އަލްފާޟިލް ނައުފަލް މޫސާ
ޑޭޒީމާގެ، އއ.އުކުޅަސް

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ނައުފަލް މޫސާއަކީ 2000 ވަނަ އަހަރުން ފެށިގެން ފެތުމުގެ ރޮނގުން މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ޒުވާން ބޭފުޅެކެވެ. ފަތަން ދަސްކޮށްދެއްވުމަކީ، ނައުފަލު ކުރިއްސުރެ ކުރައްވަމުން ގެންދެވި އުންމީދެކެވެ.

ސްކޫލް ދައުރުގައި ފެތުމުގެ ރޮނގުން އެކިވަނަތައްވެސް ހާސިލު ކުރައްވާފައިވެއެވެ. މި ރޮނގުން މީހުން ތަމްރީނު ކުރެއްވުމުގެ ފުރުޞަތު އެންމެ ބޮޑީ މާލޭގައި ކަމަށްވުމުން، މާލޭގައި ކުދިންނަށް ފަތަން ދަސްކޮށްދެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މި ވޭތުވެދިޔަ 18ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަރަށްގިނަ އަދަދެއްގެ ކުދިންނަށް ނައުފަލް ފަތަން ދަސްކޮށްދެއްވާފައިވެއެވެ. މިހާރުވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަތަން ދަސްކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

މާލޭ އިރުމަތީ ފަރާތުގައި އާޓިފިޝަލް ބީޗް ހެދުމާ ގުޅިގެން، އެތަނަށް އޭރު މޫދަށް އެރުނު ބައެއް ކުދިންނަށާއި މީހުންނަށް ނުރައްކަލާ ކުރިމަތިވެ، ބައެއް ކުދިންނާއި މީހުންގެ ފުރާނައަށް ނުރައްކާވެ، އަދި ބައެއް މީހުންގެ ފުރާނަ ގެއްލުމާ ގުޅިގެން މިފަދަ ހާދިސާތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް ލައިފްގާޑުގެ ވަޒީފާ ސަރުކާރުން އުފެއްދެވިއެވެ. އެ ވަޒީފާއަށް ކުރިމަތިލައްވައިގެން އެ ވަޒީފާ ލިބިވަޑައިގެންނެވިއެވެ. ފުރަތަމަ އުޅުއްވީ ލައިފްގާޑަކަށެވެ. 2003 ވަނައަހަރުގެ ސެޕްޓެންބަރުން ފެށިގެން 4 އަހަރުވަންދެން ލައިފް ގާޑެއްގެ ވަޒީފާ ނައުފަލް އަދާކުރެއްވިއެވެ.

މިހާރު ނައުފަލަކީ، ލައިސަންސް ހޯއްދަވާފައިވާ ސަރޓިފައިޑް ކޯޗެކެވެ. އޭނާވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޯޗްކަންވެސް 7 އަހަރަށްވުރެ ގިނަދުވަހު ކުރައްވާފައެވެ. މީގެއިތުރުން، ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ސްކޫލްގެ ހެޑްކޯޗްކަމާއި، ނާޑް ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗްކަން ކުރައްވާފައިވެއެވެ. ނައުފަލް މިހާރު ހުންނަވަނީ، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ހެޑް ކޯޗުގެ މަޤާމުގައެވެ.

ނައުފަލް ވަނީ ރާއްޖޭގެ އެކި ސްކޫލްތަކުގެ ކުދިންނަށްވެސް ފަތަން ދަސްކޮށްދެއްވުމުގެ ޕްރޮގްރާމުތައް ހިންގަވައިދެއްވާފައެވެ. މިގޮތުން، ޖަމާލުއްދީން ސްކޫލާއި، އިސްކަންދަރު ސްކޫލާއި، ޢިމާދުއްދީން ސްކޫލާއި، ލ.ގަމު ތުނޑީ ސްކޫލާއި، ޤަޠަރު އަމީރު ސްކޫލާއި، ލ.ގަމު މުކުރިމަގު ސްކޫލުގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް އޭނާވަނީ ކުރިއަށް ގެންގޮސްދެއްވާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކަށް ޚާއްޞަކޮށްގެން ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމުގަޔާއި، ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފަތަން ދަސްކޮށްދޭ ކޯޗެއްގެ ގޮތުގައި 5 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވާފައިވެއެވެ. މިހާރުވެސް އަމިއްލަގޮތުން އެތައް ބަޔަކަށް ފަތަން ދަސްކޮށްދޭ ކްލާސްތައް ނައުފަލް ހިންގަވަމުން ގެންދަވައެވެ.

2005 ވަނަ އަހަރު ސަޢޫދީޢަރަބިޔާގައި ބޭއްވުނު ފަސްޓް އިސްލާމިކް ސޮލިޑެރިޓީ ގޭމްސްގައި ފެތުންތެރިއެއްގެ ގޮތުގައި ނައުފަލް ބައިވެރިވެވަޑައިގެން، ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ. ފަތަން ދަސްކޮށްދިނުމުގެ ތަމްރީނުތައް ރާއްޖެއިން ބޭރުންވެސް ނައުފަލް ފުރިހަމަކުރައްވާފައިވެއެވެ.

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް އައިލެންޑް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ލ. ގަމުގެ ތިން އަވަށަކާއި އަދި ސުނާމީ ކާރިސާއާ ގުޅިގެން އެދުވަސްވަރު އެރަށަށް ބަދަލުވި އެހެން ރަށްރަށުގެ ރައްޔިތުންނަށް ހިލޭ ސާބަހަށް ހިންގުނު ފަތަން ދަސްކޮށްދިނުމުގެ 8 މަސް ދުވަހުގެ ޕުރޮގުރާމުގައި އިންސްޓްރަކްޓަރެއްގެ ގޮތުން ނައުފަލް މަސައްކަތް ކޮށްދެއްވާފައިވެއެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ޤައުމަކަށްވުމާއެކު، ގިނަ އަދަދެއްގެ ބަޔަކަށް ފަތަން ދަސްކޮށްދެއްވުމަކީ، ނައުފަލް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ޚާއްޞަކޮށް، މި ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުއްވައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުވެސް ނައުފަލް ހޯއްދަވައިދެއްވަމުން ގެންދަވައެވެ. އަދި ކުދިން މޫދަށް އެރި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުންވެސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކުރައްވައި، އޭނާ ގެންދަވަނީ ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކޮށްދެއްވަމުންނެވެ.

އަޙްމަދިއްޔާ ސްކޫލްގެ 16 އަހަރުން ދަށުގެ ފެތުންތެރިއެއްގެ ގޮތުން މި ދާއިރާއަށް ނުކުމެވަޑައިގަތީއްސުރެ، މެދުނުކެނޑި މި ދާއިރާއަށް ނައުފަލް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީ، ތަޢުރީފު ޙައްޤު ޚިދުމަތްތަކެކެވެ.