އަލްފާޟިލް މުޙައްމަދު ޖަވާދު
ދަފްތަރު ނަންބަރު 2600

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ ބޭފުޅަކީ، ބައިނަލްއަޤްވާމީ އެކި މައްސަލަތައް ދިރާސާ ކުރައްވައި، އެކަމުގެ މަޢުލޫމާތު ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ފަތުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ އެކި މައްސަލަތައް ދިރާސާ ކުރައްވައި، ލިޔުއްވަމުން ގެންދަވާ ބޭފުޅުން، ރާއްޖޭގެ ނިސްބަތުން މަދުނަމަވެސް މުޙައްމަދު ޖަވާދަކީ، މިރޮނގުން ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ލިޔުންތެރިކަމުގެ ދާއިރާއަށް ޖަވާދުގެ ޝައުޤުވެރިކަން އުފެދުނީ 1990ގެ ކުރީކޮޅު ލީބިޔާގެ ބެންޣާޒީ ޔުނިވަރސިޓީގައި ކިޔަވައި ވިދާޅުވަމުން ގެންދެވި ދުވަސްވަރުގައެވެ. އޭރު އެ ޔުނިވަރސިޓީއިން ނެރުނު [އައްޠާލިބު] ނޫހުގައި ޢަރަބިބަހުން އެކި މައުޟޫޢުތަކަށް ޖަވާދު ލިޔުއްވަމުން ގެންދެވިއެވެ. އަދި އޭރު ޔުނިވަރސިޓީގެ ބޯޑިންގގައި ބައެއް ކުދިންނާ ގުޅިގެން އަތުން ލިޔެގެންވެސް "ދިވެހި އަދަބީ ނާދީ"ގެ ނަމުގައި ނޫހެއް ނެރުއްވިއެވެ.

ޕޮލިޓިކަލް ސައެންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ ލިޔުއްވަން ފެށްޓެވީ، [އާފަތިސް] ނޫހަށެވެ. ބައިނަލްއަޤްވާމީ މައްސަލަތަކާބެހޭ ދިރާސާ ރިޕޯޓްތައް ތައްޔާރުކުރައްވައި، ބޭރުގެ ޚަބަރުތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، އެ ޚަބަރުތަކުގެ މައްޗަށް ބިނާކުރައްވައި، އެކިއެކި ލިޔުންތައް އެ ނޫހަށް ލިޔުއްވަމުން ގެންދެވިއެވެ.

އާފަތިސް ނޫހުގައި މަސައްކަތް ކުރައްވަމުން ދިވެހިރާއްޖޭގެ އަޑަށްވެސް މި ރޮނގުން ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން އޭރު ފޮނުއްވި [ވޭތުވެދިޔަ ހަފްތާގައި ދުނިޔެ] މި ޕްރޮގްރާމްގައި، ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް ޖަވާދު މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ. ގާތްގަނޑަކަށް ހައެއްކަ އަހަރު މި މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވިއެވެ. އަދި އެކި ދުވަސްވަރު ރާއްޖެއިން ބޭރުގައި ހިނގާ ބޮޑެތި އެކިއެކި ހާދިސާތަކާ ގުޅިގެން އެކަންކަމާބެހޭ މަޢުލޫމާތު، ޓެލެވިޜަން މޯލްޑިވްސްގެ އެކި ޕްރޮގްރާމްތަކުގައިވެސް ގެނެސްދެއްވަމުން ގެންދެވިއެވެ. ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކާ ބެހޭގޮތުން ތަޙުލީލީ އަދި ދިރާސީ ނަޒަރަކުން ބައްލަވައި، އެ މަޢުލޫމާތުތައްވެސް އެކި ޕްރޮގްރާމްތަކުގައި، ޖަވާދު ހިލޭސާބަހަށް ދެއްވަމުން ގެންދެވިއެވެ. މީގެއިތުރުން، ރާއްޖޭގައި އަމިއްލަ ޓީ.ވީ. ސްޓޭޝަންތައް ހުޅުވުމާ ގުޅިގެން، ދި ޓީ.ވީ.އާއި، ރާއްޖެ ޓީ.ވީ.އާއި، ވީ.ޓީ.ވީ.އަށްވެސް ބޭރު ދުނިޔޭގެ އެކި މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި، ބައިނަލްއަޤްވާމީ މަސްރަޙު އޮތްގޮތާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

2005 ވަނަ އަހަރުން ފެށިގެން، ވަކި އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ އަޑުގައި ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރައްވައި، ދިރާސާތައް ކުރައްވަމުން ގެންދަވަން ފެށްޓެވިއެވެ. މިގޮތުން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް، އެއް މުއައްސަސާއެއްގެ ދަށަށް ގެންނެވުމާ ގުޅިގެން، އެ ދެ މުއައްސަސާއަށް ބޭނުންވާ ބޭރުގެ ޚަބަރުތައް ތަރުޖަމާ ކުރައްވައި، ބައިނަލްއަޤްވާމީ ތަފާތު މައްސަލަތަކާ ބެހޭގޮތުން ގެނެސްދޭ ޚާއްޞަ ޕްރޮގްރާމްތަކަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކޮށްދެއްވައި، ތަޙުލީލީ އަދި ދިރާސީ ނަޒަރަކުން ބައްލަވައި، ޖަވާދު މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ. އެދުވަސްވަރުން ފެށިގެން މިއަދާ ހަމައަށްވެސް، ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގައި ޖަވާދު މި މަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. 2010 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް [ސަން] އޮންލައިން ނޫހަށްވެސް ބޭރު ޚަބަރުތައް ތަރުޖަމާކޮށްދެއްވަމުން ގެންދަވާފައިވެއެވެ. އަދި ފީޗަރ ރިޕޯޓްތަކާއި، ތަޙުލީލީ ދިރާސާ ރިޕޯޓްތައްވެސް އެ ނޫހަށް ތައްޔާރުކޮށްދެއްވަމުން ގެންދަވައެވެ.

މުޙައްމަދު ޖަވާދަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އެރުވުމަށް، ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ޖަވާދު ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކަކީ، ބޭރު ދުނިޔޭގެ މަސްރަޙުން ފާހަގަކުރެވޭ ޚަބަރުތަކަށް ސަމާލުކަންދޭ ދިވެހިންނަށް ވަރަށް މުހިންމު މަސައްކަތްތަކަކަށްވެފައި، މިރޮނގުގައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅުން މަދުކަމާއި، އަދި ޖަވާދު ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަތުން ވަރަށް އެކަށީގެންވާފަދަ މަސައްކަތްތަކެއް ކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ.