އަލްފާޟިލް އިބްރާހީމް ޙުސައިން (ގޮޅާ ކަޅުތުއްތު)
ހ.ލަންދޫގެ

 

           އަލްފާޟިލް ގޮޅާ ކަޅުތުއްތަކީ، ޢުމުރުން 16 ވަރަކަށް އަހަރުގައި، އިސް ކެއުޅަކަށް ވެލެއްވި ހީވާގި ބޭކަލެކެވެ. މާލޭގެ އޮޑިވެރިފަރާތެއްގެ ކެޔޮޅެއްގެ ވަޒީފާ އަދާކުރެއްވުންމަތީ 30 އަހަރަށްވުރެ ގިނަދުވަހު އޭނާ ދެމިހުންނެވިއެވެ. އެދުވަސްވަރު، ވުޒާރާތުއްދާޚިލިއްޔާގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވައިލެއްވި މަސްވެރިކަމުގެ މުބާރާތުގައި، މާލެއިން އެންމެ ގިނައިން މަސްބޭނި ދޯންޏެއްގެ ކެއުޅަކަށް ދެއްވުމަށް ހަމަޖެއްސެވި އިނާމު ދެތިން އަހަރު އޭނާ ހޯއްދަވާފައިވެއެވެ. އޭނާ ދިގު މުއްދަތަކަށް އަމާނާތްތެރިކަމާއެކު މެދުނުކެނޑި ކުރެއްވި މަތިވެރ ޚިދުމަތަށްޓަކައި އޮޑިވެރި ފަރާތުން މަސްދޯންޏެއް، ދޯނީގެ ހުރިހާ ސާމާނާއެކު އޭނާއަށް ހަދިޔާކުރައްވާފައިވެއެވެ. އޭނާގެ ޢުމުރުން 60 އަހަރުވެގެން ދިޔައިރުވެސް މަސްވެރިކަން ދޫކޮށެއް ނުލައްވައެވެ. ގޮޅާ ކަޅުތުއްތުގެ 3 ފިރިހެން ދަރިންވެސް ހިމެނިފައިވަނީ، ހެންވޭރުގެ އިސް ކެއުޅުންގެ ތެރޭގައެވެ.