އަލްފާޟިލާ މަރްޔަމް ސަހުދާ
ދަފްތަރު ނަންބަރު 4356

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދީ، އެކުދިންނަށް އެކިގޮތްގޮތުން އެހީތެރިވެދެއްވުމަށް މަރްޔަމް ސަހުދާ ޝައުޤުވެރިވެވަޑައިގަތީ، މަދުރަސީ ދައުރުގައެވެ. ޖަމާލުއްދީން ސްކޫލްގައި ހިންގަމުންގެންދާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްތަކުގައި، އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި 2006 ވަނައަހަރު ޚިދުމަތް ކުރައްވަން ފެށްޓެވި ހިސާބުން، ސަހުދާގެ ހިތްޕުޅުގައި މި ދާއިރާއަށް ޚާއްޞަ އަހަންމިއްޔަތުކަމެއް އުފެދުނެވެ.

މިރޮނގުން ސަހުދާގެ ޚިދުމަތް ވަރަށްފުޅާ ދާއިރާއެއްގައި މުޖުތަމަޢަށް ދަނީ ލިބެމުންނެވެ. 2007 ވަނަ އަހަރުން ފެށިގެން އެކިއެކި އަތޮޅުތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޤާއިމުކުރެއްވި [ސެން ޔުނިޓް] ތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ސަހުދާވަނީ، ހިންގަވައިދެއްވާފައެވެ.

ސަހުދާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ތަފާތު ނުކުޅެދުންތެރިކަމާ ބެހޭގޮތުން އެކިއެކިފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކުގައި ސެޝަންތައް ނަންގަވައިދެއްވުމާއި، މިކަމާ ގުޅޭ ވަރކްޝޮޕްތައް ހިންގެވުން ހިމެނެއެވެ.

އަމިއްލަ ޖަމުޢިއްޔާއެއްކަމުގައިވާ [މޯލްޑިވްސް ޑެފް އެސޯސިއޭޝަން] 2008 ވަނަ އަހަރު އުފެދުމާ ގުޅިގެން، އެ ޖަމުޢިއްޔާގެ ތަފާތު ހަރަކާތްތަކުގައިވެސް ސަހުދާ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބޭ ޢާއިލާތަކުގައި، ދިރިއުޅުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި އެ ޖަމުޢިއްޔާގެ ފަރާތުން ގޭގެއަށް ޒިޔާރަތްކޮށް ހިންގާ ޕްރޮގްރާމްތަކުގައިވެސް ސަހުދާގެ ޙިއްޞާ ވަރަށްބޮޑެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅޭގޮތުން އެކި ކޯޓުތަކުގައި ހިނގާ ޝަރީޢަތްތަކުގައި ބައިވެރިވެވަޑައިގެން، އިޝާރާތުގެ ބަހުން މުޢާމަލާތު ކުރައްވައި އެމީހުންނާއި ކުދިންގެ ވާހަކަތައް ޝަރީޢަތުގެ މަޖިލީހަށް ތަފުސީލުކޮށް އޮޅުންފިލުއްވައިދެއްވަމުން ގެންދަވައެވެ. އަދި މިފަދަ ކުދިން ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދެއްވައި، އެފަދަކުދިންނަށް ވަޒީފާ ހޯއްދަވައިދެއްވުމުގަޔާއި، އޮފީސް ދާއިރާގެ މަސައްކަތްތަކަށް އެކުދިން ތަމްރީނު ކުރައްވައި ހޭލުންތެރިކުރުވުމުގެ ސެޝަންތައްވެސް ސަހުދާ ނަންގަވައިދެއްވަމުން ގެންދަވައެވެ.

2014 ވަނަ އަހަރު [މޯލްޑިވްސް ޑިސްއެބިލިޓީ އެވޯޑު] ހޯއްދަވާފައިވާ ސަހުދާވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ސްޕެޝަލް އެޑިޔުކޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވާފައެވެ. އަދި ފެކަލްޓީ އޮފް އެޑިޔުކޭޝަންގަޔާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި މި ރޮނގުން ގެންދަވަނީ ކިޔަވައިދެއްވަމުންނެވެ. އަދި ޤައުމީ ޔުނިވަރސިޓީގައި ސައިން ލޭންގުއޭޖް ލެކްޗަރަރއެއްގެ ގޮތުގައިވެސް ގެންދަވަނީ ކިޔަވައިދެއްވަމުންނެވެ.

2014 ވަނަ އަހަރު، މެލޭޝިޔާއިން އެމެރިކަން ސައިން ލޭންގުއޭޖް އިންޓަރ ޕްރިޓަރ ކޯސް ފުރިހަމަކުރެއްވުމަށްފަހު، އޮފިޝަލް އިންޓަރ ޕްރިޓަރ ކަމުގެ ލައިސަންސް، ސަހުދާ ހޯއްދެވިއެވެ. ސައިން ލޭންގުއޭޖް އިންޓަރ ޕްރިޓަރސްއަކީ، އެދާއިރާއިން ތަމްރީނުވެފައި ތިބި މީހުން ރާއްޖޭގައި އެންމެ މަދު އެއް ދާއިރާ ކަމަށްވާތީ، މި ކޯސް ފުރިހަމަކުރެއްވުމަށްފަހު، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޢާމަލާތު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް މަދުކުރުމުގެ މަޤްޞަދުގައި، އިތުރު މީހުން ތަމްރީނު ކުރުމުގެ އެކި ޕްރޮގްރާމްތައް ސަހުދާވަނީ ހިންގަވާފައެވެ. މިގޮތުން އެވިޑް ކޮލެޖަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑަށާއި، ދަމަނަ ވެށްޓަށާއި، ނެޝަނަލް ޑްރަގް އޭޖެންސީއަށާއި، މައި ކޮލެޖަށާއި، ސްޕޯޓްސް ކޯޕަރޭޝަނަށާއި، މާލެ ވިލިނގިލީ ޖަމްޢިއްޔާއެއް ކަމަށްވާ [ވިލިޖޯލި] އަށްވެސް މި ތަމްރީނުތައް ސަހުދާ ހިންގަވައިދެއްވާފައި ވެއެވެ.

ސަހުދާ އެންމެފަހުން ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ، ޔޫ.އެން.ޑީ.ޕީ. ޕްރޮޖެކްޓެއްގެ ދަށުން ސައިން ލޭންގުއޭޖް ދަސްކޮށްދޭ ޓިއުޓޯރިއަލް ސެޝަންތަކެއް ތައްޔާރުކުރެއްވުމެވެ. އަދި މި ސެޝަންތައް، ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާންމުންނަށް މިހާރު ގެނެސްދެއްވަމުން އެބަ ގެންދަވައެވެ.