އަލްފާޟިލް އިބްރާހީމް ޒައިދު ޢަލީ
ކީރަންމާގެ، ގދ.ތިނަދޫ

އިބްރާހީމް ޒައިދު ޢަލީ، ލަވަ ކިޔުމާއި މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ތަޢާރުފުވީ 1998 ވަނަ އަހަރުގައެވެ. ޢާންމުންގެ ތެރެއަށް ތަޢާރުފުވީ، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ވޭވްސް ބޭންޑުންނެވެ. އިބްރާހީމް ޒައިދު ޢަލީ އެންމެ ފުރަތަމަ ވިދާލީ [އެދެމޭ ކަލާ] މި ލަވައިންނެވެ. އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ނަމުން ދަންނަވާނަމަ ކުޑަ އިއްބެއަކީ ލަވަކިޔުމާއި، މިޔުޒިކް އުފެއްދުމުގައި މިއަދު ރާއްޖޭގައި އެންމެ ކުރީސަފުގައި ހިމެނޭ ބޭފުޅެކެވެ.

އިބްރާހީމް ޒައިދު ޢަލީ މިހާތަނަށް 400 އަށްވުރެ ގިނަ ލަވަ ރެކޯޑުކުރައްވާފައިވާއިރު އަމިއްލަ 300 އަށްވުރެ ގިނަ ރާގު އުފައްދަވާފައިވެއެވެ. މީގެތެރޭގައި ފިލްމުތަކާއި، ޑްރާމާ އަދި މަދަހަ އަލްބަމްތަކަށާއި ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކަށްވެސް ރާގު ހައްދަވާފައިވެއެވެ. އިބްރާހީމް ޒައިދު ޢަލީ ވިދާޅުވެފައިވާ މަޝްހޫރު ބައެއް ލަވަ ތަކުގެ ތެރޭގައި [ހަލަބޮލި] [ހިތްދެވިއްޖޭ ކަލާ] [ސޫރަ] [ރޮއްވާފައި] [ދިންވޭނުގެ ހިތާމާގައި] [މޭގާވި އަލިކުރި] [ކޮންކަހަލަ ލޮޅުމެއް] [ލޯތްބަށްޓަކައި] [މިވާވަރު] [ލޯބިކަން] [އިންތިޒާރުގައި] ފަދަ ލަވަތައް ހިމެނެއެވެ.

ލަވަ ވިދާޅުވުމުގެ އިތުރުން އިބްރާހީމް ޒައިދު ޢަލީވަނީ، މިޔުޒިކާއި ރާގު ހެއްދެވުމުގައި ހިލޭ ސާބަހަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި އެކި މުނާސަބަތުތަކާގުޅޭ ޤައުމީލަވަތައް ތައްޔާރުކޮށްދެއްވުމާއި، ސްކޫލް ކުދިންނަށް ލަވަކިޔުމުގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ. އަދި ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އެމް.އެން.ޑީ.އެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލަވަތައް ތައްޔާރު ކުރެއްވުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

އިބްރާހީމް ޒައިދު ޢަލީވަނީ، 2011 ވަނަ އަހަރުން ފެށިގެން [ޓޮނިކް ލައިވް ސްޓޫޑިއޯ] ގެ ނަމުގައި އަމިއްލަ ހިއްސާ އޮންނަ ސްޓޫޑިއޯއެއް އުފައްދަވައި އެތަނުން އެތައް ޚިދުމަތްތަކެއް މިޔުޒިކީ ދާއިރާއިން ދެއްވަން ފަށްޓަވާފައެވެ. [ޓޮނިކް ލައިވް ސްޓޫޑިއޯ] އަކީ އަމިއްލަ ވަރަށްގިނަ ރާގު އުފައްދައި ޕްރޮޑިއުސްކޮށް، ވުޖޫދަށް ނެރެމުން އަންނަ ސްޓޫޑިއޯއެކެވެ. މިކަމުންވެސް އެނގެނީ ލަވަކިޔުމާއި، މިޔުޒިކް ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމާއި، މީހުން ތަމްރީނު ކުރުމަށް އިބްރާހީމް ޒައިދު ޢަލީގެ ހިތްޕުޅުގައި އޮންނަ ޝައުޤުވެރިކަމެވެ.

އިބްރާހީމް ޒައިދު ޢަލީވަނީ 2012 ވަނަ އަހަރު އަމިއްލަފުޅަށް ރާގާއި މިޔުޒިކް ހައްދަވައި ލަވަ ވިދާޅުވެ [ރާގު] ގެ ނަމުގައި އަމިއްލަ ސޯލޯ އަލްބަމެއް އުފައްދަވައި ޢާންމުންނާ ހަމަޔަށް ގެނެސްދެއްވާފައެވެ. މިހާތަނަށް ތިރީހަކަށް ދިވެހި ފިލްމާއި، ކުރު ފިލްމާއި، ޑްރާމާތަކަށްވަނީ ރާގާއި މިޔުޒިކާއި ލަވަ ތައްޔާރުކޮށްދެއްވާފައެވެ. އޭގެތެރޭގައި 100އާ ގާތްކުރާ ޢަދަދަކަށް އަމިއްލަ ރާގު ހައްދަވައިދެއްވާފައިވާކަން އެއީ، އަމިއްލަ ރާގު އުފެއްދެވުމަށް އޭނާ ދެއްވާ ޝައުޤުވެރިކަމުގެ ހެއްކެކެވެ. އެން.ސީ.އޭ ބޭންޑްގައި ގިނަ ޢަދަދެއްގެ ލައިވް ޝޯތައްވެސް އޭނާވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުށަހަޅުއްވައި ދެއްވާފައެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ ގިނަ ޝޯތަކެއްވެސްވަނީ ދެއްވާފައެވެ.

މީގެއިތުރުން، އެން.ޖީ.އޯތަކަށްވެސް ފަންނީ ގޮތުން ގިނަގުނަ ޚިދުމަތްތަކެއް އިބްރާހީމް ޒައިދު ޢަލީވަނީ ކޮށްދެއްވާފައެވެ. އޭގެތެރޭގައި، ތެލެސީމިއާ ސޮސައިޓީ، ޓައިނީ ހާޓްސް، ގާލްގައިޑް އެސޯސިއޭޝަން، އަދި މީގެއިތުރުން، އިޖުތިމާޢީ ބޮޑެތި މަސައްކަތްތައްކުރާ އަމިއްލަ ޖަމްޢިއްޔާތަކަށާއި އަދި މިނޫންވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށްވެސްވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ޕީ.އެސް.އެމް.އިން ގެނެސްދޭ އިންޓަރނޭޝަނަލް ފްރެންޗައިޒް ބްރޭންޑް [މޯލްޑިވިއަން އައިޑަލް] ގެ ފަނޑިޔާރުކަން 2016 އަދި 2017 ވަނަ އަހަރު ކޮށްދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަން އެއީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެކެވެ. މީގެއިތުރުން، ސްކޫލް ކުދިންގެ ލަވަމުބާރާތްތަކުގައި އެކި އަހަރު އަމިއްލަ ރާގުގެ ބައިންނާއި، ފިލްމީ ދާއިރާގައި ބާއްވާ ފިލްމު އެވޯޑްސްތަކުގައި އަމިއްލަ ރާގުގެ ބައިން ނޮމިނޭޓްވެ، މަތީ ކާމިޔާބީ ހާސިލު ކުރައްވާފައިވެއެވެ.

ރާގާއި މިޔުޒިކް ހެއްދެވުމުގައި އެންމެ ބޮޑު އިސްކަމެއް، އިބްރާހީމް ޒައިދު ޢަލީ ދެއްވަނީ އެލަވައެއް ފިލްމެއްގައި ހިމެނޭނަމަ، އެ ހިމެނޭ ޙާލަތަށް ރިޢާޔަތްކުރައްވައިގެންނެވެ. އަދި ފިލްމު އުފައްދާ ފަރާތުން އެ ބޭނުންވާ ފެންވަރަކަށް، އެ ރާގަށް މަންޒަރު ސިފަކުރެވޭގޮތަށް އެރާގެއް އުފެއްދެވުމަށެވެ.