އަލްފާޟިލް އިބްރާހީމް ޝަރީފް
މއ.ރިޒަލްޓްޕާކް

ރާއްޖެއަށް ވަރަށް ބޭނުންތެރި މަސައްކަތެއް ކަމުގައިވާ ފައިވާން ހެދުން، މުރާލިކަމާއެކު އިބްރާހީމް ޝަރީފް ކުރައްވާފައިވެއެވެ. އޭނާ އެމަސައްކަތް ކުރައްވާތާ ވިއްސަކަށް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިމަސައްކަތް ފުޅާކުރައްވަމުން ގެންގޮސް އޭނާގެ މަސައްކަތުގައި އެހީތެރިވާނޭ މީހުންވެސް މުސާރަޔަށް ގެންގުޅުއްވިއެވެ. މަހެއްގެ މައްޗަށް 600 ޖޯޑަށްވުރެ ގިނަ ފައިވާން އޭނާ ހައްދަވައި ފިހާރަތަކަށް ނެރުއްވިއެވެ. އޭނާ މިމަސައްކަތް ކުރައްވަނީ، މިމަސައްކަތަށް ބޭނުން ތަކެތި ރާއްޖޭން ބޭރުން ގެންނަވައިގެންނެވެ. އޭނާ ހައްދަވާ ފައިވާނަކީ ނުހަނު ރީތި، މަސައްކަތްތެރިކަމުގެ ފެންވަރު ހުރި ފައިވާނެވެ. އިބްރާހީމް ޝަރީފް ފައިވާން ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާލެއް ރަނގަޅުކަމުން ވަރަށްގިނަ ބަޔަކު ރާއްޖޭން ބޭރުން ފައިވާން ގެނައުމުގެ ބަދަލުގައި އޭނާ ހައްދަވާ ފައިވާން ފިހާރަތަކަށް ގެންގޮސް ވިއްކަން ބެހެއްޓިއެވެ.