އަލްފާޟިލް އަލްމަރްޙޫމް މަންދު ޢަބްދުﷲ ވަޙީދު
މ.ބާންސާގެ

           ލިޔުންތެރިކަން ރާއްޖޭގައި އުފެދިގެން، ތަފާތު ލިޔުންތެރިން އުފެދެމުން އައިސް، ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކާ ހަމައަށް އައިއިރު ލިޔުންތެރިކަމުގެ ދާއިރާވަނީ، ވަރަށް ހަނިވެފައެވެ. ނޫސް މަޖައްލާއަށް ލިޔެއުޅޭ ފަރާތްތަކުން ހިތުގައި އުފެދޭ ޚިޔާލުތައް މިނިވަންކަމާއެކު ފާޅުކޮށްލެވޭވަރަށްވުރެ އެދާއިރާ އޮތީ، ހަނިކޮށެވެ. ނަމަވެސް، އަލްފާޟިލް ޢަބްދުﷲ ވަޙީދުވަނީ، ނޫސްވެރިކަމުގެ އާ ގޮތްތަކެއް ބޭނުންކުރައްވައިގެން މިނިވަން ޚިޔާލުތައް ފާޅުކުރެއްވުމުގައި ޙަރަކާތްތެރިވެ ވަޑައިގެންފައެވެ.

       ރާއްޖޭގެ އެދުވަސްވަރު އެންމެ ބާރަށް ހިނގި މަޖައްލާ އާބާރަކީ، އޭގެ އިސްބޭފުޅެއްގެގޮތުގައި ޢަބްދުﷲ ވަޙީދުވެސް ހުންނަވައިގެން ނެރުއްވަމުން ގެންދަވާފައިވާ މަޖައްލާއެކެވެ. މެދުކެނޑުމެއްނެތި 12 އަހަރު ދުވަސް ވަންދެން އާބާރު ނެރުއްވާފައިވެއެވެ.