދާ އުފުލާ އުޅަނދެއް ބެންނެވުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.

އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ދަސްކުރަން އަލަށް ފަށާ ކުދިންގެ ތެރެއިން އެކަމުގެ ހުނަރު ހުންނަ ކުދިންނަށް 3 އަހަރުދުވަހުގެ ތެރޭގައި ވަޑާން ދަސްކޮށްދެއްވައި، 5 އަހަރުދުވަހުގެ ތެރޭގައި އަމިއްލަ މާވަޑިކަމުގައި އުޅަނދުފަހަރު ބަނދެވޭވަރަށް މުޙައްމަދު ޢަލިފުޅު، އެކުދިން ތަމްރީނު ކުރައްވައެވެ. މިހާތަނަށް 56 މީހަކަށް މަސައްކަތް ދަސްކޮށްދެއްވައި، 13 މާވަޑިން އުފައްދަވާފައިވެއެވެ.

މި ދާއިރާގައި މުޙައްމަދު ޢަލިފުޅު ހޭދަކުރެއްވި 24 އަހަރު ދުވަހުގެ ތެރޭގައި، ތަފާތު ތަޖުރިބާތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، މިހާރު ބަންނަ އުޅަނދުފަހަރު، މި ރާއްޖޭގެ ކަނޑުތަކަށާއި، ކަނޑުގެ ރާޅަށާއި، ރޯލުނުކުރާގޮތަށް ބައްލަވައިގެން ބޯޓުފަހަރާއި ދޯނިފަހަރު ފަރުމާކުރެއްވުމަކީ، އޭނާއަށް ކުރެއްވުނު ވަރަށް މުހިންމު ތަޖުރިބާއެކެވެ. މިހާރު ބަންނަ ސަފާރީ ބޯޓުފަހަރު ފަރުމާކުރައްވާއިރު، އެންމެ ޒަމާނީ އާލާތްތަކުގެ އެހީގައި ރާއްޖެއިން ބޭރުގެ ޔޮޓްތަކާ ވާދަކުރެވޭ ފެންވަރަށް ފަރުމާކުރައްވައި މާކެޓަށް ނެރުއްވަމުން ގެންދަވައެވެ.

ރަށުގައި ބަންނަ އޮޑިދޯނިފަހަރާއި، މަރާމާތަށް އެކިފަރާތްތަކުން ގެންނަ އޮޑިފަހަރު އެހެލައި ބޭލުމުގެ މަސައްކަތްވެސް، މުޙައްމަދު ޢަލިފުޅު ކުރައްވަމުން ގެންދަވައެވެ. އަދި މި މަސައްކަތް ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމުގެގޮތުން، މުޙައްމަދު ޢަލިފުޅުގެ އުފަން ރަށް އިންނަމާދުއާ ޖެހިގެން އޮންނަ ފަޅުރަށެއް ކަމަށްވާ [ވަންދޫ] ގައި މުޙައްމަދު ޢަލިފުޅު ޙިއްޞާވާ ކުންފުނި [ވޯޓަރލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް] އިން ސްލިޕްވޭއެއް ހެއްދެވުމުގެ މަސައްކަތް ފަށްޓަވައިގެން ކުރިއަށް އެބަގެންދެއެވެ. އެތަނުން ފަސޭހަކަމާއި ރައްކާތެރިކަމާއެކު، ކުދި އުޅަނދުފަހަރާއި، ބޮޑެތި އުޅަނދުފަހަރު، އެންމެ ޒަމާނީ ފެންވަރުގެ ބޮޑެތި ހަރުގެތަކަށް ހިޔަލަށް އެހެލައި ބާލައި ހެދޭނެއެވެ. 11 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ހައްދަވާ މި ސްލިޕްވޭގައި ސަފާރީ ބޯޓްފަހަރު އަލަށް ބަނދެ، އެ އުޅަނދުފަހަރު ފަސޭހަކަމާއެކު ބޭލުމުގެ އިންތިޒާމުވެސް ހަމަޖެހޭނެއެވެ. މިކަމުގެ ސަބަބުން، ސަފާރީބޯޓް ބަންނަ ފަރާތްތަކަށާއި، އޮޕަރޭޓް ކުރައްވާ ފަރާތްތަކަށް ކުރިމަތިވާ އުޅަނދުފަހަރު ބޭލުމަށް ދިމާވެފައިވާ ދަތިކަން ފިލައި، އިތުރު ފަސޭހަކަމާއި ކުރިއެރުން ލިބިގެންދާނެއެވެ.

މުޙައްމަދު ޢަލިފުޅަކީ، އިންނަމާދޫގައި އިޖްތިމާޢީ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މާލީގޮތުންނާއި، އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރަށުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ ތަރައްޤީގެ އެންމެހާ ކަންތައްތަކަށާއި، އެފަދަ ޖަމާޢަތްތަކުގެ އިދާރީ ހިންގުމުގައި، އެކިފަހަރުމަތިން ފައިސާގެ އެހީއާއި ފަންނީ އެހީތެރިކަން ދެއްވާފައިވާ ބޭފުޅެއްވެސް މެއެވެ.

ބޯޓް ބިލްޑިންގ އިންޑަސްޓްރީއަކީ ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ އިންޑަސްޓްރީއެއް ކަމަށްވުމާއެކު، މި އިންޑަސްޓްރީގައި ހުނަރުވެރި ބަޔަކުނެތި، މި އިންޑަސްޓްރީ ތަރައްޤީ ނުކުރެވޭނެ ކަމުގެ އިޙްސާސް އަބަދުވެސް ކުރައްވަމުން ގެންދަވާ މުޙައްމަދު ޢަލިފުޅުގެ ޢަޒުމަކީ، މި ދާއިރާގެ މަސައްކަތުގައި ދެމިހުންނަވައި، އިތުރު އެތައް ބަޔަކަށް މި މަސައްކަތް ދަސްކޮށްދެއްވައި، ހުނަރުވެރި އެތައް ބަޔަކު ދިވެހި މުޖްތަމަޢަށް ނެރުއްވުމެވެ.