އަލްފާޟިލް ޙުސައިން މުޙައްމަދުދީދީ
ގ.ޝަބްނަމްލޮޖް

މަސައްކަތްތެރިކަމުގެ ރޮނގުން ޢާއްމުޚިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވާ ޙުސައިން މުޙައްމަދުދީދީއަކީ، ވަރަށް ތުއްޕުޅުއިރުއްސުރެ މަސައްކަތްކުރައްވާ ހިތްޕުޅުވާ ބޭފުޅެކެވެ. އަދި ދިރިއުޅުމުގެ ހުރިހާ ދުވަސްވަރެއްގައި މަސައްކަތްތައް ކުރައްވައިގެން އުޅުއްވާ ބޭފުޅެކެވެ. ޝްރީލަންކާގައި ކިޔަވައިވިދާޅުވާން ހުންނެވި ދުވަސްވަރު ވަކި މާއްދާއެއްގެގޮތުގައި މަސައްކަތް ދަސްކުރައްވާފައިވެއެވެ. އޭނާގެ މަސައްކަތުގެ ޝައުޤުވެރިކަން ހުރިވަރު މިކަމުންވެސް ދޭހަކޮށްދެއެވެ. އާމްދަނީ ހޯއްދެވުމުގެ ގޮތުންވެސް އަދި ހިލޭސާބަހަށްވެސް މަސައްކަތްކުރައްވަމުން ގެންދަވައެވެ. އޭނާ ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ރޮނގުން ނެތް ވައްތަރެއް ނެތޭ ދެންނެވިދާނެއެވެ. ފެހުން، ވަޑާންކުރުން، ތައްގަނޑުޖެހުން، ދަގަނޑު ތެޅުން، އަދި ކޮބައިތޯ އައިސްކްރީމް ހެއްދެވުންވެސް ހިމެނެއެވެ. އޭނާގެ އަމިއްލަފުޅު ގެ ރާނުއްވައި ކޮންކްރީޓް ކުރައްވައި އެހުރިހާ މަސައްކަތެއް ކުރައްވާފައިވަނީވެސް، އަމިއްލައަށެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާގެ ޢާއްމު ޚިދުމަތް ފާހަގަވެގެންދިޔައީ، ދަރުބާރުގެ ޑިޒައިން ކުރައްވައި އެމަސައްކަތް ކުރުއްވީ ހަމަ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން، އޭނާގެ އަމިއްލަފުޅު ޚިޔާލާ އެއްގޮތަށެވެ.