އަލްފާޟިލާ ޒޫނާ ނަސީމް
ލަކީ ކޯނަރ، ނ.ކުޑަފަރި

ޒޫނާ މަދްރަސީ ދައުރުއްސުރެ އެކިއެކި ކުޅިވަރުތައް ކުޅުއްވުމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައެވެ. އެގޮތުން، ސްކޫލްގައި އުޅުއްވިއިރު ބެޑްމިންޓަން އަދި އެތްލެޓިކްސްފަދަ ކުޅިވަރުތަކުން މަތީ ވަނަތައް ހޯއްދެވިއެވެ. މަދްރަސީ ދައުރު ނިންމަވައިލެއްވުމަށްފަހު، ސަން ޑައިވިންގ ސްކޫލްގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވި ހިސާބުން، ޒޫނާގެ ހިތްޕުޅުގައި ޑައިވިންގގެ ދާއިރާއަށް ޚާއްޞަ ޝައުޤުވެރިކަމެއް އުފެދުނެވެ. ވަކިން ޚާއްޞަގޮތެއްގައި، ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކުރިއަށް ވަޑައިގަތުމުގެ ޢަޒުމް ކަނޑައެޅުއްވީ، އެދުވަސްވަރު ރާއްޖޭގައި އަންހެން ޑައިވިންގ އިންސްޓްރަކްޓަރަކު ނެތުމުންނެވެ. މިގޮތުން، 1995 ވަނަ އަހަރު އުމުރުން 18 އަހަރުގައި، ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިންގ އިންސްޓްރަކްޓަރސް (ޕަޑީ) ޑައިވިންގ މާސްޓަރޒް ހައްދަވައި، 1996 ވަނަ އަހަރު އިންސްޓްރަކްޓަރ ކަމުގެ ސަނަދު ޒޫނާ ހާސިލުކުރެއްވިއެވެ.

[ބޮލިފުށީ ސަން ޑައިވިންގ ސްކޫލް] ގައި ތިން އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 1999 ވަނަ އަހަރު ރާއްޖޭގައި އޭރު ހުރި އެންމެބޮޑު ޑައިވިންގ ސްކޫލް ކަމުގައިވާ [ލިޓްލް މަރމެއިޑް ޑައިވިންގ ސްކޫލް] ގައި، އަހަރެއްހާދުވަހު ޒޫނާ ޚިދުމަތް ކުރެއްވިއެވެ. އަދި 2000 ވަނަ އަހަރު މާލޭގައި އެންމެ ފުރަތަމަ ހުޅުވި ޑައިވިންގ ސްކޫލް ކަމަށްވާ [ސީ އެކްސްޕްލޯރަރޒް] ގައި ހަތަރު އަހަރު ދުވަހު ޚިދުމަތް ކުރެއްވިއެވެ. އެދުވަސްވަރު ޑައިވިންގގެ ދާއިރާއިން ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ހުޅުއްވައިލެއްވި ފުރުޞަތުގައި ގިނަ އަދަދެއްގެ ދަރިވަރުން، ބޭސިކުން ފެށިގެން ޕްރޮފެޝަނަލް ލެވެލާ ހަމައަށް ތަމްރީނު ކުރެއްވުމުގައި ޒޫނާ ވަރަށްބޮޑު ދައުރެއް އަދާކުރެއްވިއެވެ.

ބައިނަލްއަޤްވާމީ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ [ބަންޔަންޓްރީ ވައްބިންފަރު] ޓޫރިސްޓް ރިޒޯޓާއި، [އަންގްސާނާ އިހުރު] ޓޫރިސްޓް ރިޒޯޓުގެ އޭރިއާ މެރިން ރެކްރިއޭޝަން މެނޭޖަރެއްގެ ވަޒީފާ އަދާކުރެއްވުމުގެ ފުރުޞަތު 2005 ވަނައަހަރު ޒޫނާއަށް ލިބިވަޑައިގަތުމުން، އެކަން ގަބޫލުކުރެއްވިއެވެ. އެއީ، ފަސް ޑައިވް ސެންޓަރާއި ފަސް ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގުމުގެ ބުރަ މަސްއޫލިއްޔަތެވެ. މި ވަޒީފާގައިވެސް އަށެއްކަ އަހަރު ޒޫނާ ޚިދުމަތް ކުރެއްވިއެވެ.

2012 ވަނަ އަހަރުން ފެށިގެން ޒޫނާ ވަނީ ބ.އަތޮޅުގައި ހިންގާ ފަސްތަރީގެ ރިޒޯޓެއް ކަމުގައިވާ ދުސިތާނީ މުއްދޫގެ ސީ - ސްޕްލޭޝްގެ ޑައިވިންގ ސެންޓަރު، ބިޒްނަސް މެނޭޖަރެއްގެ ހައިސިއްޔަތުން ތިންއަހަރު ދުވަހު ހިންގަވާފައެވެ. އޭގެފަހުން، ޑައިވިންގގެ ދާއިރާއަށް ގިނަ އަދަދެއްގެ އަންހެންކުދިން ނެރުއްވުމުގެ މަޤްޞަދުގައި، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހު [މޫދު ބުޅާ ޑައިވް ސެންޓަރ]ގެ ނަމުގައި އަމިއްލަ ޑައިވިންގ ސްކޫލެއް، މާލެ ވިލިނގިލީއަވަށުގައި ވަނީ ހުޅުއްވާފައެވެ. ޒޫނާ މިހާތަނަށް ވަނީ އަށްހާހަށްވުރެ ގިނަ ޑައިވް ކުރައްވާފައެވެ. އަދި މިރޮނގުން އެގާރަސަތޭކައަށްވުރެ ގިނަ މީހުން ވަނީ ތަމްރީނު ކުރައްވާފައެވެ.

ޒޫނާއަކީ [ޑައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް]ގެ ރައީސާ ކަމުގެ މަޤާމު، 5 އަހަރު ދުވަހު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑައިވިންގ ތަމްރީނުތައް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރައްވާ މިންގަނޑަށް ގެންނެވުމުގައިވެސް ޒޫނާގެ ޙިއްޞާ ވަރަށްބޮޑެވެ.

ޒޫނާ ޑައިވިންގެ ދާއިރާއިން ހިލޭސާބަހަށްވެސް ބައެއް ކަންކަން ކޮށްދެއްވަމުން ގެންދަވައެވެ. މިގޮތުން، ސްކޫލްތަކުގައި ކެރިއަރ ގައިޑެންސާއި، ޑައިވް ޓްރަޔަލް ސެޝަންސްތައް ނަންގަވައިދެއްވަމުން ގެންދަވައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަންގަވައިގެން ފެށްޓެވި [ފަރުކޮއެ] ޕްރޮގްރާމުގައި ޒޫނާވެސް ބައިވެރިވެވަޑައިގެން އެ ޕްރޮގްރާމުގެ ދަށުން އެކިއެކި ސްކޫލްތަކުން މިހާތަނަށް ހާހަކަށްވުރެ ގިނަ ކުދިން ފަރު ބަލައިލަން ގެންދަވާފައިވެއެވެ.

[ޕަޑީ] ޑައިވް އިންޑަސްޓްރީގެ އެންމެމަތީ ސަނަދު ކަމުގައިވާ ކޯސް ޑައިރެކްޓަރުކަން ފުރިހަމަކުރައްވާފައިވާ ޒޫނާ މިހާރު ހިމެނިވަޑައިގަންނަވަނީ [ޕަޑީ] ކޯސް ޑައިރެކްޓަރުކަން ފުރިހަމަކުރެއްވި ދެ ދިވެހިންގެ ތެރޭގައެވެ. އަދި ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް ޑައިރެކްޓަރުގެ ގޮތުގައިވެސް މެއެވެ. ޑައިވިންގގެ ދާއިރާގައި ޒޫނާ މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 23 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޒޫނާއަށްވަނީ ރެހެންދި އެވޯޑުވެސް ލިބިވަޑައިގެންފައެވެ.