އަލްފާޟިލް މުޙައްމަދު ފިރާޤު
ހ.ލޭޑީބާރޑް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެ ދާއިރާއަށް ކުރިއެރުން ލިބޭނެ ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ މުޙައްމަދު ފިރާޤު ފުރަތަމަ މަސައްކަތް ފެށްޓެވީ، އެއަރޕޯޓް ރެޕްރެޒެންޓޭޓިވެއްގެގޮތުންނެވެ. އެއީ، 1990 ވަނައަހަރުގެތެރޭގައެވެ. [ރޯވަރ ޓުއަރސް]ގެ ނަމުގައި ހިނގަމުންދިޔަ އޭޖެންސީގެ ވަޒީފާގައި އުޅުއްވަމުންނެވެ. އޭގެފަހުން، [ސަން ޓްރެވަލް އެންޑް ޓުއަރސް]އާއި، [ކްރޮސް ވޯލްޑް މޯލްޑިވްސް]ގައިވެސް ފަތުރުވެރިންނާގުޅޭ އެކިއެކި ވަޒީފާތައް ފިރާޤުވަނީ އަދާކުރައްވާފައެވެ.

މުޙައްމަދު ފިރާޤު މެދުނުކެނޑި 7 އަހަރުވަންދެން އެކި ކުންފުނިތަކުގައި އަދާކުރެއްވި ވަޒީފާތަކުން ލިބިވަޑައިގެންނެވި މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި މިދާއިރާގައި އިތުރަށް ކުރިޔަށް ވަޑައިގަތުމުގެ ޢަޒުމުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ [ޓްރެވަލް 2000] ކުންފުނީގެ ހިއްސާދާރެއްގެގޮތުން އެކުންފުންޏާ ގުޅިވަޑައިގެންނެވިއެވެ. ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ހުރި ދަތި ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދެވޭނެ އާ ގޮތްތައް ދެނެވަޑައިގެން އަމިއްލަ ބްރޭންޑެއް އުފައްދަވައި 1998 ވަނައަހަރު [އިނަރ މޯލްޑިވްސް ހޮލިޑޭޒް]ގެ ނަމުގައި ލޯކަލް ޓްރެވަލް އޭޖެންސީއެއް ހިންގަވަން ފެށްޓެވިއެވެ. ފުރަތަމަ މަސައްކަތްކުރެއްވީ، އަމިއްލަ ގޭގައި އޮފީސް ހައްދަވައިގެންނެވެ. ފަތުރުވެރިން ރާއްޖެ ގެނައުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ފަތުރުވެރިން ބޭނުންވާ އިންތިޒާމުތައް އެކި ރިޒޯޓުތަކުން ހަމަޖައްސައިދިނުމުގެ ކުޑަ ވިޔަފާރިއެއްގެގޮތުގައި ފެށްޓެވި މި މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ވިޔަފާރިއެއްގެގޮތުގައި ކުރިއަށް ގެންދެވިފައިވަނީ، ފިރާޤުގެ ވިސްނުންތެރިކަމާއި ތަޖުރިބާގެ އަލީގައި ކުރެއްވި ބުރަ މަސައްކަތުންނެވެ.

މިހާރު [އިނަރ މޯލްޑިވްސް] އަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް އެކިއެކި އެއަރލައިންތަކުގެ ޓިކެޓްވިއްކާ އަދި ހޮސްޕިޓަލިޓީއާ ގުޅޭ ތަފާތު ގިނަ ޚިދުމަތްތައް ދެމުންގެންދާ ކުންފުންޏެކެވެ. ރާއްޖޭން ބޭރުގެ ކާމިޔާބު ފަތުރުވެރި ބްރޭންޑްތަކާއި ވިޔަފާރިތަކާއެކު ޚިދުމަތް ފުޅާކުރެއްވުމުގެ ފުރުޞަތުވެސް ފިރާޤަށް ލިބިވަޑައިގަތެވެ. މިގޮތުން، ސްރީލަންކަން އެއަރލައިންސްއާ ގުޅިވަޑައިގެން އެއަރ ޓިކެޓް ވިއްކެވުމާއި، ޓުއަރ ޕެކޭޖްތައް ތަޢާރުފު ކުރެއްވިއެވެ. މީގެ އިތުރުން، އެހެން ބައެއް އެއަރލައިންތަކުގެ ޓިކެޓް ވިއްކުމުގެ ޚިދުމަތްވެސް އިނަރ މޯލްޑިވްސްއިން ދެމުން ގެންދެއެވެ.

މިދާއިރާއިން ލިބިވަޑައިގެންފައިވާ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި މުޙައްމަދު ފިރާޤު ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް [ވަރލްޑް ޓްރެވަލް އެވޯރޑްސް 2007] އިން ރާއްޖެއަށް ފުރަތަމަ ލިބުނު، [އިންޑިއަން އޯޝަންސް ލީޑިންގ ޓްރެވަލް އޭޖެންސީ އެވޯޑް] ލިބިފައިވަނީ [އިނަރ މޯލްޑިވްސް ހޮލިޑޭޒް ޕްރައިވެޓް ލިމިޓެޑް] އަށެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަމުގެ ޚިދުމަތް އިތުރަށް ފުޅާކުރެއްވުމުގެ ވިސްނުމާއެކު، މުޙައްމަދު ފިރާޤުގެ އިސްނެންގެވުމުގެ މަތިން، ވަރަށް ބުރަ މަސައްކަތާއެކު، ސ.ގަމުގެ އެއަރޕޯޓަށް ޑައިރެކްޓް ޝެޑިއުލް ފްލައިޓެއްގެ ޚިދުމަތް ދިނުން ތަޢާރުފު ކުރައްވައި ސްރީލަންކަން އެއަރލައިނުން މިދަތުރުތަކުގެ އުދުހުންތައް މިހާރު ކުރިއަށް އެބަ ގެންދެއެވެ. އަދި ރާއްޖެއިން ބޭރަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ޕެސެންޖަރު ލައިނަރގައި ޗުއްޓީ ހޭދަކުރުމުގެ ޕެކޭޖުތަކެއްވެސް ވަނީ ތަޢާރުފު ކުރައްވާފައެވެ.

މުޙައްމަދު ފިރާޤަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތާގުޅޭ އެކިއެކި ކަންކަމުގައި ދިވެހި ސަރުކާރަށް ލަފާދެއްވަމުން ގެންދަވާ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ފިރާޤަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ [ސްމޯލް އެންޑް މީޑިއަމް ބިޒްނަސް ކައުންސިލް] އަށް ލަފާދެއްވާ ބޭފުޅެއްވެސް މެއެވެ. މީގެ އިތުރުން، ފިރާޤަކީ، [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓަރސް ] (މަޓާޓޯ) ގެ ފައުންޑިންގ މެންބަރެކެވެ. އަދި ސީޝެލްސްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލްވެސް މެއެވެ.

މިދާއިރާގައި ތަފާތު ގިނަ ގޮންޖެހުންތައް ކުރިމަތިވެވަޑައިގެންނެވި ކަމުގައިވިޔަސް، [އިނަރ މޯލްޑިވްސް] އިން މި ވިޔަފާރި ކާމިޔާބު ވިޔަފާރިއެއްގެގޮތުގައި ފުޅާ ދާއިރާއެއްގައި ކުރިއަށްދަނީ ފިރާޤުގެ އިސްނެންގެވުމާއި މިންނެތް މަސައްކަތުންނެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ ޓްރެވަލް އަދި ޓްރޭޑް ފެއަރތަކުގައި ބައިވެރިވެ ބައިނަލްއަޤްވާމީ މިންކުރުންތަކުގައި، [އިނަރ މޯލްޑިވްސް]އިން ދޭ ޚިދުމަތްތަކަށް ލިބެމުންދާ ފަޚުރުވެރި ގިނަ ކާމިޔާބީތަކުން ހާމަވެގެންދަނީ، ބައިނަލްއަޤްވާމީ ފަރާތްތަކުން މި ޚިދުމަތް ބަލައިގެންފައިވާކަމެވެ.