ސްޓާފް ސާރޖަންޓް އަޙްމަދު ޢަބްދުލްކަރީމް
ތިބުރޯޒުގެ، ވ.ކެޔޮދޫ

ކުޅިވަރުގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަޙްމަދު ޢަބްދުލްކަރީމް ނުވަތަ ކުޅިވަރުގެ ދަނޑުގައި މަޝްހޫރު ނަމުންނަމަ، ލޯންގޭއަކީ ރާއްޖޭގައި މިހާރު ތިއްބެވި ވޮލީ ކުޅުންތެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ވަރަށް މަޝްހޫރު ކުޅުންތެރިއެކެވެ. ވޮލީ ކުޅުއްވަން އޭނާ ފެށްޓެވީ މާލޭ އިންގްލިޝް ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވިއިރު 2001 ވަނަ އަހަރުގައެވެ.

ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗެއް ކަމަށްވާ އިބްރާހީމް ރަޝީދުގެ ކޯޗްކަމުގެ ދަށުން އެންމެ ފުރަތަމަ ތަމްރީނުވި އަޙްމަދު ޢަބްދުލްކަރީމް ފާހަގަކުރެވިފައިވަނީ، މި ކުޅިވަރުގައި ވަރަށް އަވަހަށް ކުރިއަރައިގެންދިޔަ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތަކީ 2004 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްއެވެ. އެ މުބާރާތުގައި ޤައުމީ ޓީމުގައި ހިމެނުނުއިރު މިހާތަނަށް ޤައުމީ ޓީމުން އޭނާ ބާކީވެފައެއްނުވެއެވެ. އަޙްމަދު ޢަބްދުލްކަރީމް ޤައުމީ ޓީމަށް މެދުނުކެނޑި ކުޅުއްވާތާ މިއަހަރަކީ 14 ވަނަ އަހަރެވެ. މިވަގުތު ދިވެހި ޤައުމީ ވޮލީ ޓީމުގައި ހުރި އެންމެ ސީނިއަރ އަދި ޚިދުމަތުގެ ގޮތުން އެންމެ ދޮށީ ކުޅުންތެރިއަކީވެސް އޭނާއެވެ.

އަޙްމަދު ޢަބްދުލްކަރީމް ވަނީ ޤައުމީ ވޮލީ ޓީމަށް ކުޅެ، ދެ ފަހަރު ރިހި މެޑެލް އަދި ރަންވަންލޯ މެޑެލްވެސް ދެ ފަހަރު ހޯއްދަވައިދެއްވާފައެވެ. މިއީ، މިހާތަނަށް ރާއްޖޭގެ ޤައުމީ ވޮލީ ޓީމަށްވެސް ލިބުނު އެންމެމަތީ ކާމިޔާބީއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވަޒީފާ އަދާކުރައްވަމުން ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ވޮލީ ކުޅުއްވައި، އޭނާވަނީ މިހާތަނަށް ރާއްޖޭގެ އެންމެމޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަޤާމު ދެފަހަރު ހޯއްދަވާފައެވެ. މީގެއިތުރުން، އެތައް މުބާރާތެއްގައި އެންމެމޮޅު ބްލޮކަރުގެ މަޤާމާއި، އެންމެމޮޅު ސަރވަރގެ މަޤާމާއި، އެންމެމޮޅު ސްޕައިކަރގެ އިތުރުން، ހުރިހާ ގޮތަކުން އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޭނާވަނީ ހޯއްދަވާފައެވެ. އޭނާވަނީ [ހަވީރު] ނޫހުން ހޮވި އަހަރުގެ އެންމެމޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ދެފަހަރު ހޯއްދަވައި، ތިންފަހަރެއްގެ މަތިން އެވޯޑަށް ވާދަކުރައްވައި، ގަދަ ތިނެއްގައި ހިމެނިފައެވެ.

މިހާތަނަށް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަންކަން، ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ. އަދި އެމް.އެން.ޑީ.އެފް.ގެ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކީވެސް އޭނާއެވެ.

ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން، އަތޮޅުތެރޭގެ ވޮލީ ޓީމުތަކަށް އޭނާ ގެންދަވަނީ ހިލޭސާބަހަށް ކުޅުއްވައި، ކޯޗްކަންވެސް ކޮށްދެއްވަމުންނެވެ. އާ ކުޅުންތެރިން ނެރުއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މިހާތަނަށް ގިނަ ރަށްތަކެއްގައި ކޯޗިންގ ކޭމްޕްތައް ބާއްވަވާފައިވާއިރު، އެކިއެކި ސްކޫލްތަކަށް ކޯޗްކޮށްދެއްވުމަކީވެސް ހިލޭސާބަހަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އަދި ވޮލީގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވުމާއި، ކުޑަކުދިންނަށް ވޮލީ ކުޅެން ދަސްކޮށްދެއްވުމަކީވެސް އޭނާ ކުރައްވާ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މިގޮތުން، އަޙްމަދު ޢަބްދުލްކަރީމްގެ ކޯޗް ކަމުގައި ނުކުތް ޒުވާން ދެ ކުޅުންތެރިޔަކު އަންނަނީ އޭނާއާއެކު ޤައުމީ ޓީމަށް ކުޅެމުންނެވެ. މީގެއިތުރުން، ހިލޭސާބަހަށް މަސައްކަތްކުރާ އެކި ޖަމުޢިއްޔާތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އެފަރާތްތަކުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީވެސް، އަޙްމަދު ޢަބްދުލްކަރީމްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ވޮލީ ބޯޅައިގެ އިތުރުން، އަޙްމަދު ޢަބްދުލްކަރީމަކީ، ބާސްކެޓާއި އެތްލެޓިކްސްގައިވެސް ވާދަކޮށް ވަނަ ހޯދާފައިވާ ކުޅުންތެރިއެކެވެ.