އެނިމޭޝަންގެ ދާއިރާގައި އަޙްމަދު ސިނާން މަސައްކަތް ކުރައްވަން ފެށްޓެވީ، 2009 ވަނަ އަހަރު [ޑާކްރެއިން އެންޓަރޓެއިންމަންޓް]ގެ ފަރާތުން އަލަށް ތައްޔާރުކުރި ފީޗަރ ފިލްމު [ހެޕީބާތްޑޭ] ގައެވެ. އެ ފިލްމުގެ ވިޝުއަލް އިފެކްޓްސް ތައްޔާރުކުރެއްވުމުގަޔާއި، ޓައިޓްލް އެނިމޭޓަރެއްގެ ގޮތުގައެވެ. އެއަށްފަހު، ރާއްޖޭގެ އެކި ސްޓޫޑިއޯތަކުން ތައްޔާރުކުރަމުން ގެންދިޔަ ގިނަ ފިލްމުތަކެއްގެ ވިޜުއަލް އިފެކްޓްސްއާއި، ޓައިޓްލް އެނިމޭޝަންތަކުގެ މަސައްކަތް އަޙްމަދު ސިނާން ކުރައްވަމުން ގެންދެވިއެވެ.
އަޙްމަދު ސިނާނަކީ، މި ދާއިރާގެ ޓެކްނިކަލް ވަރަށްގިނަ މަސައްކަތްތަކެއްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ފިލްމު އެޑިޓިންގއާއި، ސިނެމޮޓޯގްރަފީއާއި، އޭރިއަލް ފޮޓޯގްރަފީއާއި، އަންޑަރ ވޯޓަރ ފޮޓޯގްރަފީ އަދި ގްރެފިކް ޑިޒައިނިންގ ހިމެނެއެވެ. އަޙްމަދު ސިނާން މިހާތަނަށް މަސައްކަތް ކުރެއްވި 14 ފިލްމުގެ ތެރެއިން ޑާކްރެއިން އެންޓަރޓެއިންމަންޓްގެ [ފަތިސް ހަނދުވަރުގެ ފެށުން] 3D އާއި، ކްރިސްޓަލް އެންޓަރޓެއިންމަންޓްގެ [4426] ފާހަގަކޮށްލެވެއެވެ.
ޑާކްރެއިން އެންޓަރޓެއިންމަންޓްގެ [ފަތިސް ހަނދުވަރުގެ ފެށުން] 3D އަކީ، ވިޜުއަލް އިފެކްޓްސްގެ އިތުރުން، ދިވެހިރާއްޖޭގައި ތައްޔާރުކުރެވުނު ފުރަތަމަ ދިވެހި ސްޓީރިއަލް ސްކޯޕިކް 3D ފިލްމެވެ. މިއީ، ދުނިޔޭގައި ފިލްމު އުފައްދާ ބޮޑެތި ކުންފުނިތަކުން ވަރަށް ބޮޑެތި ޚަރަދުކޮށްގެން ކުރާ މަސައްކަތެކެވެ. ނަމަވެސް، [ފަތިސް ހަނދުވަރުގެ ފެށުން] 3D ގެ ވިޜުއަލް ހުރިހާ މަސައްކަތްތަކާއި، 3D މަސައްކަތްތައް ކޮންމެ ދުވަހަކުހެން މަސައްކަތްކުރައްވައިގެން ސިނާނަށް ނިންމަވައިލެއްވުނީ، ގާތްގަނޑަކަށް ދެ އަހަރު ދުވަހުންނެވެ. މި ހުރިހާ މަސައްކަތްތަކެއް ކުރެއްވީ، އެންމެ ލެޕްޓޮޕެއް ބޭނުންކުރައްވައިގެން، ސިނާން ގިނިކަންޏާއެވެ.
ދިވެހި ފިލްމީ ޞިނާޢަތުގެ ޓެކްނިކަލް މަސައްކަތްތައް، އާ ހަރުފަތަކަށް ގެންދެވުމަށް ސިނާން ކުރައްވަމުން ގެންދަވަނީ ވަރަށްވެސް ބުރަ، ކަވި އަދި އުނދަގޫ މަސައްކަތްތަކެކެވެ. އެގޮތުން، [ކްރިސްޓަލް އެންޓަރޓެއިންމަންޓް] ގެ [4426] އަކީވެސް މީގެ އެއް ހެތްކެކެވެ.
މި ފިލްމަކީ، މި ދާއިރާގައި މަޝްހޫރު ޑައިރެކްޓަރ ފާޠިމަތު ނަހުލާއާއެކު އަޙްމަދު ސިނާން ޑައިރެކްޓް ކުރެއްވި ފުރަތަމަ ފިލްމެވެ. މި ފިލްމަކީ، ބެލުންތެރިން ޙައިރާންވާފަދަ ވިޜުއަލް އަދި ސްޕެޝަލް އިފެކްޓްސް ފެނިގެންދިޔަ ފިލްމަކަށްވެފައި، ބެލުންތެރިންނާއި ކްރިޓިކުންގެ ތަޢުރީފް ސިނާނަށް ވަރަށް ބޮޑަށް ލިބިގެންދިޔަ ފިލްމެކެވެ.
އަޙްމަދު ސިނާނަކީ ފިލްމުގެ އިތުރުން، ޓީ.ވީ. ކޮމާޝަލްތަކާއި ޑޮކިއުމެންޓްރީތައްވެސް އުފައްދަވާ ބޭފުޅެކެވެ. މީގެއިތުރުން، އެއްވެސް އުޖޫރައަކާ ނުލައި އަދި ބައެއްފަހަރު ހަމައެކަނި އިކްއިޕްމަންޓް ޗާޖާއެކު އެކިއެކި އެން.ޖީ.އޯ.ތަކަށް ސްޕޮޓްސްއާއި، އެވެއަނެސް ޑޮކިއުމެންޓްރީވެސް ހައްދަވައި ދެއްވާފައިވެއެވެ.
އަޙްމަދު ސިނާންގެ ކާމިޔާބީތަކުގެ ތެރެއިން، ވިޜުއަލް އިފެކްޓްސްގެ ކެޓަގަރީން 2012 ވަނަ އަހަރާއި، 2014 ވަނަ އަހަރު [ޤައުމީ ފިލްމު އެވޯޑް] އަދި 2017 ވަނަ އަހަރު [ދިވެހި ފިލްމު އެވޯޑް] ލިބިވަޑައިގެންފައިވުން ފާހަގަކޮށްލެވެއެވެ.
އަޙްމަދު ސިނާނަށް ވިޜުއަލް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ވަރަށް ޒުވާން އުމުރުގައި މިދާއިރާއަށް ވެދެވަޑައިގެން، ޚާއްޞަކޮށް ރާއްޖޭގެ ފިލްމީ ދާއިރާއަށް ކޮށްދެއްވަމުން މި ގެންދަވާ މުހިންމު ފަންނީ މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށާއި، އެ ކުރައްވާ މަސައްކަތަކީ، މިއަދުގެ ޒުވާނުންނަށްވެސް ހިތްވަރާއެކު މަސައްކަތްކޮށްގެން ކުރިއަށް ދެވިދާނެ ނަމޫނާ މަސައްކަތެއްކަން ސިނާން ސާބިތުކޮށްދެއްވާފައިވާތީއެވެ.