އަލްފާޟިލް ޙަސަން އަޙްމަދުމަނިކު
ހ.ލައިލަކް ހައުސް

އަލްފާޟިލް ޙަސަން އަޙްމަދުމަނިކަކީ، ވަރަށް ކުޑައިރުއްސުރެ ތިމާވެއްޓާބެހޭ ކަންތައްތަކާ ދޭތެރޭގައި ޚިޔާލުކުރައްވައި ޚާއްޞަކޮށް، މޫދުގަޔާއި ފަޅުތަކާއި ކަނޑުގައި އުޅުއްވަމުން ގެންދަވާ ޒުވާނެކެވެ. ފެތުމާއި، ފީނުމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އާދެ 1972 ވަނަ އަހަރުންފެށިގެން ވައިފުޅި އަޅުއްވައިގެން ފީނުމުގެ މަސައްކަތް ޓޫރިސްޓް ރިސޯޓެއްގައި އޭނާ ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް އޭރު އެމަސައްކަތުގެ އިތުރަށް ޚާއްޞަ ޝައުޤެއް ފަރުފަރާއި ތޮށިފަދަ ތަންތަނާ ދޭތެރޭގައި އޭނާ ހުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާލޭގެ އިރު އުތުރުފަރާތުގެ ކަނުގައި، އެހިސާބުގެ ތޮށީގައި ހުރި ރެނދެއްވެސް ހޯއްދަވައި، އެކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އޭގެ ސަމާލުކަން ގެންނެވި ފަރާތަކީވެސް، ޙަސަން އަޙްމަދުމަނިކެވެ. އަދި އެއަށްފަހު މާލޭގެ ފަޅުގޮއްވުމާ ގުޅިގެން ހިނގި ކަންތަކުގައި މާލޭގެ ފުށްޓަރަށް އެއްވެސް ގެއްލުމެއް ލިބިފައިނެތްކަމަށް، ބޭރުގެ ބައެއް މާހިރުން ބައްލަވާފައި ބުނެފައި އޮއްވާ އެއަށްވުރެ ޚާއްޞަގޮތެއްގައި އެކަން ބައްލަވައިގެން ވަރަށް ހިމަހިމަ ނަމަވެސް ރެނދެއް ހުރިކަން ސާބިތުކޮށްދެއްވައި އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވިއެވެ.