އަލްފާޟިލް އަޙްމަދު ޢަބްދުﷲ
ގ.މެސްކޮޓް

މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރގެ މަޤާމުގައި މިއަދު ހުންނެވި އޮނަރަބަލް އަލްފާޟިލް އަޙްމަދު ޢަބްދުﷲއަކީ، ޚާއްޞަކޮށް ތާނަ ލިޔުއްވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އާދެ، ފާހަގަކުރެވޭ ފަދަ ގޮތަކަށް އޭނާ މިމަސައްކަތް ކުރައްވާފައިވަނީ 1962 ވަނަ އަހަރުން ފެށިގެންނެވެ. އެދުވަސްވަރު އޭނާ އަމިއްލަގޮތުން އަތުން ލިޔުއްވައިގެން، ދުވަހުނޫސް ނެރުއްވައި ހެއްދެވިއެވެ. މިހާރު އޭނާއަކީ، ތާނައަކުރު ބޮޑު އަކުރުން ފަވައި ހެއްދެވުމަށް ޚާއްޞަ ކުޅަދާނަކަމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ލިޔުއްވުމުގެ އިތުރަށް، އެކިއެކި ޚާއްޞަ މުނާސަބަތުގައި ތަހުނިޔާގެ ކާޑު އަމިއްލައަށް ޑިޒައިން ކުރައްވައި ހައްދަވައެވެ. އޭނާ ޚިދުމަތްތެރިއެއްގެ ގޮތުން ފުރަތަމަ ފެނިގެންދިޔައީވެސް، ލިޔުއްވުމުގެ ރޮނގުންނެވެ. މާލޭގައި ނެރެވުނު ދުވަހުނޫސް "ވަޤުތު"ންނާއި "މޯނިންގޕޯސްޓް"ން އަދި "ވިޔަފާރި މިއަދު"ން ވެސް، އޭނާގެ ލިޔުއްވުމުގެ ރީތިކަމާއި، ކުރެއްސެވުމުގެ ކުޅަދާނަކަން ހާމަކޮށްދެއްވާފައިވެއެވެ. ގިނަ ބޭފުޅުން ތާނައަކުރު ބޮޑު އަކުރު ކުރައްވަނީ، ހަނި ރޮނގެއްގައި އަކުރު ބަހައްޓަން ބޭނުންވާ ފަލަމިނެއްގެ ބޮޅުތަކެއް އަޅުއްވައިގެންނެވެ. ތާނަ ލިޔުއްވުމުގައި އޭނާ އެންމެ ޝައުޤާއެކު ލިޔުއްވަނީ، ބޮޑު އަކުރެވެ. ޤައުމީ އެކިއެކި މުނާސަބަތުގައި ލިޔެވޭ ފޮތްތަކުން އަޅުގަނޑުމެންނަށް އޭނާގެ ރީތި ލިޔުއްވުން ފެނިގެންދިޔައެވެ.