ޑޮކްޓަރ މަރްޔަމް ޝަހްނީޒާ ނަޞީރު
ތިލަދޫ، ހއ.ދިއްދޫ

މި އިނާމު މި އެރުވެނީ، އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ކަރިކިއުލަމް، އިންސްޓްރަކްޝަން، އެންޑް އެސެސްމަންޓް (އަލްޖިބްރާ) ގެ ދާއިރާއިން ޑޮކްޓަރ އޮފް އެޑިޔުކޭޝަން ހާސިލުކުރައްވާފައިވާތީއާއި، ޑޮކްޓަރޭޓްއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތަފާތު ދެ އާޓިކަލް، ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކުރައްވާފައިވާތީއެވެ.

ޑޮކްޓަރ މަރްޔަމް ޝަހުނީޒާ ނަޞީރުގެ ދިރާސާއަކީ، ހިސާބު މުދައްރިސުންގެ އަލްޖިބްރާ ކޮންޓެންޓް ނޮލެޖާއި ޕެޑަގޮޖިކަލް ނޮލެޖް ދެނެގަތުމަށްޓަކައި ކުރެއްވި ދިރާސާއެކެވެ. މި ދިރާސާގެ އަލީގައި ހިސާބު މުދައްރިސުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕެކެއްވެސްވަނީ ތައްޔާރުކުރައްވާފައެވެ. އަދި މި ދިރާސާ ކުރައްވައި ޝާއިޢު ކުރައްވާފައިވާ އާޓިކަލްތަކުގައި، ހިސާބު މުދައްރިސުންގެ އަލްޖިބްރާ ކޮންޓެންޓް ނޮލެޖާއި ޕެޑަގޮޖިކަލް ނޮލެޖް ހުރި މިންވަރު ހިސާބު ކުރައްވާފައިވާ އާޓިކަލްއަކާއި، ދިވެހިރާއްޖޭގައި އަލަށް ތަޢާރުފު ކުރެވުނު ޤައުމީ މަންހަޖުގައި ހިމެނޭ، އަލްޖިބްރާ މުޤައްރަރު ކިޔަވައިދިނުމަށް ބޭނުންކުރާ ޓެކްސްޓް ފޮތް ދިރާސާ ކުރައްވައި އޭގައި ހުރި މިސްކޮންސެޕްޝަންތަކުގެ މައްޗަށް ލިޔެފައިވާ އާޓިކަލެއްވެސް ހިމެނެއެވެ. މީގެ އިތުރުން، ޑޮކްޓަރޭޓްއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި އިތުރު ތަފާތު ތިން އާޓިކަލް، ބައިނަލްއަޤްވާމީ ތަފާތު ތިން ޖަރނަލްގައި ޝާއިޢު ކުރުމަށް މިހާރުވަނީ ފޮނުއްވާފައެވެ.

ޑޮކްޓަރ މަރްޔަމް ޝަހުނީޒާ ނަޞީރަކީ، އިންޓަރނޭޝަނަލް ޖަރނަލް އޮން އެމަރޖިން މެތަމެޓިކްސް އެޑިޔުކޭޝަންގެ ރިވިއުވަރއެއްވެސްމެއެވެ. އަދި ސްޓެޓިސްޓިކްސް، މެތަމެޓިކްސް، އެންޑް އެކްޗްއޭރިއަލް ސައިންސް ރިވިއުގެ ޗީފް އެޑިޓަރވެސްމެއެވެ.

ޑޮކްޓަރ މަރްޔަމް ޝަހުނީޒާ ނަޞީރު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާޗް އެންޑް އިނޮވޭޝަން) ގެ މަގާމުގައެވެ.