ޑޮކްޓަރ ޢަބްދުﷲ ޢަފީފް
ހުދުވިލާގެ، ސ.މީދޫ

ޞިއްޙީ ދާއިރާއިން ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޑޮކްޓަރ ޢަބްދުﷲ ޢަފީފް، މިދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 27 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އިންޑިއާގެ ސީ.އެމް.ސީ. ވެއްލޫރުގައި އެމް.ބީ.ބީ.އެސް. ހާސިލު ކުރެއްވުމަށްފަހު 1991ވަނަ އަހަރު ރާއްޖެ ވަޑައިގެން ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

މެޑިސިންގެ ދާއިރާއަކީ، ޑޮކްޓަރ ޢަފީފްގެ މަދްރަސީ ޙަޔާތުން ފެށިގެން ވަރަށްބޮޑު އިސްކަމެއް ދެއްވެވި ދާއިރާއެކެވެ. އަދި ކުޑަކުދިންގެ އެކި ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރެއްގެ ގޮތުން ސްޕެޝަލައިޒް ވެވަޑައިގަތުމަކީ، ޢަފީފު ކުރިއްސުރެ ކުރެއްވި އުންމީދެކެވެ. މި ދާއިރާއިން ސްޕެޝަލައިޒް ވުމުގެ ފުރުޞަތު ލިބިވަޑައިގަތީ 1995ވަނަ އަހަރުގައެވެ. މިޔަންމާގެ ޔަންގޫން ޗިލްޑްރަންސް ހޮސްޕިޓަލުން ޕީޑިއެޓްރިކްސްގެ ރޮނގުން މާސްޓަރޒް ހާސިލު ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގައެވެ. އެހެންކަމުން، ޑޮކްޓަރ ޢަފީފްގެ ނަން ރާއްޖޭގެ ޞިއްޙީ ދާއިރާގައި ލިޔެވިގެންދިޔައީ، ފުރަތަމަ ކުޑަކުދިންގެ ޑޮކްޓަރުގެ ގޮތުގައެވެ. އައި.ޖީ.އެމް.އެޗް.ގައި ވަޒީފާ އަދާކުރެއްވުމުގެ އިތުރުން، މާލޭގެ ބައެއް ކްލިނިކްތަކުގައިވެސް ކުޑަކުދިންގެ އެކި ބަލިތަކަށް ޑޮކްޓަރ ޢަފީފް ފަރުވާ ދެއްވަމުން ގެންދެވިއެވެ. އަދި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، ރޭޑިއޯއާއި، ޓީ.ވީ. ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގެން ކުޑަކުދިންނަށް ފަސޭހައިން ޖެހޭ ބަލިތަކާއި، ކުޑަކުދިންގެ ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކާއި، މިފަދަ ބަލިތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ގެންދެވިއެވެ.

މިހާރު ޑޮކްޓަރ ޢަފީފަކީ، އަޅުގަނޑުމެންގެ ވަރަށްގިނަ މައިންބަފައިންގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެކެވެ.

2003 ވަނައަހަރު ކިޑްނީބަލި ހުރިކަން ޢަފީފަށް އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން 2013 ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާ ހަމައަށް އުފުއްލަވަން ޖެހުނު ހިތްދަތި އިޙްސާސްތަކަކީ، މިހާރުވެސް އޭނާގެ ހިތްޕުޅުން ފުހެވިގެންނުދާ އިޙްސާސްތަކެކެވެ. އެހެންނަމަވެސް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބުވެ، މާތްﷲގެ ޙަޟްރަތަށް ޝުކުރު ދަންނަވާ ހާލުގައި މިހާރުވެސް ކުޑަކުދިންގެ ޑޮކްޓަރެއްގެ ގޮތުގައި ދެމިހުންނެވުމުގެ ފުރުޞަތު މިންވަރު ކުރެއްވިކަން އެއީ، އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެކެވެ.

ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު، ޑޮކްޓަރ ޢަފީފް އެންމެ ބޮޑަށް ކުރެއްވި މަސައްކަތްޕުޅަކީ، އޭނާގެ ތަޖުރިބާ ޢާންމުންނާ ޙިއްޞާ ކުރައްވައި، ޢާންމުން ހޭލުންތެރިކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. ކިޑްނީ ފެއިލްވުމުން، ކިޑްނީ ބަދަލުކުރުމުގެ މުހިންމުކަމާއި، މީހުންގެ ހިތުގައި އުފެދޭ ބިރުވެރިކަން ކުޑަކުރެއްވުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގަޔާއި، ފޭސްބުކް މެދުވެރިކުރައްވައި ގިނަ މަސައްކަތްޕުޅުތަކެއް ޑޮކްޓަރ ޢަފީފް ކުރެއްވިއެވެ. މީގެއިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދިމާވާ ނުރައްކާތަކާއި ގެއްލުންތައްވެސް ފޭސްބުކް މެދުވެރިކުރައްވައި ޢާންމުންނަށް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ.

ޑޮކްޓަރ ޢަފީފަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ޤައުމީ މަޖިލީހުގެ މެންބަރުކަމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދޭ ކޮމިޓީގެ މެންބަރުކަމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2014 ވަނަ އަހަރު މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރައީސްކަންވެސް ކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސްކަންވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ކުޑަކުދިންނަށްޖެހޭ ތަފާތު ބަލިތަކާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން މިއަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމީ، ޑޮކްޓަރ ޢަފީފަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް ހިތްހަމަޖެހުމެވެ.