އަލްފާޟިލް މުޙައްމަދު ޒާހިރު
މާގަސްދޮށުގެ / ގދ.ގައްދޫ


   ޓޫރިޒަމްގެ ދާއިރާއަށް މިހާރު އަލަށް މަޝްހޫރުވި އެންމެ ޒުވާން އެއްބޭފުޅަކީ
، ގައްދޫ ޒާހިރެވެ.  އެންމެ ފުރަތަމަ އޭނާ މިދާއިރާއަށް ވެންނެވީ، ވަރަށް އާދައިގެ މީހެއްގެ ގޮތަށެވެ. އާދެ އިންޖީނުގެ ބަލަހައްޓާ މީހެއްގެ ވަޒީފާގައި ޓޫރިޒަމްގެ ދާއިރާއަށް ވެންނެވި ގައްދޫ ޒާހިރަކީ މިހާރު، ޓޫރިޒަމްގެ ދާއިރާގައި ވަރަށް ކުރިއަށް ވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ޓޫރިސްޓް ރިޒޯޓެއްގައި އުޅުއްވަމުން އެކަމާބެހޭ މަޢުލޫމާތު ހޯއްދަވައި އިތުރުކުރައްވައި އަދި އެކަމުގައި އޭނާގެ ހުރި ޝައުޤު އޭނާ ތަރައްޤީކޮށްފިއެވެ. މިއަދު އޭނާއަކީ، ޓޫރިސްޓް ރިޒޯޓެއްގެ ވެރިއެކެވެ. އަދި އޭނާއަކީ، މިޚިދުމަތް ތަރައްޤީކުރުމުގައި ދިވެހިންގެ ތެރެއިން އެންމެ މަތީ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ފާހަގަކުރެވޭ ބޭފުޅަކަށް ވެއްޖެއެވެ. އެމަސައްކަތް އޭނާ ކުރައްވާފައިވަނީ، އޭނާ އަމިއްލައަށެވެ. އެއީ، ޓޫރިޒަމްގެ ދާއިރާގައި އުޅުއްވާ އެހެންބޭފުޅުންނަށް ބޭއިންސާފެއްކަމުގައިވެސް ނުވާނެއެވެ. ހަމައެކަނި އޭނާގެ އަމިއްލަ މަސައްކަތާ އަމިއްލަ ހިތްވަރުން މިހިސާބަށް ގެންދެވި ބޭފުޅެއްކަން އެނގެއެވެ. މިއަދު އޭނާ ހިންގަވާ ރިޒޯޓަކީ، އަންގާގާ އައިލެންޑް ރިޒޯޓެވެ.