އަލްފާޟިލް ޢާޞިމް މުޙައްމަދުފުޅު
އިރާކް، ކ.މާފުށި

ޢާޞިމް މުޙައްމަދުފުޅު ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ، ސިމްބެ، ޑައިވިންގގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 16 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ބައްލަވައިލެއްވުމާއި، މިރާއްޖެއަށް މާތްﷲ މިންވަރު ކުރައްވާފައިވާ އަގުބޮޑު ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެކަމުން އާމްދަނީ ލިބޭނެ ގޮތްތައް ހޯއްދެވުމާއި، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ވަށައިގެންވާ ކަނޑަކީ، ޢާޞިމުގެ މަސައްކަތުގެ މާޙައުލަށް ހެއްދެވުމަކީ، މަދްރަސީ ދައުރުން ފެށިގެން އޭނާ ކުރައްވަމުން ގެންދެވި އުންމީދެކެވެ.

2002 ވަނަ އަހަރު، އޯ ލެވެލް ނިންމެވުމަށްފަހު، ޢާޞިމް އެންމެ ފުރަތަމަވެސް ބައިވެރިވެވަޑައިގެންނެވީ، ފޯރ ސީޒަންސް ހޮޓެލް އެންޑް ރިޒޯޓްސްއިން ހިންގި 1 އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގައެވެ. މި ޕްރޮގްރާމުގެ ދަށުން ޑައިވް ކުރުމުގެ ބައިނަލްއަޤްވާމީ ސެޓްފިކެޓް ދޫކުރާ [ޕަޑީ]ގެ ޑައިވް މާސްޓަރސް ކޯސް ފުރިހަމަކުރެއްވުމަށްފަހު، [ތާޖް އެގްޒޯޓިކާ ރިޒޯޓު]ގެ ޑައިވް މާސްޓަރެއްގެ ގޮތުގައި ޢާޞިމް މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. 2006 ވަނަ އަހަރުން ފެށިގެން ލަނޑާ ގިރާވަރު ރިޒޯޓުގައި 5 އަހަރު ވަންދެން ރިކްރިއޭޝަން މެނޭޖަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއިރު ފްރީ-ލާންސް ޑައިވް ގައިޑެއްގެ ގޮތުންވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

2002ވަނަ އަހަރުން ފެށިގެން ފީނުމުގެ އެކި ކޯސްތައް ޢާޞިމް ފުރިހަމަކުރައްވަމުން ގެންދެވިއެވެ. އެގޮތުން، ޕަޑީގެ 22 ކޯހަކާއި، ކަމާގުޅޭ އިތުރު ކޯސްތައް ފުރިހަމަކުރެއްވިއެވެ. 2008 ވަނަ އަހަރު ޢާޞިމަށް [ޕަޑީ]ގެ އައި.ޑީ.ސީ ސްޓާފް އިންސްޓްރަކްޓަރުކަން ލިބިވަޑައިގަތެވެ.

ރިޒޯޓު ވަޒީފާ ދޫކޮށްލެއްވުމަށްފަހު މިދާއިރާއިން އިތުރަށް ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅުވެގެން، 2011 ވަނަ އަހަރު ހުޅުމާލޭގައި [އިންޓު ސްކޫބާ]ގެ ނަމުގައި ޑައިވް ސެންޓަރެއް، ޢާޞިމް ޤާއިމުކުރެއްވިއެވެ.

2010 ވަނަ އަހަރު ކ.މާފުށީގައި ގެސްޓްހައުސް ވިޔަފާރި ފެށުމާއެކު، ފީނުމާއި މޫދު ކުޅިވަރުތައް އެރަށަށް ތަޢާރުފު ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ޢާޞިމް ދެކެވަޑައިގެން، ހުޅުމާލޭގައި ޤާއިމުކުރެއްވި [އިންޓު ސްކޫބާ] ޑައިވް ސެންޓަރު ރީ-ބްރޭންޑް ކުރެއްވުމަށްފަހު، 2012 ވަނަ އަހަރު މާފުށީގައި [މާފުށީ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް]ގެ ނަމުގައި ސެންޓަރެއް ޤާއިމުކުރެއްވިއެވެ. 2014 ވަނަ އަހަރު މި ސެންޓަރު ވަނީ، ޕަޑީގެ ފަސްތަރީގެ އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައެވެ. 2015 ވަނަ އަހަރު ޢާޞިމަށް ވަނީ، ޕަޑީގެ އެލީޓް އިންސްޓްރަކްޓަރ އެވޯޑުވެސް ލިބިވަޑައިގެންފައެވެ.

2017 ވަނަ އަހަރު ޢާޞިމްވަނީ، މާފުށީ ޑައިވް ސެންޓަރުގެ ދަށުން ކ.ގުޅީގައިވެސް [އިންޓު ސްކޫބާ]ގެ ނަމުގައި ޑައިވް ސެންޓަރެއް ޤާއިމުކުރައްވާފައެވެ. މިއީ، ގުޅީގައި މިހާތަނަށް ޤާއިމުކުރެވުނު ބައިނަލްއަޤްވާމީ ފެންވަރުގެ ކޯސްތައް ހިންގާ ހަމައެކަނި ސެންޓަރެވެ. މިއީވެސް ޕަޑީގެ 5 ތަރީގެ ޑައިވް ސެންޓަރެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަވާ "ފަރުކޮއެ" ޕްރޮގްރާމުގެ ދަށުން މާފުށީ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދެއްވުމުގެ މަސައްކަތްވެސް ޢާޞިމް ކުރައްވަމުން ގެންދަވައެވެ. ޢާޞިމަކީ، މިރޮނގުން މީހުން ތަމްރީނު ކުރެއްވުމަށާއި، މި ދާއިރާއިން ދިވެހިންނަށް ވަޒީފާ ހޯއްދަވައިދެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާ ބޭފުޅެކެވެ. އިންޓަރންޝިޕް ޕްރޮގްރާމްގެ އިތުރުން، މާފުށްޓާއި ގުޅީގައި ޤާއިމުކުރައްވާފައިވާ ދެ ސެންޓަރުން ޕަޑީގެ އެކި ފެންވަރުގެ ކޯސްތަކަށް ގިނަ ފަރާތްތަކެއް ވަނީ ސެޓިފައި ކުރައްވާފައެވެ. މިހާތަނަށް ޢާޞިމް ވަނީ ޖުމްލަ 7300 ޑައިވް ކުރައްވައި، ކަނޑުއަޑީގައި 5475 ގަޑިއިރު ހޭދަކުރައްވާފައެވެ.

މާފުށީގަޔާއި ގުޅީގައި ޑައިވް ސެންޓަރާއި މޫދު ކުޅިވަރުގެ ވިޔަފާރި ފެށްޓެވުމަކީ، މި ދެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތު ފަހިވެގެންދިޔަ އަދި މި ދެރަށުގެ ރައްޔިތުންނަށާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފައިދާއެއް ލިބިގެންދިޔަ ކަމެކެވެ. އަދި ޢާޞިމަކީ، މާފުށީގެ އިޖުތިމާޢީ ކަންކަމުގައި މާލީގޮތުންނާއި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ޚިދުމަތްތެރި ބޭފުޅެއްވެސް މެއެވެ.

ޑައިވިންގގެ އިތުރުން، މޫދު ކުޅިވަރުކުޅުމާއި ރާއްޖޭގައި މޫދު ކުޅިވަރު ކުރިއެރުވުމަށް ޢާޞިމް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. ވަކިން ޚާއްޞަކޮށް ކައިޓް ސަރފިންގ ކުރިއެރުވުމަށް ޢާޞިމް އިސްނަންގަވައިގެން ހިންގަވާ ސިލްސިލާ އިވެންޓެއް ކަމަށްވާ [ރާޅު ގުޑި] އިވެންޓަކީ، މި ކުޅިވަރު ކުރިއަރުވައި މިރޮނގުން މީހުން ތަމްރީނު ކުރުމަށް ކުރައްވަމުން ގެންދަވާ ވަރަށް މުހިއްމު މަސައްކަތެކެވެ.