އަލްފާޟިލް ޢަލީ ޝިފާޢު
ގ.ހޮޅިގެ

ފިލްމީ ދާއިރާގައި ޢަލީ ޝިފާޢު މަސައްކަތް ކުރައްވަން ފަށްޓަވާފައިވަނީ 2001 ވަނަ އަހަރު ބާޒާރަށް ނެރުނު، [ކަޝްފު] އޯޑިއޯ އަލްބަމުގެ ދެ ލަވައެއްގެ ވީޑިއޯ ހެއްދެވުމުގެ މަސައްކަތުގެ ތެރެއިންނެވެ. އޭގެފަހުން [ލޭފަވަތި] ނަމަކަށް ކިޔާ އޯޑިއޯ އަލްބަމްގެ ތިން ލަވައެއްގެ ވީޑިއޯ ހެއްދެވިއެވެ. އެއަށްފަހު 2006 ވަނަ އަހަރު، ގާތް ރަޙްމަތްތެރިޔަކާ ގުޅިގެން [ހޭލާ] ނަމަކަށް ކިޔާ ފީޗަރ ފިލްމެއް ޑައިރެކްޓް ކުރެއްވިއެވެ. މި ދާއިރާގައި ކުރިއަށް ދިޔުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް، މި ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ މަސައްކަތް އެހިސާބުން ފެށްޓެވިއެވެ. އެގޮތުން އޭރު އަދާކުރައްވަމުން ގެންދެވި ވަޒީފާ ދޫކޮށްލެއްވުމަށްފަހު، ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަގުތު ހުސްކުރެއްވިއެވެ. އަދި މި ފަންނުގެ އެކިއެކި މަސައްކަތް އަމިއްލައަށް ދަސްކުރައްވަން ފެށްޓެވިއެވެ. ސަބަބަކީ މި ދާއިރާގެ ޕްރޮޑަކްޝަންގައި މަސައްކަތް ކުރާ މީހުންގެ އަދަދު މަދުކަމެވެ. އެގޮތުން ސްކްރިޕްޓް ލިޔުމާއި ޑައިރެކްޓް ކުރުމުގެ އިތުރުން، ކެމެރާ ކުރުމާއި އެޑިޓް ކުރުންވެސް ދަސްކުރެއްވިއެވެ. އަދި މިދާއިރާއާ ގުޅުން ހުރި އެހެނިހެން ޓެކްނިކަލް މަސައްކަތްތައްވެސް ދަސްކުރައްވަން ފެށްޓެވިއެވެ.

ފިލްމީ ދާއިރާ ރަނގަޅު ކުރުމުގެ ގޮތުން، މޯލްޑިވްސް ފިލްމް އެސޯސިއޭޝަން ދެވަނަފަހަރަށް ވުޖޫދަށް ގެންނެވުމުގެ މަސައްކަތްތަކެއް ޝިފާޢު ކުރެއްވިއެވެ. އެގޮތުން އެކުލަވައިލި ވަގުތީ ކޮމިޓީގައި ހިމެނި، އެސޯސިއޭޝަނުން މިހާރު ޢަމަލުކުރަމުންގެންދާ، ހިންގާ ގަވާއިދު އެކުލަވައިލެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. އަދި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން ދެވަނަ ފަހަރަށް ވުޖޫދަށް ގެނެވި އެކުލަވައިލެވުނު ފުރަތަމަ އެގްޒެކެޓިވް ބޯޑުގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވިއެވެ.

މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ، އާ ކަންތައްތައް މި ދާއިރާއަށް ތަޢާރުފު ކުރެއްވުމަށް މެދުކެނޑުމެއްނެތި ޢަލީ ޝިފާޢު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ހައި ޑެފިނިޝަން (އެޗް.ޑީ) ފޯމެޓްގައި ޝޫޓްކުރި ފިލްމަކީވެސް ޝިފާޢު ޑައިރެކްޓް ކުރެއްވި [ހޭލާ] އެވެ. އަދި ދެ އަހަރެއްހާ ދުވަހު ވަރަށްބުރަ މަސައްކަތެއް ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ޓީމާއެކީ ކުރައްވައި، 2013 ވަނަ އަހަރު ފުރަތަމަފަހަރަށް ރާއްޖޭގައި ރިލީޒް ކުރެވުނު ދިވެހި ތްރީޑީ ފިލްމް [ފަތިސް ހަނދުވަރުގެ ފެށުން]ގެ ޑައިރެކްޓަރަކީވެސް ޝިފާޢުއެވެ. މި ފިލްމަކީ އެންމެފަހުގެ ތްރީޑީ ސިނަމާތަކުގައިވެސް ބެލޭނެ ފެންވަރަށް ދެ ކެމެރާ ބޭނުންކޮށްގެން މުޅި ފިލްމު އެކީ ތްރީޑީކޮށް ޝޫޓްކުރި ފުރަތަމަ ދިވެހި ސްޓީރިއަސްކޯޕިކް ތްރީޑީ ފިލްމެވެ.

ޢަލީ ޝިފާޢުއަކީ އަބަދުވެސް ތަފާތު ގިންތިތަކުގެ ފިލްމުތައް ހެއްދެވުމަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން، ލޯބީގެ ފިލްމުތަކާއި ބިރުވެރި ފިލްމުތަކުގެ އިތުރުން، ޑްރާމާ، ކޮމެޑީ އަދި ކްރައިމް ތްރިލަރ ފަދަ ގިންތިތަކުގެ ފިލްމުތައްވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދެއްވާފައިވެއެވެ.

ޝިފާޢު ކުރެއްވި މަސައްކަތްތަކުގައި، ގިނަ އަދަދެއްގެ އާ ފަންނާނުން ބެލުންތެރިންނާ ހަމައަށް ތަޢާރުފްކޮށްދެއްވާފައި ވެއެވެ. މިހާތަނަށް ޓެލެޑްރާމާ، ކުރު ފިލްމު އަދި ފީޗަރ ފިލްމާއެކީ 9 ޕްރޮޖެކްޓްގެ ސްކްރިޕްޓް ތައްޔާރު ކުރައްވައި، 25 ޕްރޮޖެކްޓް އެޑިޓް ކުރައްވައި، 16 ޕްރޮޖެކްޓް ކެމެރާ ކުރައްވައި، 15 ޕްރޮޖެކްޓް ޑައިރެކްޓް ކުރައްވާފައިވެއެވެ. ބައެއްފަހަރު އިކްއިޕްމަންޓް ޗާޖް، ބައެއްފަހަރު އެއްވެސް އުޖޫރައަކާ ނުލައި، އެކިއެކި އެން.ޖީ.އޯ އަށް ސްޕޮޓްސްއާއި އެވައަރނަސް ވީޑިއޯ ލަވަތައްވެސް ޝިފާޢު ހައްދަވައިދެއްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މި ދާއިރާގައި ޝިފާޢު ހޯއްދަވާފައިވާ ކާމިޔާބީއަށް ބަލާއިރު، އެންމެ ފަހުން ބޭއްވި [ދިވެހި ފިލްމް އެވޯޑްސް 8] ގެ އެންމެ މޮޅު ކުރު ފިލްމު އަދި ފީޗަރ ފިލްމުގެ ޑައިރެކްޓަރުކަން ޝިފާޢު ހޯއްދަވާފައިވެއެވެ. މިހާތަނަށް ޢަލީ ޝިފާޢުއަށް 3  މިއަދު ކްރިސްޓަލް އެވޯޑާއި، 4 މޯލްޑިވްސް ފިލްމު އެވޯޑާއި، 5 ޤައުމީ ފިލްމު އެވޯޑްސްއާއި، 6 ދިވެހި ފިލްމީ އެވޯޑާއެކު ޖުމުލަ 18 އެވޯޑް ލިބިވަޑައިގެންފައިވެއެވެ.