ދިވެހި ސަގާފީ ކުޅިވަރުތަކަށް ޢަބްދުއްރައްޒާޤުގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ، އޭނާ ވަރަށްކުޑައިރުއެވެ. ބައްޕަ އަލްމަރްޙޫމް ކާށިދޫގޭ ޢަބްދުއްރަޙްމާނަކީ ބޮޑުބެރުޖެހުމާއި، ތާރަޖެހުމުގައި ބާރަށުން ފާހަގަކުރެވޭ ދިވެހި ޘަޤާފަތުގެ މުރީދަކަށްވުމުން، ބައްޕަ އެކަން ކުރައްވާތަން ފެނިވަޑައިގަންނަވައިގެންނެވެ.
ދިވެހި ސަގާފީ ކުޅިވަރުތައް ކުޅުއްވަން ޢަމަލީގޮތުން ޢަބްދުއްރައްޒާޤު ފެށްޓެވީ، މީގެ އޮނަތިރީސް އަހަރު ކުރިން 1988 ވަނަ އަހަރުގައެވެ. މާލޭގައި ބައެއް ގޭގޭގައި ބެރުޖަހައި، އެކި ކުޅިވަރުތައް ކުޅެމުންދިޔަދުވަސްވަރު، އެ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން ބޮޑުބެރު ޖައްސަވަން ފެށްޓެވިއެވެ. ސިފައިންގެ ވަޒީފާއަށް ވެދެވަޑައިގަތުމަށްފަހު، އަލްމަރްޙޫމް މޭޖަރ ހުޅުލޭ މޫސައާއި، އަލްމަރްޙޫމް ކަނަކުރި އާދަމްފުޅާއި، އަލްމަރްޙޫމް މުރީދުބޭގެ އިރުޝާދާއި އެހީތެރިކަމާއެކު، ދިވެހި ބޮޑުބެރުގެ ހަމަތަކާއި އުސޫލުތަކާއި، ފުނަތަކާއި، ތާރައާއި، ކުރުދަނޑިއާއި، ދިގުދަނޑި، މާފަތި، މާބޮނޑީގެ އިތުރުން ހިއްޗަށް ވަޑައިގަންނަވާ ގޮތްތަކާއި އުސޫލުތައް ދަސްކުރެއްވިއެވެ.
މިގޮތުން، ރާއްޖޭގެ އެކި ސްކޫލްތަކަށާއި، އެކިއެކި ބޮޑުބެރު ގްރޫޕްތަކަށް ބޮޑުބެރު ޖަހަން ދަސްކޮށްދެއްވިއެވެ. އަދި މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އެންމެބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޢަބްދުއްރައްޒާޤު ދެކެވަޑައިގަންނަވަނީ 2006 ވަނަ އަހަރުގެ މިނިވަންދުވަހު ބޭއްވުނު ހެވިކަމާއި ކުޅިވަރު ޕްރޮގްރާމުގެ ތެރެއިން، ސިފައިންގެ ފަރާތުން ހުށަހެޅި [ދިވެއްސަކަށްވީތީ ފަޚުރުވެރިވަމޭ] މި ކުޅިވަރުގައި ބައިވެރިވި 30 ބެރުވެރިން ތައްޔާރުކުރައްވައި، އެ ކުޅިވަރުގައި އަމިއްލަ ދެ ބީޓު އުފައްދަވައި، ބޮޑުބެރާއި ތާރައިގެ ހުނަރުތައް ދަސްކޮށްދެއްވި ދެއްވުމެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބޭންޑް އެންޑް މިޔުޒިކް ވިންގުން އިންތިޒާމުކޮށްގެން ސިފައިންގޭގައި ފުރަތަމަފަހަރަށް އަންހެނުންގެ ބޮޑުބެރު ގްރޫޕެއް އެކުލަވައިލައްވައި، މުޅިން އަލަށް 30 އަންހެން ކުދިންނަށް، ބޮޑުބެރު ޖެހުމާއި، ލަވަކިޔުމާއި، އަތްޖެހުމާއި، ކުދި އަޑުތައް ކުޅޭ ތަކެތި ޖަހާނެގޮތް ޢަބްދުއްރައްޒާޤު ދަސްކޮށްދެއްވިއެވެ. އަދި ސިފައިންގެ [ސިފައުފާ] ގައި އަންހެނުންގެ ބޮޑުބެރުގެ ހުށަހެޅުންތައް ފުރަތަމަ ފަހަރަށް ދައްކާލިއިރު، އެކަމުގެ މުގުލުގައި ހުންނެވީ ޢަބްދުއްރައްޒާޤެވެ. އޭގެފަހުން ސްރީލަންކާގައި ބޭއްވުނު އިޙްތިފާލެއްގައި ސިފައިންގެ ފިރިހެން ބޮޑުބެރު ގްރޫޕާއި އަންހެން ބޮޑުބެރު ގްރޫޕުން ހުށަހެޅި ސަގާފީ އެކި ކުޅިވަރުތައް ދަސްކޮށްދެއްވީވެސް އޭނާއެވެ.
ރާއްޖޭގައި މަޝްހޫރުވެގެންދިޔަ [މަންދީރަ ބޮޑުބެރު ގްރޫޕް] އުފެއްދެވުމުގައިވެސް، ޢަބްދުއްރައްޒާޤު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޢަބްދުއްރައްޒާޤުގެ ޢާއިލާގެ ބޭފުޅެއްގެ ނަމުގައި ނަމުގައި އެ ގްރޫޕް ރަޖިސްޓަރީ ކުރައްވައި، ޒުވާން ކުދިން ގެންނަވައިގެން ބޮޑުބެރު ދަސްކޮށްދެއްވިއެވެ. އަދި މި ގްރޫޕް ކުރިއަށް ގެންދެވީ ޢާއިލާގެ މެންބަރުންނާއި، ގާތް ރަޙްމަތްތެރިން ބައިވެރިކުރައްވައިގެންނެވެ. 2010 ވަނަ އަހަރު އަލަށް ރާއްޖޭގައި ބޭއްވި [ބޮޑުބެރު ޗެލެންޖު ޓީ.ވީ.އެމް] ގައި ބައިވެރިވެ 3 ވަނަ، 2012 ވަނަ އަހަރު 1 ވަނަ އަދި 2015 ވަނަ އަހަރު 2 ވަނަ [މަންދީރަ ބޮޑުބެރު ގްރޫޕް] ހޯދިއެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ، މި ދެންނެވި ބޮޑުބެރު ޗެލެންޖުގެ ގަވާއިދު އެކުލަވާލައި ވުޖޫދަށް ނެރެދެއްވީވެސް އަބްދުއްރައްޒާޤުކަމެވެ.
މިނިވަން ފަންސާސް ފާހަގަކުރުމުގެގޮތުން 2015 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ދިވެހި ސަގާފީ ކުޅިވަރު ޢީދު [ފުނަ ޕްރޮގްރާމް]ގައި، އިސް ފަނޑިޔާރެއްގެ ގޮތުގައި ޢަބްދުއްރައްޒާޤު މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން، މިނިވަންދުވަހު ބޭއްވޭ އެކިއެކި ސަގާފީ ކުޅިވަރުތަކަށް ކުދިންނާއި މީހުން ތަމްރީނު ކުރެއްވުމުގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކުން އެދިވަޑައިގަތުމުންވެސް ސަގާފީ ކުޅިވަރުތައް ދަސްކޮށްދެއްވަމުން ގެންދަވައެވެ. އަދި 2015 ވަނަ އަހަރުގެ މިނިވަން ދުވަހު ރަސްމީ ދަނޑުގައި ބޭއްވި ކުޅިވަރު އައިޓަމްތަކުގައި ހޯމް މިނިސްޓްރީން އެދިވަޑައިގަތުމުގެ މަތިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބެރުވެރިން ގެނެސް، މިހާތަނަށް އެންމެ ގިނަ ބެރުވެރިން (ގާތްގަނޑަކަށް 150 ބެރުވެރިން) ބޭނުންކޮށްގެން، ދިވެހިވަންތަ އައިޓަމެއް ތައްޔާރުކުރައްވައި ހުށަހަޅުއްވައި ދެއްވުމުގެ އިސް މުދީރެއްގެ ގޮތުގައިވެސް ހުންނެވީ ޢަބްދުއްރައްޒާޤެވެ.
ޢަބްދުއްރައްޒާޤުގެ އުންމީދަކީ، ދިވެހި ސަގާފީ ކުޅިވަރުތައް ކުރިއަރުވައި، މި ރޮނގުން އިތުރު ޒުވާނުން ދިވެހި މުޖުތަމަޢަށް ނެރުއްވުމެވެ.