އަލްފާޟިލް ޙަސަން ޤާސިމް (ތޮޅެންދޫ ޙަސަން ޤާސިމް)
ނ. ކެނދިކުޅުދޫ/ ކުއްޅަވައްއާގެ

ދިވެހި ބޭސްވެރިކަމުގެ ރޮނގުގައި ޙަސަން ޤާސިމަކީ ނުވަތަ ތޮޅެންދޫ ޙަސަން ޤާސިމަކީ، ވަރަށްކުރީސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބޭސްވެރިކަމުގެ ޚިދުމަތުގައި މިހާރު 47 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާއިރު، މިދާއިރާއިން އޭނާވަނީ ގިނަގުނަ ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައެވެ. މިހާހިސާބަށް ވަޑައިގެންނެވިއިރު، ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް އޭނާ ވަނީ ބޭސްފަރުވާ ކޮށްދެއްވާފައެވެ. އަދި މިއަދުވެސް އެމަސައްކަތް މެދުނުކެނޑި ގެންދަވަނީ ކުރައްވަމުންނެވެ.

ބޭސްވެރިކަމުގެ މަސައްކަތް ޙަސަން ޤާސިމް ފެށްޓެވީ، އުފަން ރަށް ތޮޅެންދޫގައެވެ. ވަގުތީގޮތުން މާލެ ވިލިނގިލީ އަވަށުގައި ދިރިއުޅުއްވަމުން ގެންދެވިކަމުގައިވިޔަސް، ބޭސްކޮށްދެއްވުމުގައި އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ، އުފަންރަށް ތޮޅެންދުއާއި ފަހުން ކެނދިކުޅުދޫގައެވެ. އޭރު އޭނާ ދިވެހިބޭސް ކޮށްދެއްވަމުން ގެންދެވީ، ހަމައެކަނި ތޮޅެންދުއާއި ކެނދިކުޅުދޫ ރައްޔިތުންނަކަށްނޫނެވެ. އެ އަތޮޅުންނާއި، އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ހޯދުމަށް އަންނަމުންދިޔައެވެ. މާލެއަށް ބަދަލުވެވަޑައިގަންނަވަންދެން، މި މަސައްކަތް ކުރައްވަމުން ގެންދެވީ، ޚިދުމަތަށް އެއްވެސް އަގެއް ނެންގެވުމެއްނެތިއެވެ. ބައެއްފަހަރަށް ހަމައެކަނި ބޭހުގެ އަގު ނަންގަވައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭކަމަކީ، ބޭރު ރަށްރަށުން އަންނަ މީހުން، ޙަސަން ޤާސިމްގެ އަމިއްލަ ގޭގައި ބައިތިއްބަވައިގެން، އެމީހުންގެ ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސަވައިދެއްވައިގެން ބޭސްފަރުވާ ކޮށްދެއްވާފައިވާކަމެވެ. އެއީ އޭނާގެ ހިތްޕުޅުގައި ދިވެހި ބޭސްވެރިކަމަށާއި، ނިކަމެތިންނަށް އެހީވެދެއްވުމަށް އޮތް ޝައުޤުވެރިކަމެއްގެ އަލިގަދަ ހެއްކެކެވެ.

ޙަސަން ޤާސިމް ގިނައިން ކުރައްވަމުން ގެންދަވަނީ، ރުއްގަލުބޭހެވެ. ލޮލުބޭސް ފިޔަވައި އެހެން ހުރިހާ ބައްޔަކަށް ބޭސްކުރައްވަމުން ގެންދަވައެވެ. ބައެއްކަހަލަ ބަލިތަކަށް ފަރުވާކުރެއްވުމަކީ، ފެންބޮއިފައި ވަޔެއްލުންފަދަ ފަސޭހަ ކަމެއް ކަމަށް ޙަސަން ޤާސިމް ދެކެވަޑައިގަންނަވައެވެ. އެގޮތުން ވާގި ނެތުންފަދަ ބޮޑެތި ބަލިތަކަށްވެސް އޭނާ ފަރުވާ ދެއްވާފައި ވެއެވެ. އަދި ކޮލެރާ، ޝިގެއްލާ، ޗިކަންގުންޔާ ފެތުރިގެންދިޔައިރު، އެ ބަލިތަކަށްވެސް އޭނާވަނީ ފަރުވާ ދެއްވާފައެވެ.  

ޙަސަން ޤާސިމަކީ، ދިވެހި ބޭސްވެރިކަމުގެ ޖަމްޢިއްޔާގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ ޖަމްޢިއްޔާގެ މަސްއޫލު މެންބަރެއްގެ ގޮތުގައި އޭނާ ހުންނަވައިގެން ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، އޭނާއަކީ، ދިވެހި ބޭސްވެރިކަމުގެ ސަނަދު ދެއްވުމަށް އިމްތިޙާނު ކުރައްވާ ކޮމިޓީގެ މެންބަރެއްވެސްމެއެވެ.

ބޭސްވެރިކަމުގެ ރޮނގުން ޢާންމުން ހޭލުންތެރި ކުރެއްވުމަށްޓަކައިވެސް އޭނާ ވަނީ ތަފާތު މަސައްކަތްތައް ކޮށްދެއްވާފައެވެ. އަދި ބޭސްވެރިކަން ދަސްކުރަން އަންނަ މީހުންނަށް، އެ މަސައްކަތް ދަސްކޮށްދެއްވާފައިވެސް ވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން، މީގެ 14 އަހަރު ކުރިން، އަހަރެއްހާ ދުވަސް ވަންދެން ހަފްތާއަކު އެއްފަހަރު ފޮނުއްވި ދިވެހި ބޭހުގެ ޕްރޮގްރާމް ހުށަހަޅުއްވައިދެއްވި ބޭފުޅަކީވެސް، ޙަސަން ޤާސިމެވެ. ތަފާތު ބަލިބައްޔަށް ހަދާނެ ބޭހާއި، ފަރުވާދޭނެގޮތުގެ މަޢުލޫމާތު، މި ޕްރޮގްރާމް މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް އޭނާ ވަނީ ދެއްވާފައެވެ.

ޙަސަން ޤާސިމް ދެކެވަޑައިގަންނަވާ ގޮތުގައި، މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާއަށް ލިބިވަޑައިގެންނެވި އެންމެބޮޑު ކާމިޔާބީއަކީ، ބޭސްފަރުވާ ހޯދަން އަންނަ މީހުންގެ ރުހުމާއި ލޯބި އޭނާއަށް ލިބިވަޑައިގެންފައިވާ ލިބިވަޑައިގަތުމެވެ.

ޙަސަން ޤާސިމަށް ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1990 ވަނަ އަހަރު ސަރުކާރުންވަނީ އަރުވާފައެވެ. އޭގެފަހުން މިވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް، ޙަސަން ޤާސިމް މި ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާފައިވެއެވެ. ދިވެހި ބޭސްވެރިކަން އުވިނުގޮސް، މިކަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ޙަސަން ޤާސިމް ހުންނެވީ ތައްޔާރަށެވެ. އެގޮތުން، އޭނާގެ އަންހެން ބޭފުޅަކަށްވަނީ މި މަސައްކަތް ދަސްކޮށްދެއްވައި، މިޚިދުމަތަށް ނެރުއްވާފައެވެ. ޙަސަން ޤާސިމްގެ ހިތްޕުޅުގައި މި ދާއިރާއިން ވަކިވެވަޑައިގަތުމުގެ އެއްވެސް ޚިޔާލުފުޅެއް ނެތެވެ. އޭނާގެ ޢަޒުމަކީ، މިދުނިޔެއިން ވަކިވެވަޑައިގަންނަވަންދެންވެސް މި ޚިދުމަތުގައި ދެމިހުންނެވުމެވެ.

ޙަސަން ޤާސިމަކީ، ސަރުކާރަށްވެސް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި ތޮޅެންދޫގެ ވެރިކަމުގެ މަޤާމުގައި ވަރަށްގިނަ ދުވަހު ޚިދުމަތްކުރައްވައި، ތޮޅެންދޫ މުދިންކަމާއި ކަތީބުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަތޮޅުވެރިޔާގެ ބަދަލުކަމާއި، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަމުގެ މަޤާމުވެސް ޙަސަން ޤާސިމް ފުރުއްވާފައިވެއެވެ.