ޑޮކްޓަރ އަޙުމަދު އަންވަރު
ސ.މީދޫ/ ހަސަންކާރިގެ

  ތަޢުލީމީ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ޚިދްމަތުގައި ސާބިތުކަމާއެކު ދެމިހުންނެވި ބޭފުޅެކެވެ.

 ކިޔަވައިދެއްވުމަކީ މަދްރަސީ ދައުރުން ފެށިގެން ޑޮކްޓަރ އަޙްމަދު އަންވަރުގެ ހިތްޕުޅުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވާ ފަންނެކެވެ. 1971 ވަނަ އަހަރު، އޭރުގެ މަޖީދިއްޔާ ސްކޫލް ގްރޭޑް 9 ގައި އުޅުއްވިއިރު، މާލޭގެ ބައެއް އަމިއްލަ މަދްރަސާތަކުގައި އަންވަރު ކިޔަވައިދެއްވަން ފެށްޓެވިއެވެ. އަދި މަދްރަސީ ދައުރު ނިންމެވުމަށްފަހުގައިވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. މިގޮތުން، ޢުލޫމިއްޔާ ސްކޫލާއި، މަދްރަސަތުލް އަޙްރާރާއި، އީ.ޕީ.އެސް. ސްކޫލާއި، މަދްރަސަތުލް ޢާލިޔާގައި، އެކި ގްރޭޑްތަކަށް އިނގިރޭސިއާއި ހިސާބު، އޭނާ ކިޔަވައިދެއްވަމުން ގެންދެވިއެވެ.

ތަޢްލީމީ ރޮނގުން ކުރިއަށް ވަޑައިގަތުމަށް އަންވަރުގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަން ހާމަވަނީ، ޖީ.ސީ.އީ. އޯ ލެވެލް ފެންވަރަށް ކިޔަވައި ވިދާޅުވުމަށްފަހުގައިވެސް، އެދުވަސްވަރު ބޭއްވުނު ޢާންމު އިމްތިޙާނުތަކުގައި ބައިވެރިވެވަޑައިގެން، ގިނަ ޢަދަދެއްގެ ސަނަދުތައް ނެންގެވި ނެންގެވުމުންނެވެ.  

އަޙްމަދު އަންވަރު ތަޢްލީމީ ދާއިރާގައި ކުރެއްވި ޚިދްމަތްތަކަށް ބަލާއިރު، އިނގިރޭސިބަސް ކިޔަވަން ބޭނުންވެގެން އެދުނު ސަރުކާރުގެ ބައެއް މުވައްޒަފުންނަށް، އެއްވެސް އުޖޫރައެއްނެތި އޭނާގެ ގޭގައި ހިލޭ ކިޔަވައިދެއްވާފައިވެއެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅުވެރިކަމުގެ މަގާމުގައި ހުންނެވިއިރު، އެ އަތޮޅުގެ ކޯޓުތަކުގެ ޤާޒީންނަށާއި، އަތޮޅުއޮފީހުގެ މުވައްޒަފުންނަށްވެސް ހިލޭސާބަހަށް އިނގިރޭސިބަސް އުނގަންނައިދެއްވާފައިވެއެވެ. އަދި އެދުވަސްވަރަކީ، ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ މުޢާމަލާތުތައް ހިނގަމުންދިޔަ ދުވަސްވަރު ކަމަށްވުމާއެކު، އެ އަތޮޅުގައި އޭރު ތިއްބެވި ސަރުކާރުގެ މުވައްޒަފުންނަށް ލެޓިން އަކުރުން ލިޔަންކިޔަން ދަސްކޮށްދެއްވާފައިވެއެވެ.

އަޙްމަދު އަންވަރަކީ، ރާއްޖޭގެ ވަރަށްގިނަ އަތޮޅުތަކުގެ ތަޢްލީމީ މަރްކަޒުތަކުގައި ހެޑްމާސްޓަރުކަމުގެ މަގާމު ފުރުއްވައި، އެއަތޮޅުތަކުގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އަތޮޅުތަކުގެ ހެޑްމާސްޓަރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ދުވަސްވަރުވެސް، ހިލޭސާބަހަށް ވަރަށްގިނަ މަސައްކަތްޕުޅުތައް އޭނާ ކޮށްދެއްވާފައިވެއެވެ. މިގޮތުން، އެއްވެސް އުޖޫރައެއް ނުނަންގަވައި މުވައްޒަފުންނަށް އިނގިރޭސިއާއި ހިސާބު ކިޔަވައިދެއްވައި، އަސާސީ ތަޢްލީމުގެ ކްލާސްތައް ހިންގަވައިދެއްވައި، ޖަމާޢަތުގެ ތަޢްލީމުގެ ކޯސްތައް ހިންގަވައިދެއްވާފައިވެއެވެ. އަދި ބ.އަތޮޅު ތަޢްލީމީ މަރްކަޒުގެ ހެޑްމާސްޓަރަކަށް ހުންނެވިއިރު، ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކައި އިނގިރޭސިބަހުން ހުރި ފޮތްތައް، އަމިއްލަފުޅަށް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން، ކިޔަވައިދޭ މާއްދާތަކުގެ ޓެކްސްޓް ފޮތްތައްވެސް އުޖޫރައެއްނެތި އެކުލަވައިލައްވާފައިވެއެވެ.

އަޙްމަދު އަންވަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި، އަތޮޅުތަކުގެ ހުރިހާ ސްކޫލްތައް ހިންގުމުގެ މަސައްކަތުގައި ދެމިހުންނެވިއިރު، އެ ސްކޫލްތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވަނީ، ވަޒީފާއެއް އަދާކުރެއްވުމުގެ ވިސްނުމަށްވުރެ، އޭނާގެ ހިތްޕުޅުގައި އަތޮޅުތަކުގެ ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް އޮތް ޝައުޤުވެރިކަމާއި، މާލޭގައި ސަރުކާރުން ހިންގަވާ ސްކޫލްތަކާ އެއް ފެންވަރަށް އަތޮޅުތަކުގެ ސްކޫލްތައް ގެނައުމުގައި އޮތް ވާދައިގެ ރޫޙު ހާމަވާފަދަ ގޮތެއްގައެވެ. އެދުވަސްވަރު ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ހަތަރުހާހަށްވުރެ ގިނަ މުވައްޒަފުން އަންވަރާއެކު މަސައްކަތް ކުރައްވަމުން ގެންދެވިއިރުވެސް، އެއިން ކޮންމެ މީހަކަށްވެސް ސީދާ ނަމުން މުޚާޠަބު ކުރެއްވުމުގެ އާދަޔާޚިލާފު ކުޅަދާނަކަން އޭނާއަށް ލިބިވަޑައިގެންފައިވުމެވެ. އަންވަރު މަސައްކަތް ކުރެއްވީ، ތަޢުލީމީ ދާއިރާގައި ތިއްބެވި ބޭބޭފުޅުންގެ ކުޅަދާނަކަން ދެނެވަޑައިގެން، ވަރަށް ފުރިހަމަގޮތެއްގައި އެ ވަސީލަތްތަކުގެ ބޭނުންކުރައްވައިގެންނެވެ. އަޙްމަދު އަންވަރުގެ އަމިއްލަ ފަލްސަފާއަކީ، ކުދިންނާ ރަޙްމަތްތެރި އަދި ކުރިއަށް ދިޔުމުގެ ވެށްޓެއް ޤާއިމުކޮށްގެން، ކުދިންނަށް ތަޢުލީމީ ޙަޔާތުގައި ކުރިއަށް ދިޔުމުގެ މަގު ހުޅުއްވާލަދެއްވުމުގެ ވިސްނުމުގައި މަސައްކަތް ކުރެއްވުމުގެ ފަލްސަފާއެވެ. މި ދާއިރާގައި މިއަދާ ހަމަޔަށްވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ، ކިޔަވައިދިނުމަކީ، ޕްރޮގްރެސިވް އެޑިޔުކޭޝަންގެ އުޞޫލުތަކަށް ބައްލަވައިގެން، އެކަމަށް އަހަންމިއްޔަތުކަމެއް ދެއްވައިގެންނެވެ.

މިއަދު ޑޮކްޓަރ އަޙްމަދު އަންވަރަކީ، ވިލާ ކޮލެޖްގެ ރެކްޓަރގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.  އެ ކޮލެޖް އުފެއްދެވުމުގައިވެސް އެންމެ މުހިންމު ޙިއްޞާއެއް އަދާކުރެއްވި އެއްބޭފުޅަކީވެސް، އަޙްމަދު އަންވަރެވެ.  17 އޮކްޓޯބަރ 2007 ގައި، ވިލާ ކޮލެޖް ރަޖިސްޓަރީކޮށްގެން، ގާތްގަނޑަކަށް 16 ދަރިވަރުންނާއެކު، ސެޓްފިކެޓް ފެންވަރަށް ކިޔަވައިދެއްވަން ފަށްޓަވައި، މިވީ ކުރު މުއްދަތުގެ ތެރޭގައި، ރާއްޖޭގައި ޕްރޮފެޝަނަލް ކޯސްތަކާއި، އަންޑަރ ގްރެޖުއޭޓް ޑިގްރީއާއި، ޕޯސްޓް ގްރެޖުއޭޓް ޑިގްރީއަށް ފަނަރަސަތޭކައަށްވުރެ ގިނަކުދިން ކިޔަވަމުންގެންދާ ކޮލެޖަކަށް ވިލާ ކޮލެޖްވީކަމީ، ރާއްޖޭގެ ތަޢްލީމީ ދާއިރާ ތަރައްޤީކުރެއްވުމުގައި އަންވަރު ހޯއްދެވި ބޮޑު ކާމިޔާބީއެކެވެ.  އަދި އެއީ އޭނާއަށް ލިބިވަޑައިގަންނަވާ ޝަރަފެއްވެސްމެއެވެ. 

އިނގިރޭސިވިލާތުގައި އެޑިޔުކޭޝަންގެ ރޮނގުން ޕީ.އެޗް.ޑީ. ޙާޞިލު ކުރައްވަމުން ގެންދެވިއިރު، އެ ޤައުމުގެ ޕްރައިވެޓް ސްކޫލްތައް ހިނގަމުންދާގޮތް ބައްލަވައި، ރިސަރޗް ހެއްދެވުމަށްފަހު، ރާއްޖޭގައި އެގޮތަށް ޕްރައިވެޓް ސްކޫލާއި ކޮލެޖް ހިންގޭނެ ނިޒާމެއް ރާއްވަވައި ފަރުމާކުރެއްވިއެވެ. އަދި ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކާއި، މަތީ ތަޢްލީމުގެ ޕްރައިވެޓް އިންސްޓިޓިއުޓްތަކުގައި ޤާއިމްކޮށްފައިވާ ނިޒާމު ބަދަލުކުރައްވައި، ދިރާސާ ކުރައްވާފައިވާ މިދެންނެވި މޮޑެލް ނުވަތަ ނަމޫނާއާ އެއްގޮތަށް، ވިލާ ކޮލެޖް ހިންގަވަން ފެށްޓެވި ބޭފުޅަކީވެސް، ޑޮކްޓަރ އަންވަރެވެ.

މިއަދުގެ ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ތަޢުލީމު ދިނުމުގެ ކަންތައްތައް ގެންދެވުމުގެ ސިޔާސަތު ކަނޑައަޅުއްވައި، ސީ.އެޗް.އެސް.އީ. އެނެކްސް ހުރި ބިމުގައި ހަޔަރ ސްކޫލަކާއި، އޯ ލެވެލް ފުރިހަމަކޮށްފައިވާ ކުދިންނަށް ފުރްޞަތު ލިބޭނެ މަތީ ތަޢުލީމުގެ އިންސްޓިޓިއުޓެއް ޤާއިމުކޮށް ތަރައްޤީ ކުރުމަށް އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލި ފުރްޞަތުގައި، ޕްރޮޕޯޒަލް ހުށަހަޅުއްވައިގެން ރާއްޖެއިން ބޭރުގެ ފަރާތްތަކާ ވާދަކުރައްވައިގެން، ޑޮކްޓަރ އަޙްމަދު އަންވަރުގެ ލީޑަރޝިޕްގައި ވިލާ ކޮލެޖް ބިޑް ކާމިޔާބުކުރިކަން އެއީ، ޑޮކްޓަރ އަންވަރަށް ލިބިވަޑައިގެންނެވި ވަރަށްވެސް ބޮޑު ކާމިޔާބީއެކެވެ.