އަލްފާޟިލް ޔޫނުސް ޙުސައިން
ލައިޓްހައުސް/ބ.ކެންދޫ

          އަލްފާޟިލް ޔޫނުސް ޙުސައިނަކީ މަސްވެރިއެއްނޫނެވެ. އެހެންނަމަވެސް މަސްވެރިކަމަށް ވަރަށް ބޮޑު ޚިދުމަތްތަކެއް ކުރައްވާ ފަރާތެކެވެ. އޭނާއަކީ ޙަޤީޤަތުގައި، ކަނބުރުވެރިއެކެވެ. އެހެންނަމަވެސް، މަސްވެރިކަމަށް ބޭނުންވާ ބުޅިޖެހުމުގައި އަދި އެފަދަ ކަންތައްތަކުގައި ވަރަށް ކުރިޔަށް ގޮސްފައިވާ ބޭފުޅެކެވެ. އަދި ހަމައެކަނި ބުޅި ޖައްސަވަނީކީނޫނެވެ. ބުޅިޖެހުން އެހެން މީހުންނަށް ދަސްކޮށްދެއްވައި ހައްދަވައެވެ. އޭގެނަތީޖާއެއްގެ ގޮތުން މާލޭގެ ބާޒާރުން ރާއްޖޭގައި ތައްޔާރުކުރާ  ތަފާތު ބުޅި ފެނިވަޑައިގަންނަވައެވެ. އަދި އޭގެއިތުރަށް ރާއްޖެތެރޭގެ އެކިއެކި އަތޮޅުތަކުގައި ބޭނުންކުރަމުން ގެންދަނީ މިދެންނެވިގޮތަށް އޭނާ ދަސްކޮށްދީގެން ޖަހަމުންދާ ބުޅިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ރާއްޖެތެރޭގައި ބާއްވަމުން ގެންދަވާ ބުޅިޖަހަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ޓްރޭނަރެއް / ދަސްކޮށްދޭ މުދައްރިސެއްގެ ގޮތުން އޭނާގެ ޚިދުމަތް ވަރަށް ބޮޑަށް ލިބެމުންދެއެވެ. އޭނާ އެކަން ކުރައްވަނީ، ވިޔަފާރީގެ އުޞޫލަކުންނޫނެވެ. އެއަށްވުރެ ބޮޑު ޚިދުމަތެއްގެ ގޮތުގައެވެ. އާދެ، ނ.އަތޮޅުގައާއި މ.އަތޮޅާއި އަދި ބ.އަތޮޅުގައި އޭނާ މިދެންނެވި ކޯސްތައް ބާއްވައި، ބުޅިޖަހަން ދަސްކޮށްދީހަދައިފިއެވެ.