އަލްފާޟިލް މުޙަންމަދު ޙުސައިން (ކަނދި މުޙަންމަދުފުޅު)
ހ. ދުނބުގަސްދޮށުގެ

 މުޙަންމަދު ޙުސައިން ނުވަތަ މަޝްހޫރު ކަނދި މުޙަންމަދުފުޅަކީ، ހެންވޭރުގެ މަސްވެރިންގެ ތެރެއިން އެއްދުވަސްވަރެއްގައި އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. މަސްވެރިކަމަށް އޭނާގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، އޭނާގެ ވަރަށް ޒުވާންއިރު އާދައިގެ ފަޅުވެރިއެއްގެ ގޮތުގައި މަހަށް ވަޑައިގަންނަވަން ފެށްޓެވިއެވެ. އޭނާގެ އުންމީދަކަށްވީ، މަސްވެރިކަމުގެ ރޮނގުގައި ކުރިއަށް ވަޑައިގެން، މި ރޮނގުން ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް، ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވުމެވެ. އެހެން ނަމަވެސް، އެފަދަ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތުމާއެކު، އޭނާ ގަސްދުކުރެއްވީ، ދަތުރުކުރައްވަން ވަޑައިގަތުމަށެވެ. ބޭރު ބޯޓުފަހަރުގައި ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު، އަދި އަތްމަތި ތަނަވަސްވުމާއެކު، އެނބުރި ވަޑައިގެން އަނެއްކާވެސް މި ޚިދުމަތުގެ ތެރެއަށް ވެދެވަޑައިގަތީއެވެ. ހަމައެއާއެކު، އޭނާގެ އަމިއްލަ ޚަރަދުގައި މަސްދޯނިފަހަރު ބަންނަވައިގެން އަމިއްލައަށް ދޯނިފަހަރު ދުއްވަން ފެށްޓެވީއެވެ. ފުރަތަމަ މަސައްކަތް ފެށްޓެވީ ރިޔަލު ދޯނީގައި ކަމަށްވިޔަސް، ޒަމާނަށް އައި ތަރައްޤީއާއެކު، ފަހުން އިންޖީނު ދޯނިފަހަރަށް ބަދަލުކުރެއްވީއެވެ. އެ ދުވަސްވަރު އެއްފަހަރާ 7 ދޯނި އޭނާ ދުއްވެވިއެވެ.

މުޙަންމަދުފުޅުގެ ހިތްޕުޅުގައި، މަސްވެރިކަމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، މިއަދުވެސް އެކަމުގައި އޭނާ އެ ދެމިހުންނެވީ، ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅުއްވައިގެންނެވެ. އެގޮތުން، ކަންނެލި މަސްވެރިކަންކުރާ 4 ދޯނި އޭނާ މިހާރުވެސް ދުއްވަވައެވެ. އެއީ، 75 ފޫޓުގެ ދެ ދޯންޏާއި، 72 ފޫޓުގެ ދެ ދޯންޏެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މި 4 ދޯނި މަސްވެރިކަން ކުރަމުން ގެންދެއެވެ. ދޯނިފަހަރު އުޅޭ ހިސާބުތަކާއި އަދި ދޯނިފަހަރުން ބާނާ މަހުގެ ޢަދަދާއި، މި ހުރިހާ ރެކޯޑުތަކެއް މާލޭގައި ހުންނަވައިގެން ބަލަހައްޓަވައި، އަދި އެކަންކަމަށް ދެއްވަންޖެހޭ އިރުޝާދުތައް ދެއްވައި، މަސް ކިރާނެ ފަރާތްތައް ހޯއްދަވަމުން ގެންދަވަނީ މުޙަންމަދުފުޅެވެ. ދުވާލުގެ ގިނަ ވަގުތުތައް އޭނާ ހޭދަކުރައްވަމުން ގެންދަވަނީ މި މަސައްކަތުގައެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރޭގައި، މުޙަންމަދުފުޅު ހިމެނިވަޑައިގަންނަވައެވެ. އޭނާގެ ދޯންޏެއްގައި މަދުވެގެން ދިހަވަރަކަށް ބާރަވަރަކަށް މީހުން ގެންގުޅުއްވައެވެ. ކެޔޮޅަކީ މުސާރައާއި މަސްބައި ދެއްވައިގެން ގެންގުޅުއްވާ މީހެކެވެ. އެހެން މީހުންނަށް ދެއްވަނީ މަސްބައެވެ. މުޙަންމަދުފުޅުގެ އެއްދޯނީގެ ކެޔޮޅެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދަނީ، މިހާރުގެ ތަޢުލީމު ލިބިފައިވާ ޒުވާނެކެވެ.

މަސްވެރިކަމުގެ މަސައްކަތުގައި މުޙަންމަދުފުޅު އުޅުއްވަމުން ގެންދަވާތާ މިހާރު 44 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިހާ ދުވަސްވީއިރު، އޮނަވިހި މަސްދޯނި މިހާތަނަށް އޭނާ ދުއްވަވާފައިވެއެވެ. ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމުގައި، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އޭނާ ވަނީ ވަރަށްބޮޑު ޙިއްޞާއެއް ވެދެއްވާފައެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފިޝަރީޒް މިނިސްޓްރީން ބޭއްވެވި އެކިއެކި މުބާރާތްތަކުން މުޙަންމަދުފުޅުގެ ދޯނިފަހަރު އެކި ކާމިޔާބީތައް ޙާޞިލުކޮށްފައިވެއެވެ. މަސްވެރިކަމަކީ ރާއްޖޭގައި އެކަމުގެ މުސްތަޤްބަލެއް އޮތް ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް މުޙަންމަދުފުޅު އަބަދުވެސް ދެކެވަޑައިގަންނަވައެވެ. އަދި މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވައި، މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަކީ، މި ދާއިރާ އިތުރަށް ކުރިއަށް ގެންދިޔުމުގައި ވރަށް މުހިންމު އަދި ވަރަށް ބޭނުންތެރި ކަމެއްކަމަށް މުޙަންމަދުފުޅު ދެކެވަޑައިގަންނަވައެވެ. މަސްވެރިކަމާ ދުރަށް ވަޑައިގަތުމުގެ އެއްވެސް ޚިޔާލުފުޅެއް މުޙަންމަދުފުޅުގެ ނެތެވެ.

މުޙަންމަދުފުޅަކީ މަސްވެރިކަމުގެ އިތުރުން، އިޖްތިމާޢީ ދާއިރާގައިވެސް ހެންވޭރަށް ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ހެންވޭރުގެ މަސްވެރިންނާ ބަދަހި ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ހެންވޭރު މަސްވެރިންގެ ޕާކް ހެދުމުގެ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވާފައިވެއެވެ. މިހާރުވެސް އެ ޕާކުގެ ކަންކަން ބައްލަވައި، ކުރައްވަންޖެހޭ މަސައްކަތްތައް، އޭނާގެ އަމިއްލަ ޚަރަދުގައި ކުރައްވަމުން ގެންދަވައެވެ. ހެންވޭރުގެ މަސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މަސްވެރިންގެ ޕާކުގެ ރައީސަކީ، މުޙަންމަދުފުޅެވެ.

މުޙަންމަދުފުޅު ގެންގުޅުއްވާ ދޯނިފަހަރުގެ އިންޖީނަށާއި ތަކެއްޗަށް ލިބޭ ގެއްލުން މަރާމާތު ކުރެއްވުމުގައި، އެކިއެކި ދަތިތައް ދިމާވާތީ، ގޭގައި އަމިއްލައަށް ވާރކްޝޮޕެއް މިހާރު ހައްދަވައި، ދޯނިފަހަރުގައި ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ ހުރިހާ މަރާމާތުތަކެއް، އެ ވާރކްޝޮޕުން ކުރަމުން ގެންދެއެވެ.

  މަސްވެރިކަމުގެ ދާއިރާއިން، މިއަދު ޝަރަފުވެރިކަމުގެ އިނާމު އޭނާއަށް ލިބިވަޑައިގަންނަވާއިރު، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ، މި މަސައްކަތް މިހާހިސާބަށް ތަރައްޤީ ކުރެއްވިއިރު، އެއްވެސް ލޯނެއް ނުނަންގަވައި، އޭނާގެ އަމިއްލަ މަސައްކަތުން މިހާހިސާބަށް ވަޑައިގެންނެވުމެވެ. މިއީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިދާއިރާގައި އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް ކާމިޔާބީވެސްމެއެވެ.